ޚަބަރު

އާޖެންޓީނާގެ ރައީސަށް އިޓަލީވިލާތުގެ ރަށްވެހިކަން ދީފި


އިޓަލީވިލާތުގެ ސަރުކާރުން އާޖެންޓީނާގެ ރައީސް ހާވިއާ މިލެއިއަށް އެ ޤައުމުގެ ރަށްވެހިކަން ދީފިއެވެ.

އިޓަލީވިލާތުގެ ބޮޑުވަޒީރު ޖޯރްޖިއާ މެލޯނީއާ ބައްދަލު ކުރެއްވުމަށް ރައީސް މިލެއި މި ވަގުތު އިޓަލީވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރައީސް މިލެއިގެ ޢާއިލާއާ އިޓަލީވިލާތާ އޮތް ގުޅުމުގެ މައްޗަށް ބިނާކޮށް އޭނާއަކީ އެ ޤައުމުގެ ރައްޔިތެއްގެ ގޮތުގައި އިޓަލީވިލާތުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

ރައީސް މިލެއިގެ ދެފަރާތުގެ މާމައިންނާއި ކާފައިންގެ ތެރެއިން ތިން ބޭފުޅުންނަކީ އިޓަލީވިލާތަށް ކޮންމެވެސް ހިސާބަކުން ނިޞްބަތްވާ ތިން ބޭފުޅުންނެވެ. މީގެ ކުރިން މިލެއި ވަނީ ކާބަފައިންނާއި އިޓަލީވިލާތާ އޮތް ގުޅުމުގެ ސަބަބުން އޭނާއަކީ އިޓަލީވިލާތުގެ 75 އިންސައްތަ ރައްޔިތެއް ކަމުގެ އިޙްސާސު ކުރެވޭ ކަމަށް ވިދާޅުވެފައެވެ.

ރައީސް މިލެއިއަށް އިޓަލީވިލާތުގެ ރަށްވެހިކަން ދިން ކަމުގެ ޚަބަރުތައް ފެތުރޭތީ އެ ޤައުމުގެ ބައެއް ސިޔާސީ ބޭފުޅުންނާއި ޢާންމުންގެ ނުރުހުން ވަނީ ސަރުކާރަށް ޢަމާޒު ވެފައެވެ. އިޓަލީވިލާތާ އެއްވެސް ހިސާބަކުން ލޭގެ ގުޅުމެއް އޮންނަ ކޮންމެ މީހަކަށް ފަސޭހަކަމާއެކު އެ ޤައުމުގެ ރަށްވެހިކަން ލިބޭ އިރު އެ ޤައުމުގައި ދިރިއުޅޭ ހިޖުރަވެރިންގެ ދަރިން އެ ޤައުމަށް އުފަންވި ނަމަވެސް އެ ކުދިންނަށް ރަށްވެރިކަން ހޯދަން ވަރަށް އުނދަގޫ ކަމަށް އެ މީހުން ފާހަގަ ކުރެއެވެ. ނަމަވެސް އެ އުޞޫލު ބަދަލުކުރުމަށް ޢާންމު ވޯޓަކަށް ދިޔުމަށް ކުރާ މަސައްކަތްތަކަށް ސަރުކާރުން އެއްބާރުލުން ނުދެއެވެ. އެއީ އެ ޤައުމުގެ ޒުވާނުންގެ ބޮޑު އާބާދީއަކަށް ކުރެވޭ ތަފާތުކުރުމެއް ކަމަށް ބައެއް މީހުން ދެކެއެވެ.