ޚަބަރު

ކުރިޔަށްއޮތް ދެއަހަރު ވެގެންދާނީ ވަޢުދުފުއްދުމުގެ ޢަމަލީ މަސައްކަތް ފެންނާނެ ދެއަހަރަށް: ރައީސް


  • ރައީސް ވިދާޅުވީ އެންމެ މުހިންމު އެއް ސިޔާސަތަކީ ރައްޔިތުންނާ ވީހާވެސްގާތުން ޚިދުމަތް ދިނުންކަމަށް

  • މިސަރުކާރުގައި ތަރައްޤީގެ ކަންކަން ހިންގާނީ ރޭވިގެން ވަކި ތަރުތީބަކުންކަމަށް ވިދާޅުވި

ކުރިއަށް އޮތް ދެއަހަރަކީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގެ މަސައްކަތް ޢަމަލީގޮތުން ފެންނާނެ ދެއަހަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އއ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ތޮއްޑުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ރައްޔިތުންނާ ވީހާވެސްގާތުން ޚިދުމަތް ދިނުންކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ތޮއްޑޫއަކީ މަސައްކަތްތެރި އަދި މުރާލި ރައްޔިތެއް ދިރިއުޅޭ ރަށެއްކަން ފާހަގަކުރައްވަމުން ވަނީ ދަނޑުވެރިކަމާއި ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށެއްކަމަށް ވިދާޅުވެފައެވެ. ވުމާއެކު ސަރުކާރުން އިސްކަންދޭނީ މި ސިނާއަތްތައް ކުރިއެރުވުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

ތޮއްޑޫ ކައުންސިލުން ލޯކަލް ކައުންސިލް އޮތޯރިޓީ ކުންފުންޏެއް އުފައްދާފައި އޮތުމުން، ކައުންސިލާ ގުޅިގެން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރަން ބޭނުންވާ މަޝްރޫޢު ހިންގަން ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

"އެއީ އިންވެސްޓްމަންޓް ހަމަޖެއްސުންކަމަށްވިޔަސް އެނޫންކަމެއްވިޔަސް. ފުރުޞަތު ފަހިކޮށްދޭނަން. ނަތީޖާއަކަށްވާނީ ރައޔްިތުން ފުދުންތެރިވުން. އަދި ޓޫރިޒަމާ ކަންކަމަށް އިންވެސްޓްކުރާނެ އިންވެސްޓަރުން ހަމަޖެހުން. ސިޔާސީ ފިކުރެއް އަޅުގަނޑު ނުގެންގުޅޭނަން. ބޭނުންމީ އެއްވެސް ސިޔާސީ ވިސްނުމެއްނުގެންގުުޅުން. ހުރިހާ ރައްޔިތުން ހަމަހަމަ. އެ ހަމަހަމަކަމާއެކު ޚިދުމަތްދޭނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތޮއްޑޫގެ މަގުތަކުގެ ޙާލަތު ވަރަށްބޮޑަށް ގޯސްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާގޮތަށް މަގުތައް އަންނަ އަހަރު ތަރައްޤީކޮށްދެއްވާނެކަމަށެވެ.

“ވަރަށް ފަސޭހަވާނެ ސްކޫލަށް ކުދިން އައުމަށްވެސް. އިޤްތިޞާދީ ގޮތުން ކުރިއަރައިގެން ދިއުމަށްވެސް. ފަސޭހަވާނެ.”ރައީސް ވިދާޅުވިއެވެ.

އަދި އަންނަ އަހަރުގެ ބަޖެޓްގެ ތެރޭން ތޮއްޑޫގެ ސިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާކުރެވިގެންދާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ތޮއްޑޫގެ ރައްޔިތުންނަށް ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު ވެގެންދާނީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވީ ވަޢުދު ފުއްދުމަށްޓަކައި އަމަލީގޮތުން އެމަސައްކަތް ހިނގާދާނެ އަހަރުތައްކަމަށެވެ. އަދި މިކަންކަން ކުރިއަށް ގެންދާނީ މުޅިރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ބަހާލެވިގެން ތަރުތީބެއްގެ ތެރޭންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިއްޙީ މަރުކަޒު ތަރައްޤީކޮށް ބޮޑުކުރުމާއި، ކުނިމެނޭޖްކުރުމުގެ މަސައްކަތަކީ ތޮއްޑޫއަށް ކޮންމެހެން ބޭނުންވާކަންކަން ކަމަށާއި މިމަސައްކަތްތައް އަންނަ އަހަރުތެރޭގައި ކުރިއަށް ގެންދަވާނެކަމަށެވެ.