ފަލަސްތީނުގެ ޣައްޒާގެ ޕޯސްޓް އޮފީހުގައި ހިމާޔަތް ހޯދައިގެން ތިބި ފަލަސްތީނުގެ ރައްޔިތުންތަކަކަށް އަމާޒުކޮށް ޔަހޫދީ އިސްތިޢުމާރީ ފައުޖުން ދިން ރަހުމުކުޑަ ޙަމަލާއެއްގައި، 30 މީހުން ޝަހީދުވެ، 50 މީހުން ޒަޚަމްވެއްޖެއެވެ.
ޕޯސްޓް އޮފީހަށް ދިން ޙަމަލާގެ އިތުރުން، ޣައްޒާގެ ދެކުނުގެ ސަރަޙައްދެއްގައި ޣައްޒާއަށް އެހީ އުފުލާ ދެ އުޅަނދަކަށް އަމާޒުކޮށް ދިން ވައިގެ ޙަމަލާތަކެއްގައި އިތުރު 13 މީހުން ވަނީ ޝަހީދުވެފައެވެ.
އެ ޙަމަލާތަކުގައި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް ޣައްޒާގެ ސިއްޙީ އިދާރާތަކުން ބުނެފައިވެއެވެ.
ޣައްޒާއަށް އެހީ ވައްދަން އޮންނަ މަގުތައް ބަންދުކުރުމުގެ އިތުރުން، އެހީ އުފުލާ އުޅަނދުތަކަށް ވެސް ޔަހޫދީ އިސްތިޢުމާރު ފައުޖުން ދަނީ ތަކުރާރުކޮށް ޙަމަލާތައް އަމާޒުކުރަމުންނެވެ.
ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާޢަތުން ބުނެފައިވާ ގޮތުގައި، 7 އޮކްޓޯބަރު 2023ގައި ޣައްޒާ ހަނގުރާމަ ފެށުނު ފަހުން، އެހީ އުފުލާ އުޅަނދުތަކުގެ ސަލާމަތީ ކަންކަން ހަރަކާތްތެރިވި 700 މީހުނއ ވަނީ ޔަހުދީ އިސްތިޢުމާރީ ފައުޖުގެ ޙަމަލާތަކުގައި ޝަހީދުވެފައެވެ.
ހަނގުރާމަ ހުއްޓާލައި، ޣައްޒާގައި ސުލްޙަ ޤާއިމުކުރަން މިޞްރާއި ޤަތަރާއި، އެމެރިކާ މެދުވެރިވެ އެކި ފަހަރުމަތިން ފަށައި، ކުރަމުން އަންނަ މަޝްވަރާތަކަށް އަދި މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
ނަމަވެސް، އދގެ ޢާންމު މަޖިލީހުން އިއްޔެ ވަނީ، ފަލަސްތީނުގެ ޣައްޒާއަށް، ޔަހޫދީ އިސްތިޢުމާރީ ފައުޖުން ދެމުންދާ ޙަމަލާތައް، އެއްވެސް ޝަރުތަކާ ނުލައި، ވަގުތުން ހުއްޓައިލުމަށް ބާރު އަޅައި ޤަރާރެއް ފާސްކޮށްފައެވެ.
ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ މައުސޫމް ދެ މިލިޔަން މީހުންނާ ދެކޮޅަށް ޔަހޫދީ އިސްތިޢުމާރީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވަން މީގެ ކުރިން ފާސްކޮށްފައިވާ ދެ ޤާރާރާ ޚިލާފަށް، މި ފަހަރުގެ ޤަރާރުގައި ޔަހޫދީ ދައުލަތަށް ގޮވާލާފައިވާ ގޮވައިލުން ވަނީ ކުރީ ފަހަރުތަކަށް ވުރެ ހަރުކަށި އިބާރާތަކުންނެވެ.
ޣައްޒާއަށް އަމާޒުކޮށް ޔަހޫދީ އިސްތިޢުމާރީ ފައުޖުން ޙަމަލާތައް ދޭން ފެށީ، ހަމާސް ޖަމާޢަތުގެ ހަތިޔާރު އެޅި ހަނގުރާމަވެރިން އިސްރާއީލްގެ އެކި ސަރަޙައްދުތަކަށް ވަދެގަނެ ދިން ޙަމަލާތަކުގެ ބަދަލު ހިފުމަށެވެ.
ޣައްޒާއަށް ޔަހޫދީ އިސްތިޢުމާރީ ފައުޖުން ޙަމަލާތައް ދެމުން އަންނަތާ 14 މަސް ދުވަސް ވެފައިވާއިރު، އެ ޙަމަލާތަކުގައި ފަލަސްތީނުގެ މައުސޫމް 44،800 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި ޣައްޒާ އިސްތިޢުމާރުކޮށް ޔަހޫދީން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ ސަބަބުން، ޣައްޒާގައި ދިރިއުޅޭ 2.3 މިލިއަން މީހުންނަށް ވަނީ ކާބޯތަކެއްޗާއި ބޭސްފަރުވާ ނުލިބި، ވަރަށް ހިތްދަތި ހާލެއް މެދުވެރިވެފައެވެ.