ޚަބަރު

މަސްވެރިންގެ ދުވަސް ފާހަގަކުރާނީ ބާނާ މަހަށް ފައިސާ ލިބޭނެކަމުގެ ޔަޤީންކަމާއެކު


  • ސަރުކާރުގެ ފުރަތަމަ 3 އަހަރުގެތެރޭ މަސްވެރިކަމުގައި ހުރި މައްސަލަތަކަށް ހައްލު ގެނެސްދޭނެ

  • އެންމެ މުހިންމު އިސްކަމެއް ދެއްވައިގެން ކުރިއަށްދަނީ ޕްރޮސެސިން ކެޕޭސިޓީ އިތުރުކުރުން

މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގައި 3 ވަނަ ހިއްސާކުރާ ސިނާއަތެވެ. މިވީހާތަނަށް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެއްވެސް ސަރުކާރަކުން އެންމެ އެދެވޭ މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ. މީގެ އެންމެ އަލިގަދަ ހެއްކަކީ މަސްވެރިންގެ ފަރާތުން އަންނަ ޝަކުވާތަކާއި ކަންބޮޑުވުންތަކެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ގޮތުގައެވެ. މި ސަރުކާރު ވެރިކަމާއި ހަވާލުވީ މަސްވެރިންނަށް ގިނަ ވައުދުތަކަކާއި އެކުގައެވެ. އަދި އެކަންކަން ހާސިލްކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މަސްވެރިންގެ އަބަދުވެސް އޮންނަ އެންމެ ބޮޑު ކަންބޮޑުވުމަކީ އެމީހުން ބާނާ މަހަށް ފައިސާ ލިބުމުގައި ހުރި ދަތިތަކެވެ. މިކަން ހައްލުކޮށްދިނުމަށްޓަކައި މި ސަރުކާރުން ވަނީ މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭނެކަމަށް ވައުދުވެފައެވެ. މި ވައުދަށް ބައެއް ފަރާތްތަކުން ވަނީ ފާޑުވެސް ކިޔާފައެވެ. މިއީ ކުރެވޭނެކަމެއް ނޫންކަމަށް އެ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. ނަމަވެސް މިއަހަރުގެ މަސްވެރިންގެ ދުވަހު ރައީސް ވަނީ މި ވައުދު ފުއްދަވައި އެކަން އިއުލާންކުރައްވާފައެވެ.

ރައީސް ވިދާޅުވީ މަސްވެރިންނަށް ފައިސާ ދިނުމަށް އޮތް ބެކްލޮގް އެއްކޮށް ކްލިއަރ ކުރެވިފައިވާކަމަށެވެ. އަދި ބީއެމްއެލްގައި މަސްވެރިންގެ އެކައުންޓް ހުޅުވާފައިވާ ފަރާތްތަކަށް އެމަނިކުފާނުގެ އެ ވަޢުދާ އެއްގޮތަށް 48 ގަޑިއިރުގެތެރޭގައި ފައިސާ ޖަމާވަމުންދާނެކަމަށެވެ. މިއީ މަސްވެރިންގެ ދުވަހު މަސްވެރިންނަށް ސަރުކާރަކަށް ކޮށްދެވޭނެ އެންމެ މުހިންމު އެއްކަމެވެ.

މަސްވެރިކަމުގެ ސިނާއަތައް ވެރިކަމުގެ 1 އަހަރު ދުވަހުގެ ތެރޭގައި އެންމެ ބޮޑު ބަދަލެއް ގެނައި ސަރުކާރަކަށް ހަމަ ޔަޤީނުންވެސް މި ސަރުކާރު ވެގެންދާނެއެވެ. ސަރުކާރު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ވަނީ މިފްކޯގެ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކޮށް މިފްކޯއަކީ %100 ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކޮށްފައެވެ. އަދި މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައި މަސްވެރިން ދަފްތަރުކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ. އަދި އަންނަ ބުރާސްފަތި ދުވަހު މަސްވެރިންގެ ދަފްތަރުގެ ޤަވައިދު ގެޒެޓްކުރެވޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިއާއެކު ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކުން ދޫކުރާ ލޯނުތަކަށް އެދި ހުށައެޅޭނެއެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކޮށް، އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރުކުރުމަށްޓަކައި 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް ވަނީ ވެރިކަމުގެ 1 އަހަރު ދުވަހު އުފައްދަވާފައެވެ.

މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން ރެސްކިއު 1 ޑައިވަރަކު ތަމްރީން ކުރުމަކީ މި ސަރުކާރުގެ މުހިންމު އެއް ވައުދެވެ. ހަފުތާ 14ގެ ވަޢުދުތަކުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތްތަކުގެ ތެރެއިން ރެސްކިއުޑައިވަރގެ ފުރަތަމަ ބެޗުގެ ތަމްރީން މިހާތަނަށް 56 ދޯންޏަކުން
56 ފަރާތެއް މި ޕްރޮގްރާމްގެ ދަށުން ވަނީ ރެސްކިއު ޑައިވަރ ލެވެލްއަށް ތަމްރީނުވެފައެވެ.

މެރިކަލްޗަރ ތަރައްޤީކުރާ ޒޯންތަކެއްގެ ގޮތުގައި ރާއްޖޭގެ 4 ޒޯނެއް ވަނީ ކަނޑައަޅާފައެވެ. މި ޒޯންތަކުގައި ރަށްރަށާއި ފަރުތައް ހިމެނެއެވެ.

މެރިކަލްޗަރ ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ޒޯންތައް:

• ބޮޑުތިލަދުންމަތި (ހދ. އަދި ށ. އަތޮޅު) މެރިކަލްޗަރ ޒޯން
• މާޅޮސްމަޑުލު އުތުރުބުރީ (ރ) އަތޮޅު މެރިކަލްޗަރ ޒޯން
• މުލަކަތޮޅު (މ) އަތޮޅު މެރިކަލްޗަރ ޒޯން
• ކޮޅުމަޑުލު (ތ) އަތޮޅު މެރިކަލްޗަރ ޒޯން.

މި ސަރުކާރުގެ މެނިފެސްޓޯގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮތީ ކޮންމެ މަސްވެރިކަމެއްވެސް ބަލައިގަންނާނެކަމެވެ. މި މަސައްކަތުގެ ދަށުން ފަރުމަސްވެރިކަން ކުރަން ލޯނު ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ. އަދި އައިސްލިބުމުގައި މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނެސްދެއްވުމަށް ދޯނިފަހަރުގައި އާރުއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް ދަނީ ލޯނު ދޫކުރަމުންނެވެ.

މަސްވެރި ސިނާއަތުން އެންމެ ފުރިހަމަ ނަފާ ލިބުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކަކީ މަސްވެރިން ބާނާ މަސް ރައްކާކުރުމާއި އެ މަސް ދިވެހިރާއްޖޭގައި ޕްރޮސެސް ކުރުމުގެ ކެޕެސިޓީ ނެތުމެވެ. ޑރ މުޢިއްޒުގެ ސަރުކާރުގައި މަސްވެރި ވުޒާރާއިން އެންމެ އިސްކަމެއް ދެއްވައިގެން ކުރާ އެއް މަސައްކަތަކީ މި ފަސް އަހަރުގެ ތެރޭގައި މަސް ރައްކާކުރެވޭ ކެޕޭސިޓީ 25000 ޓަނަށް އިތުރުކުރުމާއެކު މަސް ޕްރޮސެސްކުރާނެ އިތުރު ކާރުޚާނާތައް އެޅުމެވެ.

މަސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަކީވެސް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. އެގޮތުން ގައުމީ ޔުނިވަސިޓީގައި މަސްވެރިކަމަށް ހާއްސަ ކޮލެޖެއް ޤާއިމްކޮށް ކޯސްތައް ފެށުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.