ޚަބަރު

ކޯވިޑަށް ފަހު އިންސާނީ ވަގުފާރި ވަނީ ބޮޑު ތަނުން އިތުރުވެފައި: އދ


ހަމަނުޖެހުންތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކާރިޘާތަކާއި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ ސަބަބުން އިންސާނީ ވަގުފާރި އިތުރު ވެފައިވާކަމަށް އދން ބުނެފިއެވެ.

މަސްތުވާތަކެއްޗާއި ކުށާކުރުމާ ދެކޮޅަށް މަސައްކަތްކުރާ އދގެ އިދާރާއިން ނެރެފައިވާ ރިޕޯޓެއްގައި ބުނީ ކޯވިޑް-19ގެ ކުރިން 2019ވަނަ އަހަރުގައި އިންސާނީ ވަގުފާރީގެ މައްސަލަތައް ރެކޯޑު ކޮށްފައިވާ ޢަދަދަށްވުރެ 2022ވަނަ އަހަރުގެ ތަފާސްހިސާބުތައް 25 އިންސައްތަ އިތުރުކަމަށެވެ. 2020ވަނަ އަހަރު މިފަދަ މައްސަލަތަކުގެ ޢަދަދު ބޮޑުތަނުން ދަށަށް ގޮސްފައިވާ ނަމަވެސް ޖެހިގެން އައި އަހަރު އެ ޢަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެ ރިޕޯޓުގައި ބުނީ މި ކުށް ކުރާ މީހުން، މަޖުބޫރުން މީހުން ލައްވައި މަސައްކަތް ކުރުވައި އެކިކަހަލަ އޮންލައިން ސްކޭމްތަކާއި އެހެނިހެން ސައިބަރ ފްރައުޑުގައި ބައިވެރިކުރާކަމަށެވެ. އަދި އަންހެނުންނާއި ކުޑަކުދީންނަށް ޖިންސީ ގޯނާއަށް ހުށަހެޅޭ އަދި އެނޫންވެސް އަންހެނަކަށްވީތީ ލިބޭ އަނިޔާތަކަށް ހުށަހެޅޭ ކަންކަން ކުރުވައި ކަމަށެވެ. މި ކުށްތައް ކުރަނީ ވަރަށް ބޮޑަށް ރޭވިގެންކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

2022ވަނަ އަހަރު އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވެފައިވާ މީހުންގެ 38 އިންސައްތަ ޙިއްޞާކުރަނީ ކުޑަކުދިންނެވެ. އެއީ 2020ވަނަ އަހަރުގެ ތަފާސްހިސާބުތަކާ އަޅައިބަލައި އިރު 35 އިންސައްތަ އިތުރު ޢަދަދެކެވެ. އެ ރިޕޯޓުގައި ބުނީ މި މައްސަލައާ އެންމެ ގިނައިން ކުރިމަތިލާން ޖެހެނީ އަންހެނުން ކަމަށާއި އެ އަހަރު އިންސާނީ ވަގުފާރީގެ ޝިކާރަކަށްވި ކަމަށް އެނގޭ މީހުންގެ 39 އިންސައްތަ ޙިއްޞާކުރަނީ އަންހެނުން ކަމަށެވެ. އަދި 23 އިންސައްތައަކީ ފިރިހެނުންކަމަށާއި 22 އިންސައްތައަކީ އަންހެނުން ކުދިންކަމަށާއި 16 އިންސައްތައަކީ ފިރިހެން ކުދިންކަމަށް ވެސް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

2022ވަނަ އަހަރު އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވީ މީހުންގެ ޖުމްލަ ޢަދަދަކީ 69،627 އެވެ. އަންހެނުންނާއި އަންހެން ކުދިން އިންސާނީ ވަގުފާރީގެ ތެރޭގައި އެންމެ ގިނައިން ބޭނުންކުރާ ސަބަބެއް ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވަނީ ޖިންސީ ގޯނާއަށް ހުށަހެޅޭ ކަންކަން ކުރުވުމާއި މަޖުބޫރުކޮށްގެން މަސައްކަތް ކުރުވުމުވެ. ފިރިހެނުން ބޭނުންކުރަނީ މަޖުބޫރުން މަސައްކަތް ކުރުއްވުމަށެވެ. އަދި ފިރިހެން ކުދިން ބޭނުންކުރަނީ މަޖުބޫރުން މަސައްކަތް ކުރުއްވުމަށާއި ކުށްކުރުމަށާއި ސަލާން ޖެހުންފަދަ ކަންކަމަށް ކަމަށް ބުނެފައި ވެއެވެ. ފިރިހެން ކުދިންގެ ތެރެއިން އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ކުދިންގެ ތެރޭގައި ވިލާތަށާއި އުތުރު އެމެރިކާއަށް އެކަނި ދަތުރުކުރާ 18 އަހަރު ނުފުރޭ ގިނަ ޢަދަދެއްގެ ކުދިން ހިމެނޭ ކަމަށްވެސް ފާހަގަކޮށްފައި ވެއެވެ.

އިންސާނީ ވަގުފާރީގެ އެތައް މަގުތަކެއް ހުރި ނަމަވެސް، އެންމެ ގިނައިން މި މައްސަލަ ކުރިމަތިވަނީ ސަބް-ސަހަރަން އެފްރިކާ ސަރަޙައްދުގައެވެ. ވަގުފާރީގެ މައްސަލަތަކުގެ 26 އިންސައްތަ ޙިއްޞާކުރަނީ އެ ސަރަޙައްދުންނެވެ.

އިންސާނީ ވަގުފާރީގެ މައްސަލަތައް ރެކޯޑު ކުރެވިފައިވާ މިންވަރު އިތުރު ވުމަށް ދިމާވި އެއް ސަބަބަކީ އެފަދަ ޙާލަތްތައް ދެނެގަތުމުގައި ހޯދާފައިވާ ކުރިއެރުންތައް ކަމުގައި ވެސް ވެދާނެކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ. ނަމަވެސް އޭގެ އިތުރުން ވަގުފާރިކުރާ ނިޞްބަތް ހަޤީޤަތުގައިވެސް އިތުރުވެފައިވާ ވުން ހިމެނޭ ކަމަށް ޤަބޫލު ކުރެވެއެވެ.

ވަގުފާރީގެ މައްސަލަތައް އެންމެ ބޮޑަށް އިތުރުވެފައިވަނީ ސަބް ސަހަރަން އެފްރިކާއާއި އުތުރު އެމެރިކާއާއި ވިލާތުގެ ހުޅަނދާއި ދެކުނުގެ ސަރަޙައްދު ތަކުގައެވެ. އުތުރު އެމެރިކާ އާއި ހުޅަނގާއި ދެކުނު ޔޫރަޕުގައި ހިޖުރަ ކުރާ މީހުންގެ ޢަދަދު އިތުރުވުމަކީ އެ ސަރަޙައްދުތަކުގައި މި މައްސަލަ އިތުރުވާ ސަބަބެއް ކަމުގައި ބެލެވެއެވެ.