ދުރުމުސްތަގުބަލަކަށްވެސް ބޭނުންކުރެވޭނެގޮތަށް، މާލެއަތޮޅު ގާފަރުގެ ބަނދަރު ޒަމާނީކޮށް ޖާގަ ދެގުނައަށް އިތުރުކުރުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖއެެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން އަންނަ އަހަރު ހިނގާނެކަމަށެވެ.
ގާފަރަކީ މަސްވެރިރަށެކެވެ. ނަމަވެސް މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ބަނދަރުގެ ޖާގައިގެ ދަތިކަމެވެ. ގާފަރު ބަނދަރަކީ އެހެނިހެން ރަށްރަށުގެ މަސްވެރިންވެސް ބޭނުންކުރާ ބަނދަރަކަށްވުމާއެކު ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރަން މަސްވެރިން ތިބީ ވަރަށް ބޮޑަށް ބޭނުންވެފައެވެ.
މިކަމަށް ޙައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގާފަރުގެ ބަނދަރުގެ ޖާގަ ދެގުނަކޮށްދެއްވުމަށް ވަޢުދުވެވަޑައިގެންފައެވެ. ގާފަރުގެ ބަނދަރަކީ 1000 ފޫޓުގެ ބަނދަރެކެވެ. މިހާރު އޮތް ބަނދަރުވެސް ތަރައްޤީކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ މީގެކުރިން ހައުސިން މިނިސްޓަރުކަމުގެ މަޤާމުގައި ހުންނަވައިގެންނެވެ.
ގާފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ގާފަރު ކައުންސިލާއި ކަމާގުޅުންހުރި ވުޒާރާއާ މަޝްވަރާކުރައްވައިގެން ދުރުރާސްތާއަށް ވިސްނައިގެން ކައުންސިލުން ބޭނުންވާ ޑިޒައިނެއް ހެދުމަށް އެދިވަޑައިގެންފައެވެ. އެގޮތަށް ޑިޒައިން ނިންމުމުން، ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫޢުގައި ހިމަނައިގެން ގާފަރު ބަނދަރަށް އިސްކަންދެއްވައިގެން އަންނަ އަހަރު ޢަމަލީ މަސައްކަތް ރައްޔިތުން ބޭނުންވާގޮތަށް ފަށްޓަވާނެކަމަށެވެ.
ރައީސް ވިދާޅުވީ ސިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް ސްކޫލްގެ ޖާގަ އިތުރުކުރުމަށްވެސް ވަޢުދުވެވަޑައިގެންފައިވާކަމަށާއި، އެކަންކަން ކުރިއަށް ގެންދަވާނެކަމަށެވެ. އެގޮތުން އަލަށް ފަށާ މަޝްރޫޢުތަކުގައި ހިމަނައިގެން އަންނަ އަހަރު އެ މަސައްކަތްތައް ފަށްޓަވާނެކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށްފަހު އެންމެ އިސްކަންދެއްވަނީ ސިއްޙީ އަދި ތަޢުލީމީ ދާއިރާގެ މަޝްރޫޢުތަކަށްކަމަށެވެ.
"މި ދެ މަޝްރޫޢުވެސް އަންނަ އަހަރު ހިނގާނެ. ބަލާނީ އިރާދަކުރެއްވިއްޔާ ނިމުމަކާ ހަމައަށްވެސް ގެންދަން. އެއާއެކު އައިސްޕްލާންޓް ކެޕޭސިޓީ ބޮޑުކުރަން ވައުދުވީން. މިހާރު އެހުރީ ވަކި ކެޕޭސިޓީއަކަށްހެދިފައި. އަޅުގަނޑުވީ ވަޢުދު ފުއްދާނަން. އަންނަ އަހަރު އިސްކަންދެނީ އައިސްޕްލާންޓް ނެތް ރަށްރަށުގައި ފުރަތަމަ އައިސްޕްލާންޓް ހެދުމަށް. އެކަމަށް ބޭރުގެ ފަންޑިން އަދި ސަރުކާރުގެ ބަޖެޓުގައި އެހުރީ ތާވަލުކުރެވިފައި. ނަމަވެސް ވައުދުވީގޮތަށް މިރަށު އައިސްޕްލާންޓްވެސް ދެގުނަކުރާނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުޅިވަރާއި ކުނި މެނޭޖުކުރުން ހިމެނޭހެން އެހެން ދާއިރާތަކުންވެސް ސަމާލުކަންދީގެން މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށެވެ.
އަންނަ އަހަރަކީ ރާއްޖޭގެ އެކިރަށްރަށުގައި އަމަލީގޮތުން ވަރަށް ގިނަ މަޝްރޫޢުތައް ހިނގާނެ އަހަރެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.