ޚަބަރު

ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް ރ.އަތޮޅުގައި ފަށައިފި


  • މިއަހަރު 5 އަތޮޅުގައި މި ޕްރޮގްރާމް ވަނީ ފަށާފައި

ޕްރައިމަރީ ހެލްތު ކެއަރ ނުވަތަ އިބްތިދާއީ ސިއްޙީ ޚިދުމަތުގެ ނިޒާމު ދިރުވާ އާލާކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމް ރ. އަތޮޅުގައި ފަށައިފިއެވެ. މި ޕްރޮގްރާމް އެރަށުގައި ފަށްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމެވެ.

ޕްރައިމަރީ ހެލްތު ކެއަރ ނުވަތަ އިބްތިދާއީ ސިއްޙީ ޚިދުމަތުގެ ނިޒާމަކީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް މަދުކޮށް އެ ބަލިތައް އަވަހަށް ދެނެގަނެގެން، ރައްޔިތުންނާއި ގާތުން ފެންވަރު ރަނގަޅު ވަށާޖެހޭ ޚިދުމަތެއްގެ ތެރެއިން ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ފެށި ޕްރޮގްރާމެކެވެ. ސިއްޙީ ވުޒާރާއިން ވިދާޅުވީ މި ޕްރޮގްރާމް މިއަހަރުގެ ތެރޭ 5 އަތޮޅެއްގައި ކުރިއަށް ގެންގޮސްފައިވަކަމަށެވެ. އަދި 2025 ވަނަ އަހަރު ރާއްޖޭގެ ހުރިހާ އަތޮޅަކަށް މިޕްރޮގްރާމް ފުޅާކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

އިބްތިދާއީ ސިއްހީ ޚިދުމަތުގެ ނިޒާމު ދިރުވާ އާލާކުރުމަށް ފަށާފައިވާ ޕްރޮގްރާމުގައި އާންމު ބަލިތަކުގެ ހާލަތު ދެނެގަތުމަށްޓަކައި 18 އަހަރުން މަތީގެ ކޮންމެ ރައްޔިތެއްގެ މެޑިކަލް ހިސްޓްރީ ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި މެޑިކަލް ހިސްޓްރީގައި ކޮންމެ ރައްޔިތެއްގެ ވެސް މިހާތަނަށް ކުރެވުނު ބޭސްފަރުވާގެ މަޢުލޫމާތު ރިކޯޑުކުރެވޭނެއެވެ.

މި ޕްރޮގްރާމުގެ ދަށުން ސިއްޙީ ޚިދުމަތްތެރީން ގޭގެއަށް ޒިޔާރަތްކޮށް، ސިއްޙީ މަޢުލޫމާތު ފޯރުކޮށް، އެކިއެކި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ލަފަޔާއި އިރުޝާދު ދިނުން ހިމެނެއެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އިރުޝާދު ދެއްވާ ގޮތުގައި، އިބްތިދާއީ ސިއްޙީ ނިޒާމަކީ ރައްޔިތުންނާއި ގާތުން ހަމަހަމަކަމާއެކު ސިއްޙީ ޚިދުމަތް ދިނުމަށް އެންމެ އިތުބާރު ހުރި ނިޒާމެވެ.

އިބްތިދާއީ ސިއްޙީ ނިޒާމް ދިރުވާ އާލާކުރުމަށް އަތޮޅުތަކަށް ދަތުރު ކުރައްވާ ޓީމުގައި ސިއްޙީ ދާއިރާގެ ފަންނީ އަދި ތަޖުރިބާ ލިބިފައިވާ ބޭފުޅުން ހިމެނޭކަމަށް ސިއްހަތާއިބެހޭ ވުޒާރާއިން ވިދާޅުވެއެވެ.