ދުނިޔެ

ކުއްލި ޙާލަތާ ގުޅިގެން ދެކުނު ކޮރެޔާގެ ރައީސަށް އިތުބާރު ނެތް ކަމަށް ފާސްކޮށްފި


ދެކުނުގެ ކޮރެޔާގެ ރައީސް ޔޫން ސުކް ޔޯލްގެ މައްޗަށް އިތުބާރު ނެތް ކަމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

އެއާ އެކު ދެކުނު ކޮރެޔާގެ ޤާނޫނުއަސާސީގެ ދަށުން ޔޫންގެ ރިޔާސީ ބާރުތައް ސަސްޕެންޑުވުމުން ރައީސްގެ ޒިންމާތަކާއި މަސްޢޫލިއްޔަތުތަކާ ވަގުތީ ގޮތުން ޙަވާލުވެވަޑައިގަންނަވާނީ ބޮޑުވަޒީރު ހާން ޑަކް ސޫއެވެ.

ބޮޑުވަޒީރު ހާން ވިދާޅުވީ، މިހާރު އުފެދިފައި އޮތް ނުތަނަވަސްކަމުގެ ތެރެއިން ހަމަޖެހުން ޤާއިމުކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިއީ ދެކުނު ކޮރެޔާގެ ތާރީޚުގައި ރައީސެއްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރި ދެވަނަ ފަހަރެވެ. ޔޫން މަޤާމުން ދުރުކުރަން އިދިކޮޅުން ހުށަހެޅި ފުރަތަމަ މައްސަލަ ނާކާމިޔާބުވީ، ވެރިކަން ކުރާ ޕީޕަލް ޕަވަރ ޕާޓީ (ޕީޕީޕީ)ގެ ގިނަ މެމްބަރުން ވޯޓު ބޮއިކޮޓް ކުރުމުންނެވެ.

ނަމަވެސް، ދެވަނަ ފަހަރަށް ނެގި ވޯޓުގައި ޕީޕީޕީގެ 12 މެމްބަރަކު ވަނީ އިތުބާރު ނެތް ކަމުގެ ޤަރާރަށް ތާޢީދު ކުރައްވައިފައެވެ. މި ގޮތުން، ދެކުނު ކޮރެޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ޖުމްލަ 300 މެމްބަރުންގެ ތެރެއިން 204 މެމްބަރުން އެ ޤަރާރަށް ތާޢީދުކުރެއްވިއެވެ. އަދި އެ ޤަރާރާ ދެކޮޅަށް 85 މެމްބަރުން ވޯޓު ދިން އިރު، ވަކިކޮޅަކަށް ވޯޓު ނުދެއްވާ ތިން މެމްބަރުން ތިއްބެވިއެވެ. މީގެ އިތުރުން، އަށް މެމްބަރެއްގެ ވޯޓު ވަނީ ބާތިލުވެފައެވެ.

ޔޫންގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވިވުމުން މަޖިލީހުގެ ބޭރުގައި އެއްވެ ތިބި ގިނަ އަދަދެއްގެ ޢާންމުން ވަނީ އުފާފާޅުކޮށްފައެވެ.

ޔޫންގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރި ނަމަވެސް އެ ކަމާ މެދު ގޮތެއް ނިންމާނީ ދެކުނު ކޮރެޔާގެ ދުސްތޫރީ ކޯޓުންނެވެ. މަޖިލީހުން ޔޫންއަށް އިތުބާރު ނެތް ކަމަށް ފާސްކުރި ނަމަވެސް، ރައީސްކަމުގައި ބެހެއްޓުމުގެ ބާރު ވެސް އެ ކޯޓަށް ލިބިގެންވެއެވެ.

މުޅި ދުނިޔެ ސިއްސުވާލައި، ޑިސެމްބަރ 3 ވަނަ ދުވަހު ޔޫން ކުއްލި ޙާލަތު އިޢުލާނު ކުރެއްވީ، އިދިކޮޅު ޕާޓީތަކުން ދައުލަތާ ދެކޮޅަށް މަސައްކަތް ކުރަމުންދާތީ އެ ކަން ހުއްޓުވަން ކަމަށް ވިދާޅުވެއެވެ. އެކަމަކު ކުއްލި ޙާލަތު އިޢުލާނު ކުރެއްވިތާ ހަ ގަޑިއިރު ތެރޭގައި އެ ނިންމެވުން ޔޫން ބާޠިލުކުރެއްވީ އަމިއްލަ ޕާޓީގެ ބައެއް މެންބަރުންގެ ވެސް ތާއީދާ އެކު، ކުއްލިހާލަތު އުވައިލަން ޤާނޫނު ހަދާ މަޖިލީހުން ފާސްކުރުމުންނެވެ.

ޤައުމަށް ޚިޔާނާތްތެރިވެވަޑައިގަތް ކަމުގެ ތުހުމަތުގައި ޔޫނާ ދެކޮޅަށް ޖިނާޢީ ތަހުޤީޤެއް މިހާރު ވަނީ ފަށައިފައެވެ. އަދި ޤައުމު ދޫކުރައްވައި ވަޑައިނުގެންނެވޭ ގޮތަށް، ޔޫންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.