ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމް، ސަފީރުކަމުގެ ފަތްކޮޅު އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނައަށް އަރުވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެ ބަކިންގހަމް ޕެލަސްގައެވެ.
ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާ ޑރ. އިރުތިޝާމް އާދަމް ހަވާލުވެވަޑައިގެންނެވުމުން އެކަމަނާއަށް ކިންގް ޗާލްސް މަރުހަބާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަފީރު ޑރ. އިރުތިޝާމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އިނގިރޭސިިވިލާތުގެ ރަސްގެފާނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތް ގުޅިގެން، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގާތުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރަސްގެފާނަށް އެރުވިއެވެ.
އިނގިރޭސިވިލާތުގައި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު އޮންނަ ޑިޕްލޮމެޓިކް އާދަކާދައިގެ މަތިން ޚާއްސަ ހަފްލާއެއް ވަނީ ބާއްވާފައެވެ. "ސެއިންޓް ޖޭމްސް ކޯޓް ލަންޑަން - އަ ތާޖް ހޮޓެލް"ގައި ބޭއްވި މި ހަފްލާގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އާއި ސާކް އަދި ކޮމަންވެލްތު ޤައުމުތަކުގެ ސަފީރުންނާއި، ޑިޕްލޮމެޓިކް ކޯގެ ޑީން ކަމުގައިވާ ހޮންޑޫރަސްގެ ސަފީރު އިވާން ރޮމޭރޯ-މާރޓިނޭޒް އާއި އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ ސައުތު އޭޝިއާ ޑިޕާޓްމަންޓުގެ އޮފިޝަލުންނާއި، ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން މޯލްޑިވްސް-ޔޫކޭ ޕާލިމަންޓަރީ ގްރޫޕްގެ ކޯ-ޗެއާއާއި އިނގިރޭސިވިލާތު ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ އިސްވެރިންނާއި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ އިސްވެރިންނާއި އިނގިރޭސިވިލާތުގައި ދިރިއުޅޭ ބައެއް ދިވެހިންވެސް މިހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އިނގިރޭސިވިލާތައް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ޑރ. އިރުތިޝާމް އާދަމް އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ދެއްވީ މިއަހަރުގެ އޭޕްރިލް މަހުގެ 29 ވަނަ ދުވަހުއެވެ. އަދި އެކަމަނާއަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ މެއި މަހުގެ 7 ވަނަ ދުވަހުއެވެ.