ސްޕެނިޝް ލީގުގައި ރޭ ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދުވާ ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފިއެވެ.
އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އިން ރަށުން ބޭރުގައި ކުޅުނު މި މެޗުން މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 16 މެޗުން 36 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ ލިބިފަ އެވެ. އެއްވަނައިގައި އޮތް ބާސެލޯނާ އަށް 17 މެޗުން ލިބިފައިވަނީ 38 ޕޮއިންޓެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 36 ވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ ޖޫޑް ބެލިންހަމް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑާއެކު އޭނާ ވަނީ ލީގުގައި ޖެހިޖެހިގެން އެންމެ ފަހުން ކުޅުނު ފަސް މެޗުގައިވެސް ލަނޑު ޖަހާފަ އެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދިހަވަނަ މިނިޓުގައި ބެލިންހަމް ދިން ބޯޅައަކުން އާޑާ ގުލާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ރެއާލް މެޑްރިޑް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 62 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކިލިއަން އެމްބާޕޭ އެވެ. މިއީ ކްލަބް ލެވެލްގައި އެމްބާޕޭ ޖެހި 200 ވަނަ ލަނޑެވެ. އަދި ރެއާލް މެޑްރިޑާއި ގުޅުނު ފަހުން ލީގުގައި އޭނާ ޖެހި 9 ވަނަ ލަނޑެވެ. މީގެ ކުރިން އޭނާ ވަނީ މޮނާކޯ އަށް 16 ލަނޑު އަދި ޕީއެސްޖީ އަށް 175 ލަނޑު ޖަހައިދީފަ އެވެ.
އަންނަ އަންގާރަ ދުވަހު ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް ނިކުންނާނީ އެޓްލާންޓާ އާއި ދެކޮޅަށެވެ.