އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް، ޚިދުމަތްތައް ބައިނަލްއަޤުއާމީ ފެންވަރަށް ގެންދެވުމަށް ފަށްޓަވާފައިވާ މަޝްރޫޢު ނިމި، އޮގަސްޓް މަހުގެ ތެރޭގައި ޚިދުމަތްދޭން ފެށޭނެކަމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުން ހާމަކޮށްފިއެވެ.
އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އިބްތިޝާމާ އަޙްމަދު ސަޢީދު ވިދާޅުވީ، އޮގަސްޓް މަހުގެތެރޭގައި އެއަރޕޯޓްގެ ޚިދުމަތްތަކާއެކު ސީޕްލޭންގެ ޚިދުމަތްވެސް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.
ގަން އިންޓަރނޭނޝަނަލް އެއަރޕޯޓު ތަރައްޤީކުރެއްވުމުގެ މަސައްކަތް ފަށްޓަވާފައިވަނީ 2014 ވަނަ އަހަރުގައެވެ. މި މަޝްރޫޢުގެ ތެރޭގައި ހިމެނެނީ، ރަންވޭ ބޮޑުކުރުމާއި، ކުރީގެ ރަންވޭ ރިސާރފޭސް ކުރުމާއި، ޓެކްސީވޭ ފުޅާކުރުމާއި، ޓެކްސީވޭތަކާއި، އޭޕްރަން ރިސާރފޭސް ކުރުން އަދި ސީޕްލޭން ރަންވޭ ހަދާ، ސީޕްލޭންގެ ޚިދުމަތް ފެށުމެވެ. މި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ، ރަންވޭ ބޮޑުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމައި 2015 ވަނަ އަހރުގެ މެދުތެރޭގައިވަނީ ހުޅުވާފައެވެ.
އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އިބްތިޝާމާ އަޙްމަދު ސަޢީދު ވިދާޅުވީ، ރަންވޭގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ، އޭޕްރަން ރިސާރފޭސްކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މިހާރު ތާވަލް ކުރެވިފައިވާ ގޮތުން މި މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް ނިމި، ހުރިހާ ޚިދުމަތްތަކާއެކު ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވިގެންދާނެކަމަށް އިބްތިޝާމާ ވިދާޅުވިއެވެ.
ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ ސީޕްލޭންގެ ޚިދުމަތްވެސް އޮގަސްޓް މަހުގެތެރޭގައި ފެށޭނެ ކަމަށާއި، އެކަމަށް ތައްޔާރުވަމުން އަންނަކަމަށް އިބްތިޝާމާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސީޕްލޭންގެ ޚިދުމަތް ފެށުމަށްޓަކައި، ސީޕްލޭން ދެ ރަންވޭ ކޮނެ ތައްޔާރުކޮށްފައިވާކަމަށެވެ.
މީގެ އިތުރުންވެސް ގަމުގައި 250 އެނދުގެ ތިންތަރީގެ ހޮޓަލެއް އެޅުމުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދާކަން އިބްތިޝާމާ ފާހަގަކުރެއްވިއެވެ. އިބްތިޝާމާ ވިދާޅުވީ މިއާއެކު މި ދެކުނުގެ ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. މިމަޝްރޫޢަށް 50 މިލިއަން ޔޫއެސް ޑޮލަރު ޚަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
މި މަޝްރޫއުތަކާއެކު ދެކުނުގެ ފަތުރުވެރިކަން ފުޅާވެ، ވަޒީފާގެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެއެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްވެސް ފައިދާވެގެންދާނެކަން ޔަޤީނެވެ.