އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށް ބައިނަލްއަޤުވާމީގޮތުން ބަލައިގަންނަ އަދި ރައްކާތެރިކޮށްދޭންޖެހޭ ޙައްޤުތައް އެންމެ ފުރަތަމަ ކަނަޑައެޅިގެން ދިޔައީ 10 ޑިސެންބަރު 1948 ގައި އދ. މަޖިލީހުގެ ޢާއްމު ޖަލްސާއިން ފާސްކޮށް އިޢުލާނު ކޮށްފައިވާ އިންސާނީ ޙައްޤުތަކުގެ ޢާއްމު ޤަރާރުގައެވެ. އޭގެ ފަހުން މިއަދު 76 އަހަރު ފާއިތުވެފައިވާއިރު، އިންސާނީ ހައްޤުތައް ދުނިޔޭގެ އެކި ޤައުމުތަކުގައި މާނަކުރާ ގޮތް ތަފާތެވެ.
އިންސާނީ ހައްޤުތަކުގެ ދުވަސް ފާހަގަކުރާއިރު، ގިނަ ބައެއްގެ ހިތުގައި މިހާރުވެސް އުފެދޭ ސުވާލަކީ އިންސާނީ ހައްޤުތަކަކީ ކޮބައިހެއްޔެވެ. ދިވެހި ރާއްޖޭގެ އިންސާނީ ހައްޤުތައް ރައްކާތެރިކުރެވޭ މިންވަރު ވަޒަންކުރުމުގެ މައި އިދާރާ ހިއުމަން ރައިޓްސް ކޮމިޝަނުން މިކަން މާނަކުރަނީ، އިންސާނީ ޙައްޤުތަކަކީ އިންސާނަކަށް ވީތީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤުތަކުގެ ގޮތުގައެވެ. އެގޮތުން، އިންސާނީ ޙައްޤުތަކުގެ މައިގަނޑު އަސާސްތައް ބިނާވަނީ، އިންސާނީ ކަރާމަތާއި، ހަމަހަމަކަމުގެ މައްޗައް ކަމަށް އެޗްއާރްސީއެމުން ވިދާޅުވެއެވެ.
ދުނިޔޭގެ ކަންކޮޅުތަކަށް ބަލާއިރު، އިންސާނީ ހައްޤުތަކަށް ވަކާލާތުކޮށް، އިންސާނީ ހައްޤުތައް ކަށަވަރުކޮށްދޭ ކަމަށް އެކި ޤައުމުތަކުގެން ދައުވާ ކުރެއެވެ. ނަމަވެސް އަދުގެ ހަޤީޤަތައް ބަލާއިރު، ދުނިޔެ ކުރިމަތީގައި އެފަދަ ޤައުމުތައް ތިބީ، މިވާހަކަ ދައްކާ ބަޔަކަށް އިނގިލި ދިއްކުރާ ހާލެއްގައެއް ނޫނެވެ. މެދުއިރުމައްޗާއި އެފްރިކާގެ ޤައުމުތަކުގައި އެ ހައްޤުތައް ނިގުޅައި ގަތުމުގައި އެ ވާހަކަ ދައްކާ ޤައުމުތަކުން ދަނީ ވާގިވެރިވަމުންނެވެ. ފަލަސްޠީނުގެ ޢައްޒާގެ ރައްޔިތުންގެ އިންސާނީ ހައްޤެއް އެބައިމީހުންނަށް ނުފެންނަ ކަހަލައެވެ.
ކަން މިހެން އޮތްނަނަމަވެސް، ބައިނަލްއަޤްވާމީ މައިދާނުގައި އިންސާނީ ހައްޤުތައް ކަށަވަރުކުރުމުގައި ދިވެހިން މުހިންމު މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން އދ. އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލުގެ މެންބަރުކަން ދިވެހި ރާއްޖޭން އަދާ ކުރަމުންދާއިރު، މޫސުމަށް އަންނަ ބަދަލާއި އިންސާނީ ހައްޤުތަކާއި ދެމެދު އޮންނަ ގުޅުން އެ ކައުންސިލުގައި ކުރެވޭ މަސައްކަތުން ދިވެހިން ދަނީ އަންގައި ދެމުންނެވެ. ހަމަ އެއާއިއެކު ފަލަސްޠީނުގެ ރައްޔިތުންގެ އިންސާނީ ހައްޤުތަކަށް މެދުކެނޑުމެއް ނެތި ދަނީ ވަކާލާތު ކުރަމުންނެވެ.
ބައިނަލްއަޤްވަމީ މައިދާނުގައި ކުރެވޭ މަސައްކަތުގެ އިތުރަށް ރާއްޖޭގައިވެސް މިދާއިރާއިން މުހިންމު ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. އެގޮތުން ހައްޤުތައް ކަށަވަރު ކުރުމަށް ޤާނޫނު އަސާސީގައި ހިމަނައި އެކަމަށް ބާރުލިބޭ އެތައް ޤާނޫނެއް ވަނީ ފާސްކޮށްފައެވެ. އަދި އިންސާނީ ކަރާމާތައް އަރައިގަންނަފަދަ ޢަމަލުތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
މީގެތެރޭގައި އެކި ފަހަރުތަކުގެ މަތިން ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއި، އެންޓި ޓޯޗަރ ޤާނޫނާއި ވިސްލް ބްލޯވަރ ޤާނޫނުގައި ހުރިކަންކަންކަން ފާހަގަކޮށްލެވެއެވެ. މިއިން ކޮންމެ ޤާނޫނެއްގެ ތެރެއިންވެސް އިންސާނީ ހައްޤުތައް ރައްކާތެރިކޮށް ކަށަވަރު ކުރުމަށް މުހިންމު ކަންކަން ވަނީ ހިމަނާފައެވެ.
މިއަދު އެޗްއާރްސީއެމް އުފެދުނުތާ 21 އަހަރު ފުރޭއިރު، އެއިދާރާއިން ދަނީ ރާއްޖޭގެ އިންސާނީ ހައްޤުތައް ކަށަވަރުކުރުމާގުޅޭ ގިނަ މައްސަލަތައް ބަލަމުންނެވެ. އެކޮމިޝަނުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހިއުމަން ރައިޓްސް ކޮމިޝަނަށް 311 މައްސަލައެއް ހުށަހެޅިފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި 431 މައްސަލައެއް އެ ކޮމިޝަނުން ބަލަމުން ގޮސްފައިވެއެވެ. އަދި 143 މައްސަލަ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ކޮމިޝަނުން ވަނީ ބަލައި ނިންމާފައެވެ.
އެ މުޢައްސަސާއަށް މައިގަނޑު ގޮތެއްގައި ހުށަހެޅޭ މައްސަލަތަކުގެ ތެރޭގައި، ޖަލުތަކުގެ ޤައިދީންނާއި ގުޅުން ހުރި މައްސަލަތަކާއި، އިޖްތިމާޢި މައްސަލަތަކާއި، އަންހެނުންނާއި ކުޑަކުދިންގެ މައްސަލަތަކުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މައްސަލަތައް ހިމެނެއެވެ. އަދި ސިޔާސީ ކަންކަމާއި ގުޅުންހުރި މައްސަލަތަކަކީވެސް އެކޮމިޝަނަށް ހުށަހަޅާ މައްސަލަތަކެވެ. މީގެ އިތުރުން އެންޓި ޓޯޗަރ ޤާނޫނުގެ ދަށުން ހުށަހެޅޭ މައްސަލަތަކަކީވެސް އެ ކޮމިޝަނުން ބަލަން ޤާނޫނުގައި ކަނޑައެޅިފައިވާ މައްސަލަތަކެކެވެ. މީގެ އިތުރުން އެކޮމިޝަނަށް ވަކި ފަރާތަކުން ހުށަނޭޅިނަމަވެސް ބައެއް މައްސަލަތައް ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށްވެސް ބަލައެވެ.
އިންސާނީ ހައްޤުތަކުގެ ދުވަހެއް މިއަދު ފާހަގަކުރާއިރު، އަޅުގަނޑުމެން އެންމެންވެސް ވިސްނާލަން ޖެހެނީ އެއްވެސް މީހަކު އަނެކާގެ ހައްޤަކަށް އަރައި ނުގަތުމަށެވެ. އަދި އިންސާނީ ކަރާމާތަށް ގެއްލުންވާ ގޮތަށް އެއްވެސް ފަރާތަކުން ޢަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަޅުގަނޑުމެން އިންސާނުންނަށްވީތީ ލިބިފައިވާ ހައްޤުތަކަކީ ކޮބައިކަން ދަނެގަންނަން ޖެހެއެވެ. އެ ހައްޤުތައް ކަށަވަރު ކުރުމަށް، ފަސް ނުޖެހި މަސައްކަތް ކުރަން ޖެހެއެވެ. މިއީ އިޖްތިމާޢީ ގޮތުން ކުރިމަތިވާ އެތައް މައްސަލައަކަށް ހައްލު ގެންނަން ކޮށާލެވޭ މަގަށް ވެގެންދާނެއެވެ.
މިއަހަރު އިންސާނީ ހައްޤުތަކުގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރުންވެސް ދޭހަކޮށްދެނީ މިކަމެވެ. މިއަހަރުގެ ޝިއާރު "އަޅުގަނޑުމެންގެ ހައްޤުތައް، އަޅުގަނޑުމެންގެ މުސްތަޤުބަލް، މިހާރު" މި ޝިޢާރަކީ ހައްޤުތައް ކަށަވަރުކުރުމަށް އަޑުއުފުލައި މަސައްކަތް ކުރުމަށް ގޮވާލާ ޝިޢާރެކެވެ.