ދުނިޔެ

އިންތިޚާބުގެ ކުރިން 18 މަހުގެ އިންތިޤާލީ މަރުޙަލާއަކަށް ސޫރިޔާގެ އިދިކޮޅު ލީޑަރު ގޮވާލައްވައިފި


ސޫރިޔާގައި ދެން ބާއްވައި އިންތިޚާބެއްގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރު ކުރުމަށްޓަކައި 18 މަސް ދުވަހުގެ ވެރިކަމުގެ އިންތިޤާލީ މަރުޙަލާއެއް ބާއްވަން، އެ ޤައުމުގެ އިދިކޮޅު ލީޑަރު ހާދީ އަލް ބަޙްރާ ގޮވާލައްވައިފިއެވެ.

ސޫރިޔާގައި ޙަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިން އެ ޤައުމުގެ ވެރިރަށް ދިމިޝްޤަށް ވަދެގަތުމުން އެ ޤައުމުގެ ރައީސް ބައްޝާރް އަލް-އަސަދު ވަނީ ޤައުމު ދޫކުރައްވައި ވަޑައިގެންފައެވެ.

ހަނގުރާމެރިންގެ ވަރުގަދަ ޙަމަލާތަކާ އެކު ސޫރިޔާގެ ވެރިކަން ކުއްލި ގޮތަކަށް ވެއްޓުމުން، މުޅި މެދުއިރުމަތި ހަމަޖެނުޖެހުމަކަށް ވެއްޓުނަ ނުދީ، ސުލްޙަވެރިކަމާ އެކު ސޫރިޔާގައި އާ ސަރުކާރެއް ޤާއިމުކުރެވިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ސޫރިޔާގެ އިދިކޮޅު، ސީރިއަން ނެޝަނަލް ކައުންސިލްގެ ވެރިޔާ، އަލް ބަޙްރާ ވިދާޅުވީ، ސޫރިޔާއިން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އާ ޤާނޫނުއަސާސީއެއް އެކުލަވައިލަންޖެހޭ ކަމަށާއި، އޭގެ ދަށުން ބޭއްވޭ ފުރަތަމަ ސަރުކާރެއް ޤާއިމުކުރަންވާނީ، ރައްޔިތުންގެ މެދުގައި ނެގޭ ފެންނަ ނުފެންނަ ވޯޓަކުން ކަމަށެވެ.

"ޤާނޫނުއަސާސީގައި ބަޔާންކުރާނީ، އަޅުގަނޑުމެންނަށް އޮންނަނީ ބަރުލަމާނީ ނިޒާމެއްތޯ، ރިޔާސީ ނިޒާމެއްތޯ، ނުވަތަ އޭގެ މަސްހުނި ނިޒާމެއްތޯ؟ އަދި މިކަމުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން އިންތިޚާބެއް ބާއްވައި، ރައްޔިތުން އެ މީހުންގެ ވެރިޔަކު ހޮވަނީ،" އަލް ބަޙްރާ ވިދާޅުވިއެވެ.

ސޫރިޔާގެ ދަޢުލަތުގެ މުވައްޒަފުންނަށް ރައްކާތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ދެއްވަމުން، އާ ސަރުކާރެއް ޤާއިމުކުރެވެންދެން، އޭނާ ވަނީ ދަޢުލަތުގެ މުވައްޒަފުން ވަޒީފާއަށް ނުކުތުމަށް އެދިވަޑައިގެންފައެވެ.

އަސަދުގެ 13 އަހަރުވީ ދިގު ވެރިކަން ކުއްލިއަކަށް ވެއްޓިފައިމިވަނީ، ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އަސަދުގެ އަސްކަރީ ބާރުގެ ފަހަތުގައި އޮތް އީރާނުގެ ތާޢީދު އޮވެގެން، ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުالله ޖަމާޢަތުގެ ގިނަ އިސް ލީޑަރުން އިސްރާއީލުގެ ޔަހޫދީ އިސްތިޢުމާރީ ފައުޖުން މަރާލައި، މުޅި މެދުއިރުމަތީގެ އަސްކަރީ ބާރުގެ ތަރުތީބު ބަދަލުވެފައިވާ ދަނޑިވަޅެއްގައެވެ.

އަސަދުގެ ސަރުކާރަށް ދެން އެންމެ ބޮޑަށް ވާގިވެރިވާ، ރަޝިޔާގެ ސަމާލުކަން ބޮޑަށް އޮތީ، ޔޫކްރޭން އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށެވެ.

"މިއީ ބަންޑެލިވަމުން އައިސްފައި އޮތް ކަމެއް. އެހެންވީމަ އަސަދު ދާން ނިންމި ނިންމުން ވަރަށް ސާފު. އަޅުގަނޑަށް ކޮންމެވެސް ވަރެއްގެ ތަސައްލީ އެއް ލިބުނު ނަމަވެސް، ކުޑަކޮށް ދެރަ ވެސް ވި. އެއީ އޭނާ [އަސަދު] ހިންގާފައިވާ ޖަރީމާތަކަށް ޖަވާބުދާރީ ކުރުވަންޖެހޭތީ،" އަލް ބަޙްރާ ވިދާޅުވިއެވެ.