ސޫރިޔާގެ ރައްޔިތުންނާއި އެމީހުންގެ ގެއްލިފައިވާ ޢާއިލާގެ މެންބަރުންނާ އަލުން ގުޅުވައިދިނުމުގެ މަޤްސަދުގައި ރެޑް ކުރޮހުން ދެ ހޮޓްލައިނެއް ޤާއިމު ކޮށްފިއެވެ.
މީގެ 13 އަހަރު ކުރިން ސޫރިޔާގެ އަހުލީހަނގުރާމަ ފެށުނީއްސުރެ ވީނުވީއެއް ނޭނގި ގެއްލިފައިވާ އެ ޤައުމުގެ 35،000 މީހުންގެ މައްސަލަ އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ)އަށް މިހާތަނަށް ހުށަހަޅާފައި ވެއެވެ.
މީގެ ދުވަސްކޮޅެއް ކުރިން ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމުމަކަށް އައުމުން، އެ ޤައުމުގެ ޖަލުތައް ވަނީ ހުޅުވައިލައިފައެވެ. އެއާއެކު މީގެ އެތައް އަހަރެއް ކުރިން މަރުގެ އަދަބު ދީފައިވާ ކަމަށް ޢާއިލާތަކަށް ޤަބޫލު ކުރެވިފައިވާ މީހުން ވެސް ދިރިތިބިކަން ވަނީ އެނގިފައެވެ. އޭގެ ސަބަބުން ގެއްލިފައިވާ ޢާއިލާގެ މެންބަރުންނާ އަލުން ބައްދަލު ވެދާނެ ކަމުގެ އުންމީދު ގިނަ ބަޔަކަށް ވަނީ އައު ވެފައެވެ.
އައިސީއާރުސީން ސޫރިޔާގެ ޢާއިލާތައް ގުޅުވައިދޭން ކުރަމުންދާ މަސައްކަތްތައް މިހާރު ވަނީ އިތުރުކޮށްފައެވެ. ނަމަވެސް އައިސީއާރުސީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ގިނަ ޢަދަދެއްގެ މައްސަލަތައް ކޮޅެއްގައި ޖެއްސުމަށް އެތައް މަހެއް ނުވަތަ އަހަރުތަކެއް ވެސް ނަގައިފާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސޫރިޔާގައި ޙަރަކާތްތެރިވާ އައިސީއާރުސީގެ ވަފުދުގެ އިސްވެރިޔާ ސްޓެފަން ސާކަލިއަން ވިދާޅުވީ މި ހަފުތާގެ ތެރޭގައި ޤާއިމު ކޮށްފައިވާ ދެ ހޮޓުލައިންގެ ތެރެއިން އެއް ހޮޓްލައިން ޚާއްޞަ ކޮށްފައިވަނީ ޖަލުތަކުގައި ބަންދުކޮށްފައި ތިބި މީހުންނަށް ކަމަށެވެ. ދެވަނަ ހޮޓުލައިން ޚާއްޞަ ކޮށްފައިވަނީ އެ މީހުންނާ ގުޅުމަށް މަސައްކަތް ކުރަމުންދާ ޢާއިލާތަކަށެވެ.
ސާކަލިއަން އިތުރަށް ވިދާޅުވީ ހޮޓުލައިނަށް ގުޅައި މީހުންނަށް ނަފްސާނީ އެހީތެރިކަން އައިސީއާރުސީން ފޯރު ކޮށްދޭނެ ކަމަށެވެ. އަދި ޢާއިލާއާ އަލުން ބައްދަލުވުމަށް މަގުފަހި ވެއްޖެ ޙާލަތުގައި މާލީ އެހީތެރިކަން ވެސް ފޯރުކޮށްދޭނެ ކަމަށެވެ. އޭގެ އިތުރުން ޤާނޫނީ އެހީތެރިކަމާއި ޞިއްޙީ ފަރުވާ ވެސް ފޯރުކޮށްދެވިދާނެ ކަމަށް އައިސީއާރުސީން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ގެއްލިފައިވާ ޢާއިލީ މެންބަރުންނާ އަލުން ބައްދަލުވެދާނެ ކަމުގެ އުންމީދު ސޫރިޔާގެ ރައްޔިތުންނަށް އައު ވެފައިވީ ނަމަވެސް ސާކަލިއަން ވިދާޅުވީ ޢާޢިލާތަކާ މީހުން ގުޅުވުމުގެ މަސައްކަތަށް ގިނަ ވަގުތު ނަގާނެ ކަމަށާއި ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ.