އެއްވެސް ރައްޔިތަކަށް ލިބެމުންދާ ސަބްސިޑީއާއި އާސަންދަ ކަނޑާނުލާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ކ.އަތޮޅާއި އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އއ.މަތިވެރީގައި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަބްސިޑީއަށް ސަރުކާރުން ގެންނަވާ ބަދަލުތައް ތަފްސީލްކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވަނީ ދައުލަތުގެ ޚަރަދު ކުޑަކުރަންކަމަށެވެ. އަދި އެއްވެސް ރައްޔިތަކަށް ލިބޭ ސަބްސިޑީއާއި އާސަންދަ އަދި ރިޓަޔަރަމަންޓް ޕެންޝަންވެސް ނުކަނޑާނެކަމާއި، އޭގެބަދަލުގައި އެކަންކަން ރަނގަޅުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑު ކުރިން އިއުލާންކުރިގޮތަށް އަންނަ އަހަރު މިހާތަނަށް ޕޭހާމަނަޒިޒޭޝަންގެ ދަށުން މުސާރަ ބޮޑުނުވާ ހުރިހާ ސިވިލްސަރވަންޓުންނަށް 2025 ވަނަ އަހަރުމުސާރަ ބޮޑުކުރަން މިއޮތީ ނިންމާފަ. އަދި ޖުޑީޝަރީގަ މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށްވެސް. ދެން 2026 އަކީ ދެން ހުރި ހުރިހާ ދާއިރާއެއްގެ މުވައްޒަފުންގެ މުސާރަ ޕޭހާމަނައިޒްކުރެވި ބޮޑުވެގެންދާނެ އަހަރު. އެހެންވީމަ މިހާރު ލިބެމުންދާ އެއްވެސް އެއްޗެއް އުނިނުކޮށް އާމްދަނީ އިތުރުކޮށްދިނުން.”ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ފައިސާ ޗާޕްނުކޮށް، ރާއްޖެ ބަނގުރޫޓުވިޔަ ނުދީ، ޤައުމަށް އިޤްތިޞާދީގޮތުން ކުރިއެރުން ގެނެސްދެމުން އަދި އުމްރާނީ ތަރައްޤީ ގެނެސްދެމުންދާކަމަށް ވިދާޅުވިއެވެ. އަދި އެއީ އެމަނިކުފާނުގެ ސިޔާސަތުކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަބްސިޑީއަށް ގެންނަވާ އިސްލާހީ ބަދަލުތަކުގެ ތެރެއިން ގެންނަވާ އެންމެ ބޮޑު ބަދަލަކީ ނާޖާއިޒްކޮށް މީގެކުރިން ކުރަމުންދިޔަ ޚަރަދުތައް ކުޑަކުރުންކަމަށެވެ.
“މިސާލަކަށް ބޭހުގެ ވިޔަފާރީގެ ތެރޭގައި އުޅެމުންދާ އެތައް ބަޔަކު އުޅެމުންދޭ. އާސަންދައިގެ ތެރެއިން އެތައް ސަތޭކަ ޕަސެންޓެއްގެ ޕްރޮފިޓް ލާފަ ބޭސް ވިއްކާ ފަރާތްތައް. އެކަން ހުއްޓުވަން އެބަ. އެއީ ރައްތިތުންނަށް އުނދަގުލެވާކަމެއްނޫން. ރައްޔިތުންނަށް ލިބެމުންދާ އާސަންދައަށް އެއްވެސް އުންޏެއް ނާންނާނެ. ވަރަށް ގިނަވާނެ ތިބޭފުޅުންނަށްވެސް ފާހަގަވާނެ ވަރަށް ކުޑަކުޑަ 12 ފޫޓު 13 ފޫޓުގެ ތަނެއް ކުއްޔައް ނަގައިގެން އިސާހިތަކު މަސްދޯނިފަހަރު ގަނެ ބޮޑެތި ގެތައް ހަދާނެ” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބައެއް ބޭސް ރާއްޖޭގައި ވިއްކަމުން އަންނަނީ 1000 ޕަސެންޓަށްވުރެ ބޮޑު ފައިދާއެއް ލައިގެންކަމަށެވެ. އެގޮތުން އެންމެ ޢާންމުކޮށް ވިއްކާ 250 ބޭހަށް ބެލިނަމަވެސް އެ ހަގީގަތް ފެންނަންއޮތްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ބަލްކް ޕްރޮކިއުމަންޓް ނިޒާމުގެތެރެއިން އެންމެ ކޮލިޓީ ބޭސް ރާއްޖެއަށް އެތެރެކޮށް، އެސްޓީއޯއާ އެއް ރޭޓެއްގައި ބޭސްވިއްކުމަށް ނިޒާމަށް ބަދަލުތަކެއް ގެންނަވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ބޭސްވިއްކާ އަމިއްލަ ފަރާތްތަކުންވެސް ސަރުކާރުން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ބޭސް ވިއްކުމަށް އިލްތިމާސްކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޚަރަދުތައް ލުއިކޮށް އާމްދަނީ އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަކަމަށާއި، މިގެންނަ ބަދަލާއެކު އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެކަމަށެވެ.
ރާއްޖެއަކީ އާބާދީގެ ނިސްބަތުން އެންމެ ބޮޑު ސަބްސިޑީއެއް ދެމުން އަންނަ އެއް ޤައުމެވެ. އެގޮތުން އަސާސީ ހުރިހާ ޚިދުމަތަކަށް ސަރުކާރުން އަންނަނީ ސަބްސިޑީ ދެމުންނެވެ. މިއާއެކު ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވަނީ ސަބްސިޑީގެ ތެރެއިން ކުރާ ޚަރަދުތައް ކުޑަކުރުމަށް އިރުޝާދުދެއްވާފައެވެ. އަދި އިޝްރާފްކުޑަކުރުމަށް ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކަށްވެސް އެ އިދާރާތަކުން ވަނީ މަރުޙަބާ ކިޔާފައެވެ.