މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ ޚަލާސްކޮށްފައިވާކަމަށާއި، މާދަމާއިން ފެށިގެން މަސްވެރިންނަށް 48 ގަޑިއިރުގެތެރޭގައި ފައިސާ ލިބެމުންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އއ. އަދި ކ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކ. ގާފަރަށްވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބީއެމްއެލްގައި މަސްވެރިންގެ އެކައުންޓް ހުޅުވާފައިވާ ފަރާތްތަކަށް އެމަނިކުފާނުގެ އެ ވަޢުދާ އެއްގޮތަށް 48 ގަޑިއިރުގެތެރޭގައި ފައިސާ ޖަމާވަމުންދާނެކަމަށެވެ. ރައީސް ވިދާޅުވީ މިއަދުން ފެށިގެން މަސްވެރިންނަށް ފައިސާ ދިނުމަށް އޮތް ބެކްލޮގް ނުވަތަ ފައިސާ ނުދީއޮތުން ނިމުމަކަށް އައީކަމަށެވެ.
ރައީސް ވިދާޅުވީ މިދިޔަ ސާދަ ދުވަހުގެ ފައިސާ މިއަދު މަސްވެރިންނަށް ޖަމާކޮށްދީފައިވާކަމަށެވެ. އެގޮތުން 38 މިލިޔަން ރުފިޔާ މިއަދު ޖަމާވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މަސްވެރިންގެ އޮޑިވެރިންނަށް ވަނީ ޖަމާކޮށްދެވިފައި، އެގޮތުން ބީއެމްލްގަ އެކައުންޓު ހުރި 196 ބޭފުޅަށް 32.4 މިލިޔަން ރުފިޔާ، އަދި އެމްއައިބީގަ އެކައުންޓު ހުރި 20 އޮޑިވެރިޔަކަށް 5.6 މިލިޔަން ރުފިޔާވަނީ ޖަމާކޮށްދީފައި، މިއާއެކު ބެކްލޮގް ނިމުމަކަށް އައީ، ދެނެއް ބެކްލޮގެއް ނާންނާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާދަމާއިން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކޮށްދެވޭނެ ކަމަށެވެ. މިއީ ބީއެމްއެލްގައި އެކައުންޓު ހުރި ފަރާތްތަކަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ވަރަށް މުހިންމު އެގްރިމެންޓެއް އިއްޔެވަނީ ހަދާފައި، އެއީ ފިނޭންސް މިނިސްޓްރީއާ، މިފްކޯ އާއި ބީއެމްއެލްއާ ދެމެދު އެގްރިމެންޓެއްގައި ސޮއިކޮށްފައި، މި އިންތިޒާމްތަކާ އެކު ބީއެމްއެލްގައި އެކައުންޓެއް އޮތް ނަމަ މަސް ކިރާތާ 48 ގަޑި އިރުގެތެރޭގައި ފައިސާ ޖަމާކޮށްދޭނެ، އެމްއައިބީގައި އެކައުންޓު ހުރި ފަރާތްތަކަށް އަދި އިތުރު ގޮތްތަކެއް ހޯދަން ޖެހޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ. އެގޮތުން ރާއްޖޭގައި މަސް ރައްކާކުރުމުގެ ގާބިލްކަން ދެގުނަ ކުރުމާއި ޕްރޮސެސިންގެ ފެސިލިޓީތަކުގެ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމަށެވެ. މީގެއިތުރުން މި ސިނާއަތް ސިންދަފާތު ކުރުމަށްވެސް ސަރުކާރުގެ ޕްލޭންތައް އެބަހުރިކަމަށާއި، މަސްވެރިކަމުގެ ސިނާއަތް އިތުރަށް
ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާއަތަށް މަސްވެރިކަން ހެދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.