ޚަބަރު

ޔުވެންޓަސް އަތުން ބަލިވެ ސިޓީއަށް އިތުރު މައްސަލަތަކެއް


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޔުވެންޓަސް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗުން 2-0 ގެ ނަތީޖާ އަކުން މެންޗެސްޓަރ ސިޓީ ބަލިވެ މުބާރާތުގެ ދެވަނަ ބުރުގެ ފުރުސަތާއިމެދު އެ ޓީމަށް ސުވާލު އުފެދިއްޖެ އެވެ.

މުޅިން އައު ފޯމެޓަކަށް މި ފަހަރުގެ މުބާރާތް ކުރިއަށްދާއިރު ޖުމްލަ 36 ޓީމު ވާދަކުރާ މި މުބާރާތުގެ ފުރަތަމަ ބުރުގައި ކޮންމެ ޓީމެއް 6 މެޗު ކުޅޭނެ އެވެ. އަދި ފުރަތަމަ ބުރު ނިމޭއިރު އެންމެ ގަދަ 8 ޓީމަށް ދެވަނަ ބުރުގެ ޖާގައެއް ލިބިގެންދާއިރު 9 އިން 24 ވަނަ އަށް ދާ ޓީމުތައް ޖެހޭނީ ޕްލޭއޮފް އިތުރު މެޗުތަކެއް ކުޅުމަށެވެ. އަދި 25 އިން 36 އަށް ދާ ޓީމުތައް މުބާރާތުން ކަޓާނެ އެވެ.

މި މުބާރާތުގައި މިހާތަނަށް މެންޗެސްޓަރ ސިޓީ 6 މެޗު ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވާ 8 ޕޮއިންޓާއެކު އޮތީ ތާވަލުގެ 22 ވަނައިގަ އެވެ. މި މެޗުން މޮޅުވުމާއެކު ޔުވެންޓަސް ވަނީ 11 ޕޮއިންޓާއެކު ތާވަލުގެ 14 ވަނަ އަށް އަރާފަ އެވެ.

ޔުވެންޓަސްގެ އެލިއަންޒް ސްޓޭޑިއަމްގައި ސާޅީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ އަށްވަނަ މިނިޓުގައި ޑުސާން ވްލަހޮވިޗް ވަނީ ލަނޑެއް ޖަހާ ޔުވެންޓަސް އަށް ކުރި ހޯދަދީފަ އެވެ.

ޔުވެންޓަސް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 75 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޓިމޮތީ ވެއާ ދިން ޕާހަކުން ވެސްޓޮން މެކެނީ އެވެ.

މި މެޗުން މެންޗެސްޓަރ ސިޓީ ބަލިވެފައިވާއިރު މި ސީޒަނުގައި މިހާތަނަށް އެ ޓީމު އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި މި މެޗުގައި ސިޓީގެ ފަރާތުން ވަރަށް ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް އުފެއްދިފައިވަނީ އެންމެ ހަމަލައެކެވެ.

އަދި މި މެޗުގެ ދެވަނަ ހާފުގައި ޔުވެންޓަސް އިން ދެވަނަ ލަނޑެއް ޖެހުމާއިއެކު ސިޓީއަށް ވަނީ އިތުރު މައްސަލަތަކެއް ކުރިމަތިވެފަ އެވެ.

ޔުވެންޓަސް އަތުން ސިޓީ ބަލިވެފައިވާއިރު އަންނަ އާދީއްތަ ދުވަހު ޕްރިމިއާ ލީގުގައި ސިޓީ ނިކުންނާނީ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށެވެ.