ޚަބަރު

އެމެރިކާގެ ފައުޖުތައް ސޫރިޔާއިން ފޭބުމުގެ ވިސްނުމެއް ނެތް


ސޫރިޔާގެ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ވެއްޓުނު ނަމަވެސް އެ ޤައުމުގައި ޙަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ފައުޖުތައް ބޭލުމުގެ ވިސްނުމެއް އެމެރިކާގެ ސަރުކާރުން ނުގެންގުޅޭ ކަމަށް އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރުގެ ނައިބު ޖޯނަތަން ފައިނަރ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނިއު ޔޯކުގައި ބޭއްވި ރޮއިޓަރސް ނެކްސްޓް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ފައިނަރ ވިދާޅުވި ގޮތުގައި އެމެރިކާގެ ފައުޖުތައް ސޫރިޔާގައި ޙަރަކާތްތެރި ވަނީ ވަރަށް މުޙިންމު މަޤްޞަދެއްގައެވެ. އަދި އެ ފައުޖުތައް ސޫރިޔާގައި ޙަރަކާތްތެރި ވަނީ ސިޔަސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފައިނަރ ފާހަގަ ކުރެއްވި ގޮތުގައި އެމެރިކާގެ ފައުޖުތައް ސޫރިޔާއަށް ފޮނުވީ ހައްދުފަހަނައެޅި އައިއެސް ޖަމާޢަތާ ދެކޮޅަށް ހަނގުރާމަ ކުރުމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ ފައުޖުތައް އަދިވެސް ސޫރިޔާގައި ކުރަމުން ދަނީ އެ މަސައްކަތެވެ. އެހެން ކަމުން އެމެރިކާގެ އަސްކަރީ ފައުޖުތައް ސޫރިޔާއިން ބޭލުމުގެ ވިސްނުމެއް އެމެރިކާގެ ސަރުކާރުން ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

2014ވަނަ އަހަރު އައިއެސްގެ ނިރުބަވެރި ހަނގުރާމަވެރިން ވަނީ ސޫރިޔާގެ އިތުރުން ޢިރާޤުގެ ބޮޑު ބައެއް އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެނެސް އަނިޔާވެރި ވެރިކަމެއް ކޮށްފައެވެ. އެ ޖަމާޢަތާ ދެކޮޅަށް އެމެރިކާއިން އިސްވެ އެކުލަވާލި އަސްކަރީ އިއްތިޙާދުން ކާމިޔާބު ހޯދީ 2019ވަނަ އަހަރުގެ ތެރޭގައެވެ.

މީގެ 13 އަހަރު ކުރިން ސޫރިޔާގައި ފެށި ދާޚިލީ ހަނގުރާމަ ނިމުމަކަށް އައިސް އަސަދުގެ ވެރިކަން ވެއްޓުނީ އެ ޤައުމުގެ އިދިކޮޅު ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިން ސޫރިޔާގެ ވެރިރަށް ދިމިޝްޤު ހިފުމުންނެވެ. އެއާ އެކު އަސަދު ވަނީ ސޫރިޔާ ދޫކުރައްވައި ރަޝިޔާއަށް ވަޑައިގެން އެ ޤައުމުގެ ހިމާޔަތް ހޯއްދަވައިފައެވެ.

އެމެރިކާއިން އަދިވެސް ކަނޑައަޅާފައި ވަނީ އެޗްޓީއެސްއަކީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައެވެ. ފައިނަރ ވިދާޅުވީ އެމެރިކާއިން ނިރުބަވެރި ޖަމާޢަތްތައް ކަނޑައަޅަނީ އެ ޖަމާޢަތްތަކުން ޢަމަލުކުރަމުންދާ އުޞޫލުތަކަށް ބެލުމަށް ފަހު ކަމަށެވެ. އަދި އެޗްޓީއެސުން ޢަމަލު ކުރަމުންދާ ގޮތް ކައިރިން ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.