ސޫރިޔާގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރާއި ސަލާމަތީ ބާރުތައް ރޫޅައިލާނެ ކަމުގެ އިންޒާރު، އޭނާގެ ސަރުކާރު ވައްޓައިލުމުގައި އިސްކޮށް ހަރަކާތްތެރިވި ހަތިޔާރު އެޅި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ން ދީފިއެވެ. އެޗްޓީއެސްގެ ހަނގުރާމަވެރިން ވެރިރަށް ދިމިޝްޤަށް އަރައި، އަސަދުގެ ސަރުކާރު ވައްޓައިލާފައި ވަނީ ޑިސެންބަރު 8ވަނަ ދުވަހުއެވެ.
އެއްވެސް ހުރަހެއް ނެތި އެޗްޓީއެސްގެ ހަނގުރާމަވެރިން ދިމިޝްޤަށް އެރުމާ އެކު އަސަދު ވަނީ، އޭނާގެ ޢާއިލާއާ އެކު، ފިއްލަވައިގެން ރަޝިޔާއަށް ވަޑައިގަންނަވާފައެވެ. އޭނާ ރަޝިޔާއަށް ވަޑައިގަންނަވާފައި ވަނީ އެ ޤައުމުގެ އަސްކަރިއްޔާގެ އެހީތެރިކަމާ އެކުގައެވެ. އަދި، އޭނާއާއި އޭނާގެ ޢާއިލާއަށް ޙިމާޔަތް ދިނުމަށް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ނިންމަވާފައިވާ ކަން ރަޝިޔާގެ ރިޔާސީ ގަނޑުވަަރު، ކްރެމްލިނުން ވަނީ ހާމަކޮށްފައެވެ.
އަސަދުގެ ވެރިކަން ވައްޓައިލުމަށް ފަހު އެކުލަވައިލާފައިވާ އިންތިޤާލީ ސަރުކާރުގެ ބޮޑުވަޒީރު ކަމުގެ މަޤާމު ޙަވާލު ކޮށްފައި ވަނީ މުޙައްމަދު އަލް-ބަޝީރާއެވެ. އޭނާއަކީ، ސޫރިޔާގެ ހުޅަނގުއުތުރުގައި ހަތިޔާރު އެޅި ޖަމާޢަތްތަކުން އެކުވެ ޤާއިމު ކޮށްފައިވާ ސަރުކާރުގެ ވެރިޔާއެވެ. ޙުކޫމާތު އަލް-އިންޤާޒު އަލް-ސޫރިއްޔާ ނުވަތަ ސީރިޔަން ސެލްވޭޝަން ގަވަރމެންޓް (އެސްއެސްޖީ) އުފައްދާފައި ވަނީ އެޗްޓީއެސްގެ ބައިވެރިވުމާ އެކުގައެވެ.
އައު ސަރުކާރު އެކުލަވައިލުމަށް ފަހު އެޗްޓީއެސްގެ އިސް ކޮމާންޑަރު، އަޙްމަދު އަލް-ޝަރާޢު ނުވަތަ އަބޫ މުޙައްމަދު އަލް-ޖޫލާނީ ބުނީ، އަސަދުގެ ސަރުކާރާއި ސަލާމަތީ ބާރުތައް ރޫޅައިލާނެ ކަމުގައެވެ. އަދި ޖަލުތައް ބަންދުކޮށް، އަސަދުގެ ސަރުކާރާ ދެކޮޅަށް ނިކުތް މީހުން ހައްޔަރުކޮށް ލާއިންސާނީ އަނިޔާތައް ދިނުމާއި، ގިނަ އަދަދެއްގެ ބަޔަކު މަރައިލުމުގައި ބައިވެރިވި މީހުން ހޯދައި، އެ މީހުންނަށް ޙައްޤު އަދަބު ދޭނެ ކަމުގައެވެ.
ސޫރިޔާގެ ދައުލަތުގެ މީޑިޔާއާ ވާހަކަ ދައްކަމުން ޝަރާޢު ބުނީ، އަސަދުގެ ވެރިކަމުގައި އިންސާނީ ޙައްޤުތަކަށް އަރައިގަނެ، ޢާންމު ރައްޔިތުންނަށް ލާއިންސާނީ އަނިޔާތައް ދިނުމާއި، މީހުން މެރުމުގައި ބައިވެރިވެފައިވާ މީހުންނަށް މަޢާފު ދިނުމުގެ އެއްވެސް ފުރުޞަތެއް ނެތް ކަމުގައެވެ. "ސޫރިޔާގައި ވެސް އެ މީހުން ހޯދަން މަސައްކަތް ކުރާނަން، ބޭރު ޤައުމުތަކަށް ފިލައިގެން ދަތުރު ކުރާ މީހުން ސޫރިޔާއާ ޙަވާލު ކުރަން އަޅުގަނޑުމެން އެ ޤައުމުތަކުގައި އެދޭނަން،" އޭނާ ބުންޏެވެ.
އަސަދުގެ ސަރުކާރު ވެއްޓުމާ އެކު، އޭނާގެ ވެރިކަމުގައި ބަންދު ކޮށްފައިވާ މީހުން މިނިވަން ކުރުމަށް އެ މީހުންގެ ޢާއިލާތަކުން ވަނީ ޖަލުތައް ކައިރިއަށް އެއްވެފައެވެ. އަދި، އެޗްޓީއެސްގެ ހަނގުރާމަވެރިންގެ އެހީތެރިކަމާ އެކު ޖަލުތައް ފަޅައިލައި، ގިނަ އަދަދެއްގެ ބަޔަކު މިނިވަން ކޮށްފައެވެ. އަސަދުގެ ވެރިކަމުގައި ޢާންމު ރައްޔިތުންގެ އިންސާނީ ޙައްޤުތަކަށް އަރައިގަނެފައިވާ ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށް، އަދަބު ދިނުމުގައި އެޗްޓީއެސްގެ ވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އެއް ސަބަބަކީ، އިންސާފުން އަމަލު ކުރުމަކީ، ބޭރުގެ އެހީ ހޯދުމަށް އިންތިޤާލީ ސަރުކާރަށް މުހިންމު ކަމަކަށް ވުމެވެ.
އަސަދު ސަރުކާރު ވައްޓައިލުމަށް ފަހު އެކުލަވައިލާފައިވާ އިންތިޤާލީ ސަރުކާރުން އަމަލު ކުރަމުންދާ ގޮތެއް ދުނިޔޭގެ ބާރުތަކުން ވަރަށް ގާތުން ބަލަމުންދާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. 2011ވަނަ އަހަރުން ފެށިގެން ކުރަމުން ދިޔަ 13 އަހަރަށް ދެމިގެން ގޮސްފައިވާ އަހުލީހަނގުރާމައަށް ފަހު، އިންތިޤާލީ ސަރުކާރަށް އަމަންއަމާން ކަން ޤާއިމުކޮށް، ބަދަލު ހިފުމުގެ ރޫހު ދޫކޮށްލެވޭނެ ކަމާ މެދު މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސުވާލު އުފައްދައެވެ.
އިންތިޤާލީ ސަރުކާރުގެ ބޮޑުވަޒީރު ބަޝީރު ބުނީ، ދާޚިލީ ހަނގުރާމައިގައި ގެދޮރު ނެތި، ބޭރު ޤައުމުތަކަށް ހިޖުރަ ކުރަން މަޖުބޫރުވެފައިވާ އެތަކެއް މިލިޔަން މީހުން އަނބުރާ ޤައުމަށް ގެނައުމުގެ މަސައްކަތަށް އިސްކަން ދޭނެ ކަމުގައެވެ. އަދި، އެއްބައިވަންތަކަށް ޤާއިމުކޮށް، އަސާސީ ޚިދުމަތްތައް ޤާއިމު ކޮށްދޭނެ ކަމުގައި ވެސް އޭނާ ބުންޏެވެ. ނަމަވެސް، އެ ކަމަށް ބޭނުންވާނެ ވަސީލަތްތަކާއި ފައިސާ ނެތުމަކީ އޭނާގެ ސަރުކާރަށް މި ވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
"އަޅުގަނޑުމެންގެ އަތުގައި ބޭރު ފައިސާއެއް ނެތް، ލޯނުތަކާއި ބޮންޑުތަކާ ބެހޭ މަޢުލޫމާތު އެއްކުރަމުން މި ދަނީ. ބުނެވޭނީ، މި ވަގުތު ކުރިމަތިވެފައިވާ މާލީ ހާލަތު ވަރަށް ގޯހޭ،" އިޓަލީވިލާތުގެ ނޫހަކަށް ދިން ބަސްދީގަތުމެއްގައި ބަޝީރު ހާމަކުރިއެވެ. އައު ސަރުކާރަށް ދެން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދާޚިލީ ހަނގުރާމައިގައި ސުންނާފަތިވެފައިވާ ރަށްތައް އަލުން އާރާސްތު ކުރުމެވެ. ދާޚިލީ ހަނގުރާމައާ ގުޅިގެން ބޭރު ޤައުމުތަކާއި ބައިނަލްއަޤުވާމީ އިދާރާތަކުން ސޫރިޔާގެ ސަރުކާރާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ވެސް ބޮޑެތި ގޮންޖެހުންތަކެއް އޮތީ ކުރިމަތިވެފައެވެ.
އެޗްޓީއެސަކީ ނިރުބަވެރިންގެ ޖަމާޢަތްތަކުގެ ލިސްޓުގައި ހިމަނާފައިވާ ގުރޫޕެކެވެ. މި މޭރުމުން ޤަބޫލު ކުރާ ޤައުމުތަކުގެ ތެރޭގައި އެމެރިކާއާއި ތުރުކީވިލާތުގެ އިތުރުން ވިލާތުގެ ގިނަ ޤައުމުތަކަކާއި އދ ވެސް ހިމެނެވެ. ނަމަވެސް، އަސަދުގެ ސަރުކާރު ވައްޓައިލުމަށް ފަހު ވެރިކަން ފޭރިގަތް އެޗްޓީއެސާ އެކު ގުޅުންތައް ޤާއިމު ކުރަން ބޭރު ޤައުމުތަކާއި ބައިނަލްއަޤުވާމީ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
"މައިނޯރިޓީތަކުގެ ޙައްޤުތައް ޙިމާޔަތްކޮށް، ނިކަމެތީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެ، އަދި ސޫރިޔާއަކީ ނިރުބަވެރި ޖަމާޢަތްތަކުގެ ބާރުހިނގާ ތަނަކަށް ވިޔަދީގެން ނުވާނެ، އަވަށްޓެރި ޤައުމުތަކަށް ނުރައްކަލަކަށް ވެގެން ނުވާނެ،" އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވިއެވެ. އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރުގެ ނައިބު ޖޮން ފައިނަރ ވެސް ވިދާޅުވީ، އެޗްޓީއެސާ އެކު ގުޅުންތައް ބޭއްވުމަށް އެމެރިކާއިން ނިންމާނީ ހާލަތު ވަރަށް ގާތުން ބެލުމަށް ފަހު ކަމުގައެވެ.
ނަމަވެސް، ސޫރިޔާގެ ސަރުކާރާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކަށް ލުއިދިނުމަށް ގޮވައިލަމުންދާ އަޑުތައް އެމެރިކާގައި ދަނީ ގަދަވަމުންނެވެ. އެ ކަމަށް ގޮވައިލައްވާފައިވާ ބޭފުޅުންގެ ތެރޭގައި ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސްގައި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ އިތުރުން އިދިކޮޅު ރިޕަބްލިކަން ޕާޓީ ތަމްސީލު ކުރައްވާ މެންބަރުން ހިމެނެއެވެ. މީގެ އިތުރުން، ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުތަކުން އެޗްޓީއެސް އުނިކުރުމާ ގުޅޭ ގޮތުން ވިލާތުގެ އިއްތިހާދުން ވެސް ދަނީ މަޝްވަރާ ކުރުމަށް ތައްޔާރުވަމުންނެވެ. މި ކަން ހާމަ ކޮށްފައި ވަނީ ސްޕެއިނުންނެވެ.