މީގެކުރިން މިފްކޯއަށް ލިބޭ އާމްދަނީން ޚަރަދުކުރާއިރު ލިސްޓްގެ އެންމެ ފަހަތަށް މަސްވެރިން އައިނަމަވެސް، މިހާރު މަސްވެރިން އަންނަނީ އެ ލިސްޓުގެ އެންމެ ކުރިއަށްކަމަށާއި، އެއިން ދައްކައިދެނީ މަސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަމިއްޔަތުކަންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބުމަކީ މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުންކަމަށެވެ. މި ސަރުކާރު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިންނަށް 250 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޭންޖެހިފައި އޮތްކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެ ފައިސާ ދީ ޚަލާސްކުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އެ ވަޢުދު ފުއްދެވުމަށް ކަމާގުޅުންހުރި މުއައްސަސާތަކާއި ވަރަށް ގާތުން އެމަނިކުފާނު މަޝްވަރާކުރައްވައި މަސައްކަތްކުރައްވާތާ ގިނަ ދުވަސްތަކެއް ވެފައިވާކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، މީގެކުރީގެ ސަރުކާރުތަކުން މިފްކޯގެ ދަށުން މަސްވެރިންގެ ކަންކަން ހުރީ އެންމެ ފަހަތަށް ލާފައިކަމަށެވެ. ނަމަވެސް އަދުގެ ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިން އެންމެ ކުރިއަށްލާފައިކަމަށް ވަޒީރު ވިދާޅުވިއެވެ. މަސްވެރިން ކިރުވާ މަހަށް މަސްވެރިންނަށް ފައިސާ ނުދެވި އެހާ ގިނަދުވަސް އެވަނީ މަސްވެރިން ފަހަތައް އަންނާތީކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ މި ކުރެއްވި ކަމަކީ މަސްވެރިން ބާނާ މަހުން ލިބޭ އާމްދަނީ ނޫނިއްޔާ މިފްކޯގެ އާމްދަނީން އެންމެ އިސްކަން ދޭންޖެހެނީ މަސްވެރިންނަށްކަން. އެއަށްފަހުކަން މަސްވެރިކަން ކޮށްގެން ލިބޭ އާމްދަނީއަކުން އެހެން ކަންކަން އަންނަ ގޮތައް އެ ހަމަޖެއްސެވީ. ފުރަތަމަ މަސްވެރިންނަށް ދޭންޖެހޭ ފައިސާ މިފްކޯގެ އާމްދަނީން ދިނުމަށް އެ މަނިކުފާނު އެ އިސްކަމެއް ދެއްވީ. ވަރަށް ބޮޑު ބަދަލެއް. މީގެކުރިން މަސްވެރިން އަންނަނީ ފަހަތައް އެހެންނަމަވެސް މިހާރު މިއައީ އެންމެ ކުރިއަށް. އެއީ އެންމެ މުހިންމު ކަމަކީ." ވަޒީރު ވިދާޅުވިއެވެ.
މިފްކޯ ހަރުދަނާކުރެއްވަށްވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މިފްކޯ ހިންގެވުމަށް ފުރަތަމަ ފަހަރަށް ވަނީ ބޭރުގެ ސީއީއޯއެއް އައްޔަންކުރައްވާފައެވެ. މިއީ ނުފޫޒުން އެއްކިބާވެ މިފްކޯގެ ހިންގުން ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.