އިނގިރޭސި ޕްރިމިއާ ލީގުގެ ރެކޯޑް އަދަދެއް ކަމުގައިވާ 715 މިލިއަން ޕައުންޑް އާމްދަނީގެ ގޮތުގައި މި އަހަރު މެންޗެސްޓަރ ސިޓީއަށް ލިބިފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.
މެންޗެސްޓަރ ސިޓީން ބުނެފައިވާ ގޮތުގައި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ކްލަބަށް 715 މިލިއަން ޕައުންޑް ލިބިފައިވާއިރު މިދިޔަ އަހަރާއި އަޅާ ބަލާއިރު މމިއީ 2.2 މިލިއަން ޕައުންޑްގެ އިތުރު ވުމެކެވެ. ފާއިތުވެދިޔަ ހަތަރު ސީޒަނުގައިވެސް ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައިވާ މެންޗެސްޓަރ ސިޓީން ވަނީ ކްލަބް ވޯލްޑް ކަޕްގެ އިތުރުން ޔޫރަޕިއަން ސުޕަރ ކަޕްވެސް ކާމިޔާބުކޮށްފަ އެވެ.
ސިޓީގެ ޚަރަދުތައް 412.6 މިލިއަން ޕައުންޑަށް ކުޑަކޮށްފައިވާއިރު ޓެކްސް އާއިއެކު އެ ކްލަބަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބިފައިވަނީ 73.8 މިލިއަން ޕައުންޑެވެ.
މެންޗެސްޓަރ ސިޓީއިން ބުނެފައިވާ ގޮތުގައި 15-2014 ވަނަ އަހަރުން ފެށިގެން ކޮވިޑްގެ ދުވަސްތައް ފިޔަވާ އެކްލަބަށް ކޮންމެ އަހަރަކުވެސް ދަނީ ފައިދާ ވަމުންނެވެ. އަދި މިދިޔަ ސީޒަނުގެ ކުޅުންތެރިން ގަނެ ވިއްކުމުގެ ބާޒާރުގައި އެ ކްލަބަށް 92.8 މިލިއަން ޕައުންޑް ފައިދާ ވެފައިވާކަމަށްވެސް ސިޓީން ވަނީ ބުނެފަ އެވެ. ސިޓީން މި އަހަރު ވިއްކާލާފައިވާ ކުޅުންތެރިންގެ ތެރޭގައި އާޖެންޓީނާގެ ފޯވަޑް ހޫލިއަން އަލްވަރޭޒް އާއި ޖޮއާއޯ ކެންސެލޯގެ އިތުރުން ފޯވަޑް ލިއަމް ޑެލަޕް ހިމެނެ އެވެ.
ރެކޯޑް އަދަދަކަށް ސިޓީއަށް މި އަހަރު އާމްދަނީ ލިބިފައިވާއިރު އަބޫ ދާބީގެ ޝެއިހް މަންސޫރު އެ ކްލަބާއި ހަވާލުވިފަހުން ޕްރިމިއާ ލީގުގެ ފައިނޭންޝަލް ފެއަރ ޕްލޭ އާއި އެ ކްލަބުން ހިލާފުވެފައިވާކަމަށް ބުނެ އެ ކްލަބާއި ދެކޮޅަށް ދަނީ 115 މައްސަލައެއް ބަލަމުންނެވެ. އަދި މި މައްސަލަތަކުގެ އަޑުއެހުންތައް ނިމިފައިވާއިރު ވަރަށް އަވަހަށް މިމައްސަލައިގައި ގޮތެއް ނިންމާނެކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
ސިޓީއަށް ބޮޑު އާމްދަނީއެއް ލިބިފައިވާއިރު އެ ކްލަބުން ދަނީ މިހާރުވެސް އިއްތިހާދު ސްޓޭޑިއަމްގެ ނޯތު ސްޓޭންޑް މަރާމާރު ކުރުމުގެ މަސައްކަތް ފަށާފައެވެ. ޖުމްލަ 300 މިލިއަން ޕައުންޑުގެ މި މަޝްރޫއު ނިމޭއިރު އިއްތިހާދު ސްޓޭޑިއަމްގެ ޖާގަ 60 ހާހަށް އިތުރު ވެގެންދާނެ އެވެ.