ޚަބަރު

ދެކުނުގެ ކަސްޓަމްސްގެ ސަރަހައްދީ އޮފީސް ހުޅުވައި ޚިދުމަތް ދޭން ފަށައިފި


  • މި އޮފީހުން މި ސަރަހައްދުގެ ބަނދަރުތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނެ

ދެކުނުގެ ކަސްޓަމްސްގެ ސަރަހައްދީ އޮފީސް އައްޑޫސިޓީ މަރަދޫގައި ހުޅުވައިފިއެވެ. މި އޮފީސް ހުޅުއްވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން އާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ.

އައްޑޫސިޓީ މަރަދޫ ބަނދަރު ސަރަހައްދުގައި ހުޅުވާފައިވާ ދެކުނު ކަސްޓަމްސްގެ ސަރަހައްދީ އޮފީސް ހުޅުއްވައި ދެއްވުމުގައި ރަސްމިއްޔާތުގައި އެތަން ހުޅުވައި ދެއްވާ އެތަނުގެ ދިދަ ވަޒީރު އިހުސާނާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވަނީ ނަންގަވައިދެއްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާން ވަނީ ކަސްޓަމްސްއިން ދެމުންދާ ޚިދުމަތްތަކަކީ ރައްޔިތުން ޤަބޫލުކުރާ ފަދަ ޚިދުމަތްތަކަށް ހެދުމަށް ގޮވާލައްވާފައެވެ. ވަޒީރު ވިދާޅުވީ އައްޑޫއަކީ މަދު ވިޔަފާރިވެރިން ތިބި ނަމަވެސް ގިނަ މުދާ އެތެރެކުވޭ ތަނެއްކަމަށެވެ. އެހެންކަމުން ވިޔަފާރިތަކަށް ފަހިވާގޮތަށް ކަންކަން އިންތިޒާމުކޮށްދިނުމަށް ވަޒީރު ވަނީ އެދިވަޑައިގަންނަވާފައެވެ.

މީގެއިތުރުން އަލަށް ހުޅުވުނު ކަސްޓަމްސް އޮފީހުގެ މަސައްކަތް ބައްޓަންވެގެން ދާނީ މިސަރަހައްދުގެ ޑޮކިއުމެންޓޭޝަން މަސައްކަތަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ކަސްޓަމްސްއިން ދޭ ބައެއް ޚިދުމަތްތައް މާލެއިން ބޭރުގައި ދެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވިއެވެ.

"މިވަގުތުވެސް މިސަރަހައްދުގެ ގިނަ ޑޮކިއުމެންޓޭޝަން މަސައްކަތް ކުރުމަށް މިއޮފީސް ބައްޓަން ވެގެންދަނީ. ކުރިއަށް އޮތްތާ އަޅުގަނޑުމެންގެ ވިސްނުން އެބަހުރި މުޅި ރާއްޖޭގައިވެސް ކަސްޓަމްސް ބައެއް ޚިދުމަތްތައް ދެވޭ ވަރުގެ އޮފީހަކަށް މިއޮފީސް ވެގެން އައުން." ވަޒީރު އިހުސާން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވީ މި އޮފީހާއެކު މި ސަރަހައްދުގައި ބަނދަރުތަކުން ދޭ ކަސްޓަމްސްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެވި ފުޅާވެގެންދާނެ ކަމަށެވެ. މީގެ އިތުރުން މުވައްޒަފުންނަށް ތަމްރީނުތައް ދިނުމަށް ކްލާސްރޫމްތަކެއްވެސް އޮފީހުގައި ޤާއިމްކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

ކަސްޓަމްސް އައު އޮފީސް އިމާރާތުގައި މުވައްޒަފުން މަސައްކަތް ކުރުމަށް ބޭނުންވާ ޖާގައިގެ އިތުރުން، ކްލާސްރޫމްތަކާއި ކޮންފަރެންސް ހޯލަކާއި، އެކޮމޮޑޭޝަން ބްލޮކެއް ވަނީ ޤާއިމްކޮށްފައެވެ. މިވަގުތު ކަސްޓަމްސްގެ ޚިދުމަތް އައްޑޫގައި ދެމުންދަނީ ގަމުގެ ވައިގެ ބަނދަރާއި ހިތަދޫ ޕޯޓް
ލިމިޓެޑުގައި ގާއިމްކޮށްފައިވާ އޮފީހުގައެވެ.