މެންޗެސްޓަރ ޔުނައިޓެޑާއި ޕޯޗުގަލްގެ ކުރީގެ ފޯވަޑް ނާނީ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފި އެވެ.
އުމުރުން 38 އަހަރުގެ ނާނީ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާން ކުރިއިރު އޭނާ ކުޅެމުންދަނީ ނާނީގެ އުފަން ޓައުންއަށް ނިސްބަތްވާ ޕޯޗުގަލްގެ ފުރަތަމަ ޑިވިޝަނުގެ ކްލަބް އެސްޓްރޭލާ އަމަޑޯރާ އަށެވެ.
ނާނީގެ ރަސްމީ ސޯޝަލް މީޑިޔާ ޕްލެޓްފޯމުގައި އޭނާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފުޓްބޯޅަ ކުޅުން ހުއްޓާލަންވީ ވަގުތު އައިސްފައިވާ ކަމަށާއި އޭނާ ދެން ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ނުފެންނާނެ ކަމަށެވެ.
ފާއިތުވެދިޔަ 20 އަހަރުގެ ތެރޭގައި އެންމެ މަތީ ފަންތީގައި ކުޅެފައިވާ ނާނީ މެންޗެސްޓަރ ޔުނައިޓެޑާއި ގުޅިފައިވަނީ 2007 ވަނަ އަހަރު 21 މިލިއަން ޕައުންޑުގެ ފީ އަކަށެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅެދިން 230 މެޗުގައި 41 ގޯލު ޖަހައިދީފަ އެވެ.
އަދި ޔުނައިޓެޑްގައި ހޭދަ ކުރި އަށް އަހަރުގެ ތެރޭގައި އޭނާ ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު, އިނގިރޭސި ޕްރިމިއާ ލީގު ހަތަރު ފަހަރު އަދި އިނގިރޭސި ލީގު ކަޕް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. ނާނީ ވަނީ 11-2010 ވަނަ އަހަރުގެ ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފަ އެވެ.
ނާނީ ވަނީ 15-2014 ވަނަ އަހަރުގެ ސީޒަނުގައި ލޯނެއްގެ ދަށުން ޕޯޗުގަލްގެ ސްޕޯޓިންގ އަށް ބަދަލުވެފަ އެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ތުރުކީގެ ފެނަބާޗޭއަށް ދާއިމީކޮށް ބަދަލުވެފަ އެވެ. ނާނީ ކުޅެފައިވާ އެހެން ކްލަބް ތަކުގެ ތެރޭގައި ސްޕެއިން ވެލެންސިއާ, އިޓަލީގެ ލަޒިއޯ އާއި ވެނޭޒިއާ, އޯލަންޑޯ ސިޓީ, އޮސްޓްރޭލިއާގެ މެލްބަން ވިކްޓަރީ ފަދަ ކްލަބްތައް ހިމެނެ އެވެ.
ނާނީ ވަނީ އޭނާގެ ޕްރޮފެޝަނަލް ހަޔާތުގައި 116 ގޯލު ކްލަބް ލެބެލްގައި ކާމިޔާބުކޮށްފަ އެވެ. ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅުނު 112 މެޗުގައި އޭނާ ވަނީ 24 ލަނޑު ޖަހާފަ އެވެ. އަދި އޭނާ ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ޕޯޗުގަލް އިން ކާމިޔާބު ކުރިއިރު އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.