އަންނަ މަހުގެ 17 ވަނަ ދުވަހު މޯލްޑިވިއަންގެ ދަތުރުތަކުގައި ވައިޑް-ބޮޑީ މަތިންދާބޯޓު ބޭނުންކުރަން ފަށާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނެސް ޚިދުމަތް ދޭން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.
ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ ސަރުކާރުގެ އެހީތެރިކަމާއެކު މޯލްޑިވިއަންއަށް ހޯދި ވައިޑް-ބޮޑީ އޭ330 ގެ އެއަރކްރާފްޓް މިހާރު ޔޫރަޕުން ކުރަންޖެހޭ ހުރިހައި މަސައްކތެއް ނިންމައި ބޯޓުގެ ލިވަރީ ބަދަލުކުރުމަށްޓަކައި ސިންގަޕޫރަށް ގެންގޮސްފައިވާކަމަށެވެ. މިހާރު ޝެޑިއުލް އޮތްގޮތުން މިމަހުގެ 31 އަށް މި މަސައްކަތް ނިމިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާރު ޕްލޭން އޮތް ގޮތުން ފުރަތަމަ ވައިޑް-ބޮޑީ އެއަރކްރާފްޓް ޖަނަވަރީ މަހުގެ 7 ވަނަ ދުވަހު ރާއްޖެ އަންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މޯލްޑިވިއަންގެ ދުރު ދަތުރުތަކުގައި ޖަނަވަރީ 17 ވަނަ ދުވަހުން ފެށިގެން ވައިޑް-ބޮޑީ މަތިންދާބޯޓު ބޭނުންކުރަން ފަށާނެކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.
“މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓްތައް ދުރު ރާސްތާއަށް ފެށިގެންދާނެ ޖަނަވަރީ 17 ވަނަ ދުވަހުގައި. އެހިސާބުން ފެށިގެން 300 ވަރަކަށް ސީޓު ހުންނަ މަތިންދާބޯޓަކަށް ވާއިރު މިއިން ކޮންމެ ދަތުރަކުން ވަރަށް ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ. މީގެ ފައިދާ އަޅުގަނޑުމެންގެ އިކޮނޮމީއަށް ކުރާނެ”. ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ފާހަގަކުރެއްވިގޮތުގައި މިއީ ރާއްޖޭގެ އޭވިއޭޝަންގެ ސިނާއަތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ރާއްޖޭގެ ކުދި ވިޔަފާރިތަކަށްވެސް މިކަމުގެ ހެޔޮ އަސަރުތައް ކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"މީގެ ކޮންމެ ފްލައިޓަކުންވެސް 300 ވަރަކަށް ފަތުރުވެރިން ރާއްޖެއަށް އަންނާނެ މީގެ ފައިދާ ރާއްޖޭގެ އިޤްތިސާދަށް ކުރާނެ، މިއީ ފަތުރުވެރިކަމުގެ ސިނާއަތަކަށާއި އަދި ކުދި ވިޔަފާރިތަކަށްވެސް އެކަމުގެ ފައިދާ ކުރާނެ ކަމެއް،" ވަޒީރު ވިދާޅުވިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ 2 ވަނަ ވައިޑް ބޮޑީ އެއަރކްރާފްޓް އަންނަ އަހަރުގެ މެދުތެރޭ ރާއްޖެ ގެނައުން ކަމަށެވެ.
ވަޒީރު ވިދާޅުވީ ވައިޑް-ބޮޑީ އެއަރކްރާފްޓް ރާއްޖެ ގެނެސް ހިދުމަތް ދޭންފެށުމުން މީގެ މަންފާ މުޅި ރާއްޖެއަށް ކުރާނެކަމަށެވެ. އަދި މިއީ ރާއްޖޭގެ އޭވިއޭޝަން ސެކްޓަރއަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
ސަރުކާރުން މީގެކުރިން ވިދާޅުވެފައިވަނީ ބައިޑް-ބޮޑީ އެއަރބަސްގެ ދަތުރުތައް އެންމެ ފުރަތަމަ ކުރާނީ ޗައިނާއަށްކަމަށެވެ. އަދި މުސްތަޤުބަލުގައި ޔޫރަޕާއި ސައުތު އެފްރިކާގެ ޤައުމުތަކަށްވެސް ދަތުރުކުރާގޮތަށް ވަނީ ކަނޑައަޅާފައެވެ. މި މަންޒިލްތައް ދަތުރުތައް ފެށުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް އައިލެންޑު އޭވިއޭޝަނުން ދަނީ ކުރަމުންނެނެވ. އެގޮތުން އެޤައުމުތަކުން އެޖެންޓުން ހޯދުމާއި ގުޅުންތައް ބަދަހިކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.