ޔަހޫދީ ދަޢުލަތުގެ ނިރުބަވެރި ވެރިޔާ ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް އުފުލާފައިވާ ޚިޔާނާތުގެ މައްސަލައިގައި ފުރަތަމަ ފަހަރަށް އޭނާ ހެކިބަސް ދީފިއެވެ.
އުމުރުން 75 އަހަރުގެ ނަތަންޔާހޫއަކީ ޔަހޫދީ ދަޢުލަތުގެ ބޮޑު ވަޒީރުންގެ ތެރެއިން އެމީހަކާ ދެކޮޅަށް ކުށެއްގެ ދަޢުވާ އުފުލާފައިވާ ފުރަތަމަ މީހާއެވެ. އޭނާއަކީ 2009ވަނަ އަހަރުން ފެށިގެން ހުރިހާ އަހަރަކުހެން ޔަހޫދީ ދަޢުލަތުގެ ވެރިޔާގެ ގޮތުގައި ޙަރަކާތްތެރި ވަމުން އަންނަ ޖައްބާރެކެވެ. 2019ވަނަ އަހަރު އޭނާގެ މައްޗަށް ރިޝްވަތާއި މަކަރާއި ހީލަތާއި އިތުބާރު ގެއްލުވާލުމުގެ ތުހުމަތުގައި ދަޢުވާ އުފުލާފައިވަނީ އޭނާއާ ގާތް މިލިއަނަރުންތަކެއް ދީފައިވާ ހަދިޔާތަކަކާ ގުޅިގެންނާއި މީޑިޔާގައި ނުފޫޒުގަދަ ބަޔަކަށް ނުހައްޤުން ފައިދާ ހޯދައިދިނުމަށް މަސައްކަތް ކޮށްދީ އެ މަސައްކަތަށް ބަދަލެއް ދިނުމަށް އޭނާ އެދިފައި ވާތީއެވެ. ނަމަވެސް އޭނާ އެ ތުހުމަތުތައް ދޮގުކުރެއެވެ.
ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައިވާތާ އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ފަނޑިޔާރުން ވަނީ މި މުއްދަތުގައި ޚިޔާނާތުގެ މައްސަލައިގައި އޭނާ ކޯޓަށް ހާޒިރުވުން ފަސްކޮށްދީފައެވެ. ނަމަވެސް ފަނޑިޔާރުން މިހާރު ވަނީ އޭނާ ހެކިބަސް ދޭން ފަށަން ޖެހޭ ކަމަށް އަންގައިފައެވެ. ދައުވާއަށް ޖަވާބުދާރީވުމަށް، ހަނގުރާމައިގެ ޙާލަތު ހުއްޓުމެއް ނެތި ކުރިއަށް ދިޔަ ނަމަވެސް އަދި ސޫރިޔާގެ ދާޚިލީ މައްސަލައިގެ ތެރެއަށް ޔަހޫދީ ދަޢުލަތުން ވަދެފައިވީ ނަމަވެސް މި ހަފުތާގައި އެކަނި ވެސް ތިން ދުވަހު އޭނާ ކޯޓަށް ހާޒިރުވާން ޖެހެއެވެ.
ތެލް އަވީވުގެ ޑިސްޓްރިކްޓު ކޯޓުގައި ބޭއްވި އަޑުއެހުމުގައި ނަތަންޔާހޫގެ ވަކީލު، އަމިތްލު ހަދާދު ވަނީ މައްސަލައިގެ ތަހުޤީޤުން ދިފާޢުއަށް ފާހަގަކުރެވުނު މުހިންމު އުނިކަންތައްތައް ފާހަގަ ކޮށްފައެވެ. ދަޢުލަތުން ތަހުޤީޤު ކޮށްފައިވަނީ މައްސަލައެއް ނޫން ކަމަށާއި ދަޢުވާގެ ބޭނުމަކީ ވަކި މީހަކު ކަތިލުން ކަމަށް އޭނާ ވަނީ ތުހުމަތު ކޮށްފައެވެ.
ތިން ފަނޑިޔާރުން ކުރިމަތީ ހެކިބަސް ދެމުން ނަތަންޔާހޫ ބުނީ މައްސަލައިގައި ހަޤީޤަތް އޮޅުންފިލުވައިދޭން ލިބުނު އެ ފުރުޞަތަށް އޭނާ އިންތިޒާރު ކުރާތާ ގާތްގަނޑަކަށް އަށް އަހަރު ދުވަސް ވެއްޖެ ކަމެށެވެ.
އަޑުއެހުންތައް ކުރިއަށް ދިޔަ ވަގުތު ކޯޓު ދޮށަށް ކޮންމެވެސް ވަރަކަށް މީހުން އެއްވެ އަޑުގަދަ ކޮށްފައި ވެއެވެ. އޭގެ ތެރޭގައި ނަތަންޔާހޫއަށް ތާއީދުކުރާ މީހުންނާއި ފަލަޞްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ދައުލަތުން ދެމުންދާ ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް ޙަމާޞުން ޣައްޒާގައި ރަހީނުކޮށްފައިވާ މީހުން ސަލާމަތް ކުރުމަށް ގޮވާލައި މީހުން ވެސް ހިމެނެއެވެ.