ޚަބަރު

ކުޅުންތެރިންނަށް އަނިޔާވަނީ ގާތްގާތުގައި ގިނަ މެޗު ކުޅެން ޖެހޭތީ: ގާޑިއޯލާ


މި ސީޒަނުގައި މެންޗެސްޓަރ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލައަކީ ކައިރި ކައިރީގައި ގިނަ މެޗުތަކެއް ކުޅެންޖެހުމުގެ ސަބަބުން ގިނަ ކުޅުންތެރިންތަކަކަށް އަނިޔާވުން ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ލީގުގައި މާދަމާ މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ގާޑިއޯލާ ބުނެފައިވަނީ ކައިރި ކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހޭ ގޮތަށް މި ސީޒަން ފެށުމުގެ ކުރިން ގިނަ ބަދަލުތަކަކާއިއެކު ކަލަންޑަރު ފައިނަލް ކުރުމާއި ގުޅިގެންނެވެ.

އަދި މިފަދަ ގޮތަކަށް ކަލަންޑަރު އޮންނައިރު ކޮންމެ ޓީމެއްގައި 25-30 ކުޅުންތެރިންގެ ސްކޮޑެއް އޮވެގެން ނޫން ރަގަޅު ނަތީޖާތަކެއް ނުހޯދޭނެ ކަމަށެވެ.

ސިޓީއަށް މި ފަހަރު ކުރިމަތިވެފައިވަނީ ޕްރެކްޓިސް ނުވަތަ ކޯޗިން ސްޓާފުންގެ މައްސަލައެއް ނޫން ކަމަށާއި މިއީ ކައިރި ކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުގެ ސަބަބުން ގިނަ ކުޅުންތެރިންތަކަކަށް އަނިޔާވެފައިވާތީ ކުރިމަތިވެފައިވާ މައްސަލައެއް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

އަދި މިކަން ކުރިއަށް އޮތް ތަނުގައި ހުރިހާ ކްލްބަކަށްވެސް ކުރިމަތިވާނެ ކަމަށްވެސް ގަޑިއޯލާ ވަނީ ބުނެފަ އެވެ. އަދި ސިޓީގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް މިހާރުވެސް އަނިޔާގައި ތިބިކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ މެންޗެސްޓަރ ސިޓީ މިވަގުތު އޮތީ ޕްރިމިއާ ލީގުގެ ހަތަރުވަނައިގަ އެވެ. އަދި އެންމެ ފަހުން އެ ޓީމު ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.

އެފްއޭ ކަޕުން ސިޓީ ކަޓާފައިވާއިރު ޗެމްޕިއަންސް ލީގުގައި ވާދަކުރާ 36 ޓީމުގެ ތެރެއިން ސިޓީ މި ވަގުތު އޮތީ 22 ވަނައިގަ އެވެ. ގަދަ އަށް ޓީމަށް ދެވަނަ ބުރުގެ ސީދާ ޖާގައެއް ލިބިގެންދާއިރު, 9 އިން 24 ވަނައަށް ދާ ޓީމުތަކަށް ޖެހޭނީ ޕްލޭއޮފް މެޗުތަކެއް ކުޅުމަށެވެ.

ގާޑިއޯލާ އިތުރަށް ބުނެފައިވަނީ މާދަމަ ޔުނައިޓެޑާއި ދެކޮޅަށް ނިކުންނައިރު އެ ޓީމުގެ ޑިފެންސްލައިން ގައި ކުޅުވާނެ ކުޅުންތެރިންނާއިމެދު އަދިވެސް ސުވާލު އުފެދިފައިވާ ކަމަށެވެ. އެގޮތުން މެނުއެލް އަކަންޖީ އާއި ނަތަން އޭކް އަށް ވަނީ އަނިޔާ ވެފަ އެވެ.