ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާއި އޭނާގެ އަނބިކަންބަލުން ބުޝްރާ ބީބީއާ ދެކޮޅަށް އެ ޤައުމުގެ ކޯޓަކުން އަނެއްކާވެސް ދަޢުވާ އުފުލައިފިއެވެ.
ފާއިތުވި އަހަރުގެ ތެރޭގައި ޚާނާ ދެކޮޅަށް އެތައް ދަޢުވާއެއް ދައުލަތުގެ ފަރާތުން އުފުލާފައިވާ އިރު މިދިޔަ އަހަރުގެ ފަހު ކޮޅުން ފެށިގެން ޚާން ހުރީ ޖަލު ބަންދުގައެވެ. ޚާނާއި އޭނާގެ އަނބިކަންބަލުންގެ މައްޗަށް އެންމެ ފަހުން އުފުލާފައިވާ ދަޢުވާއަކީ ދައުލަތަށް ލިބިފައިވާ ހަދިޔާ ޤާނޫނާ ޚިލާފަށް ވިއްކަވާފައިވާ ކަމުގެ ތުހުމަތުގައި އުފުލާފައިވާ ދަޢުވާއެއް ކަމަށް ޕާކިސްތާނުގެ ނޫސްތަކުގައި ބުނެފައިވެއެވެ.
ޚާނާ ދެކޮޅަށް އެންމެ ފަހުން އުފުލާފައިވާ ދަޢުވާގައި ބުނީ 2018ވަނަ އަހަރުން 2022ވަނަ އަހަރާ ހަމައަށް ޚާން ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވިި ދުވަސްވަރު މަޤާމުގެ ސަބަބުން ލިބިވަޑައިގަންނަވާފައިވާ އަދި ދައުލަތުގެ މުދަލުގެ ގޮތުގައި ބަހައްޓަން ޖެހޭ ހަދިޔާ ޚާނާއި ބީބީ ވިއްކަވައި ނަޖާއިޒު ފައިދާ ހޯއްދަވާފައިވާ ކަމަށެވެ. އެ ހަދިޔާތަކުގެ ތެރޭގައި ޖަވާހިރުލީ ގަހަނާއާއި އަގުހުރި ހަތް ގަޑި ހިމެނެއެވެ. އޭގެ ތެރެއިން ހަ ގަޑިއަކީ މަޝްހޫރު ރޮލެކްސް ބުރޭންޑުގެ އަގުބޮޑު ގަޑިތަކެއް ކަމަށް ވެއެވެ. އެ މުދަލުގެ ޖުމްލަ އަގު 501,000 ޑޮލަރަށް ވުރެ އިތުރު ވާނެ ކަމަށް ވެސް ދަޢުވާގައި ފާހަގަ ކޮށްފައި ވެއެވެ. ނަމަވެސް ޚާންއާއި ބީބީ ވަނީ ކުށެއް ނުކުރާ ކަމަށް ވިދާޅުވެ އެ ތުޚުމަތުތަކަށް އިންކާރު ކުރައްވައިފައެވެ.
މި އަހަރުގެ ކުރީ ކޮޅު, ޕާކިސްތާނުގެ ޢާންމު އިންތިޚާބާ ދިމާކޮށް ހަމަ މި ތުހުމަތުތަކުގައި ޚާނާއި ބީބީ 14 އަހަރަށް ޖަލަށް ލުމަށް ޕާކިސްތާނުގެ ކޯޓަކުން ވަނީ ޙުކުމް ކޮށްފައެވެ. އޭގެ ކުރިން, 2023ވަނަ އަހަރު ވެސް ހަމަ އެ މައްސަލައިގެ އެހެން ދަޢުވާއެއްގައި އެ ދެ ބޭފުޅުންނާ ދެކޮޅަށް ތިން އަހަރުގެ ޖަލު ޙުކުމެއް އިއްވާފައި ވެއެވެ. ނަމަވެސް ހައި ކޯޓުގައި މައްސަލަ އިސްތިޢުނާފު ކުރުމުން ޙުކުމް ތަންފީޒުކުރުން ވަނީ މަޑުޖެހިފައެވެ.
2022ވަނަ އަހަރު ޚާންގެ ވެރިކަން ގެއްލުނު ހިސާބުން ފެށިގެން އޭނާ ގެންދަވަނީ އެކި ކަހަލަ ދަޢުވާތަކާ ކުރިމަތި ލައްވަމުންނެވެ. އޭނާގެ ޕާޓީން ބުނީ އެ ދައުވާތަކަކީ 2022ވަނަ އަހަރު ޚާންގެ ވެރިކަމުން ވައްޓާލުމުގެ ކުރިން، އަސްކަރިއްޔާގެ ވެރިންނާ އޭނާ ދެބަސްވެވަޑައިގަނެފައިވާތީ ސިޔާސީ މައިދާނުން އޭނާ އެއްކިބާކުރުމަށް ކުރާ މަސައްކަތްތަކެއް ކަމަށެވެ. އެ ތުހުމަތުތައް އަސްކަރިއްޔާއިން ދޮގުކުރެއެވެ.