ޚަބަރު

ކޮރަޕްޝަން ހުއްޓުވުމުގައި ޒުވާނުންގެ ދައުރު ބޮޑު، ނަޒާހަތްތެރި ޖީލެއް ބިނާކުރަމާ!


  • އާބާދީގެ 1.8 ބިލިއަނަކީ ޒުވާނުންނަށްވާއިރު ކޮރަޕްޝަނާ ދެކޮޅަށް ތެދުވާންވީ ޒުވާނުން

  • މުޅި ދުނިޔެއަށްވެސް މިއަދު ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތައް ގުޅިފައިވަނީ ކޮރަޕްޝަނާ

އަމިއްލަ ފައިދާއަށްޓަކައި ތިމާއަށް ލިބިފައިވާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފުމަކީ ކޮރަޕްޝަނެވެ. ކޮރަޕްޝަނުގެ ސަބަބުން އެތަނެއްގެ ނުވަތަ ޔަކަށް އޮންނަ އިތުބާރު ގެއްލި، ޑިމޮކްރަސީ ބަލިކަށިވެ، އިގްތިޞާދީ ތަރައްގީއަށް ހުރަސްއެޅި، ނުތަނަވަސްކަމާއި ފަގީރުކަމާއި އިޖުތިމާއީ ބައިބައިވުން އިތުރުވެއެވެ.

ކޮރަޕްޝަންގެ ސަބަބުން އިޖްތިމާއީ ފޭރާން ވީދި، އެންމެ ބޮޑަށް ހުރަސް އެޅިގެންދަނީ ޤައުމުގެ މުސްތަޤުބަލު ކަމުގައިވާ ޒުވާނުންގެ ހުވަފެންތަކާއި އުންމީދުތަކަށެވެ. ތަޢުލީމީ ފުރުޞަތުތަކާއި ވަޒީފާގެ ފުރުޞަތުތަކާއި ކުޅިވަރާއި ސިއްޙީ ދާއިރާގެ އިތުރުން އެހެނިހެން މުހިންމު ޚިދުމަތްތަކަށް ބެލި ނަމަވެސް އެ ތަނެއްގައި ކޮރަޕްޝަނުގެ ވަބާ އަށަގެންފިނަމަ އެތައް ބަޔަކަށް ހުރި ފުރުޞަތުތައް ގެއްލިގެންދެއެވެ.

މުޅި ދުނިޔެއަށްވެސް މިއަދު ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތައް ގުޅިފައިވަނީ ކޮރަޕްޝަނާއެވެ. ޤައުމުތަކުގެ އިސްވެރިންގެ ނަޒާހަތްތެރިކަން ނެތުމުން ރައްޔިތުން އެތައް ގޮންޖެހުމަކާ ކުރިމަތިލާން ޖެހެއެވެ. ޒުވާނުން އިސްވެ މިއަދު ކޮރަޕްޝަނަށް ނޫނެކޭބުނެ، ކޮރަޕްޝަނާ ދެކޮޅަށް ތެދުވާންވީ މިފަދަ ކަންކަން ހައްލުކޮށް، ނަޒާހަތްތެރި މުޖުތަމައެއް ޤާއިމުކުރުމަށެވެ.

ދުނިޔޭގޭ އާބާދީގެ 1.8 ބިލިއަނަކީ ޒުވާނުންނަށްވާއިރު ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަ ކުރުމަކީ ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުންގެ މުސްތަގުބަލަށް މުހިންމު ކަމެކެވެ. އެއީ ކުރިއަށް އޮތްތަނުގައި ޤައުމުތަކުގެ ހުންގާނަށް އަރަން ތިބި މީހުންނެވެ. މިކަން ކުރުމަށް އެންމެ ފުރަތަމަވެސް އަމާޒު ހިފަންވީ ކޮންމެ ހާލަތެއްގައިވެސް ތިމާގެ ނަޒާހަތްތެރިކަން ގެއްލުވާ ނުލުމަށެވެ.

އަޅުގަނޑުމެންގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވޭ ކޮރަޕްޝަނުގެ އެއް ބާވަތަކީ އިންތިޚާބުތަކާ ގުޅުންހުރި ކޮރަޕްޝަނެވެ. ފައިސާއަށް ނުވަތަ ވަޒީފާއެއް ދޭނެކަމަށް ބުނުމުން އެތައް ބަޔަކު ވޯޓު ވިއްކާލައެވެ. އެކަމުގައި ތިމާއަށް އަދި މުޖުތަމައަށް ކުރާ އަސަރަކާމެދު ނުވިސްނެއެވެ. ފައިސާކޮޅަކަށް ވިއްކާލާ ވޯޓުގެ ސަބަބުން ތިމާގެ ނަޒާހަތްތެރިކަން ގެއްލިގެންދާއިރު އެއަމަލުގެ ސަބަބުން ނަޒާހަތްތެރި ނޫން ފަރާތެއް މަގާމަށް އިންތިޚާބުވެއްޖެނަމަ އޭގެ ގެއްލުން ލިބޭނީ މުޅި މުޖުތަމައަށެވެ. އަދި އެކަމުގެ ނޭދެވޭ އަސަރު ޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށް ކުރެއެވެ.

ގިނަ ފަހަރަށް ކޮރަޕްޝަން އަޅުގަނޑުމެންނަށް މާނަވެފައި އޮންނަނީ މާލީ ގޮތުން ފައިދާވާ ކަންކަމަށް އެކަންޏެވެ. ނަމަވެސް ނުފޫޒުގެ ބޭނުންކޮށްގެން ކަންކަން ކުރުވުމަކީވެސް ކޮރަޕްޝަނުގެ އެންމެ ނުރައްކާތެރި އެއް ބާވަތްތަކެވެ. ނުފޫޒުގަދަ މަގާމެއްގައި ހުންނަ ތިމާގެ އާއިލާ މީހެއް ނުވަތަ ރަހުމަތްތެރިއެއް މެދުވެރިކޮށްގެން ވަޒީފާއެއް ހޯދުމަށް މަސައްކަތް ކުރާއިރު އެ ހިންގެނީވެސް ކޮރަޕްޝަނުގެ އަމަލެއްކަން ގިނަ ފަހަރަށް ނޭނގެއެވެ. މިގޮތަށް ކުރާ ކަންކަމުން ގެއްލިގެންދާނީ އެކަމަކަށް ތިމާއަށްވުރެ ގާބިލު މީހާގެ ޙައްގެވެ.

އަޅުގަނޑުމެން މިއަދު މަސައްކަތް ކުރަންވީ ނަޒާހަތްތެރި ޖީލެއް ބިނާކުރުމަށެވެ. ކޮރަޕްޝަނުގެ ސަބަބުން ތިމާއަށް ގެއްލުނު ފުރުޞަތުތައް އެހެން މީހަކަށް ގެއްލުނަ ނުދިނުމަށެވެ. ކޮންމެ މީހަކީވެސް ނަޒާހަތްތެރި މީހަކަށްވުމަށެވެ.