ޚަބަރު

އަސަދުގެ ވެރިކަން ވެއްޓުމުން ޔަހޫދީންގެ ކަޅި ސޫރިޔާއަށް


ސޫރިޔާގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ވެއްޓުމުން ޔަހޫދީ ދައުލަތުން އެ ކަމުގެ ފައިދާ ނަގައި އިތުރު ބިންތައް އިސްތިޢުމާރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. 1967ވަނަ އަހަރު ޢަރަބިންނާ ދެކޮޅަށް ކުރި ހަނގުރާމާގައި ޔަހޫދީން ވަނީ ސޫރިޔާގެ ޖޫލާނުގެ އުސް ބިންތައް އިސްތިޢުމާރުކޮށްފައެވެ. އަދި އަސަދުގެ ވެރިކަން ވެއްޓުމުން ޔަހޫދީ އިސްތިޢުމާރީ ފައުޖުން ވަނީ ސޫރިޔާގެ ސަރަޙައްދީ ރޮނގުގެ އިން ފަހަތަށް ޖައްސައި އިތުރު ސަރަޙައްދަކަށް އަތްގަދަކޮށްފައެވެ.

ޔަހޫދީންގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޔަހޫދީ ފައުޖުން އިސްތިޢުމާރު ކުރި އައު ސަރަޙައްދުތައް ކައިރިއަށް ޒިޔާރަތްކޮށްފައެވެ. އޭނާ ވަނީ އަސަދުގެ ވެރިކަން ވެއްޓުމަކީ ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އަސަދުގެ ވެރިކަން ވެއްޓުނީ ޔަހޫދީ އިސްތިޢުމާރީ ފައުޖުން އީރާނާއި ލުބުނާނުގެ ޙިޒްބުﷲ ޖަމާޢަތާ ދެކޮޅަށް ދިން ވަރުގަދަ ޙަމަލާތަކުގެ ސަބަބުން ކަމަށް ނަތަންޔާހޫ ބުންޏެވެ. އޭނާ ވަނީ އަސަދުގެ ވެރިކަން ވެއްޓުމުން ޔަހޫދީން އިތުރު މަގުތަކެއް ފަހިވެފައިވާ ކަމަށް ބުނެފައެވެ.

އަސަދުގެ ވެރިކަން ވެއްޓުނު ދަނޑިވަޅާ ދިމާކޮށް ޔަހޫދީ އިސްތިޢުމާރީ ފައުޖުން ވަނީ ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ބޮން އަޅައިފައެވެ. އިތުބާރުހުރި މަސްދަރުތަކުން ބުނެފައިވާ ގޮތުގައި ޔަހޫދީ އިސްތިޢުމާރީ ފައުޖުގެ ޙަމަލާތައް ޢަމާޒުކޮށްފައި ވަނީ ސޫރިޔާގެ އަސްކަރިއްޔާއިން ދޫކޮށްލާފައި މިސައިލުތަކާއި ރޮކެޓުތައް ހަނގުރާމަވެރި ޖަމާޢަތެއްގެ އަތްދަށަށް ދިޔުމުގެ ކުރިން ނައްތާލުމަށެވެ.