އަންހެނުން ބާރުވެރިކުރުވުމަކީ ވިލުންތެރި މުޖްތަމަޢުއެއް ބިނާކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން އައިޝަތު އަފްރީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދަޅުވީ، "އެމްޕަވަރިންގ ވިމެން އެންޓަޕްރެނަރސް ތްރޫ ޑިޖިޓަލް ޓްރާންސްފޯރމޭޝަން"ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ޕްރޮގްރާމްއަކީ އިޤްތިޞާދީގޮތުން ބާރުވެރިވެފައިވާ އަންހެނުން އިތުރުވެ، އެ ފަރާތްތަކުގެ ވިޔަފާރި ކުރިއަރުވަން ބާރު ލިބި، ފުޅާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްއެކެވެ.
މިރަސްމީއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން އައިޝަތު އަފްރީން މުޙައްމަދު ވަނީ ވިޔަފާރިތަކުގައި އަންހެނުން ދައުރުގެ މައްޗަށް އަލިއަޅުވައި ވާހަކަދައްކަވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގައި މިންތީގެ ހަމަހަަމަކަން ޤާއިމްކުރުމަކީ މުހިންމު ސިޔާސަތެއް ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. އެގޮތުން ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް ކުރައްވާ މަސައްކަތާއިއެކު 2030 ވަނަ އަހަރު އަންނަންވާއިރު ފަންނިޔާތުގެ ދާއިރާ އިޤްތިޞާދުގައި ހިއްސާ ކުރާ މިންވަރު 15 އިންސައްތަ އިތުރުކުރުމަށް ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން އަފްރީން ވިދާޅުވީ ރާއްޖޭގައި ވިޔަފާރިކުރާ އަންހެނުން އިތުރުވަމުންއަންނައިރު، ވިޔަފާރިތަކުގައި ފަންނިއްޔާތު ބޭނުން ކުރާ މިންވަރު އިތުރުކޮށްގެން ގިނަ ކުރިއެރުންތަކެއް ހޯދޭނެކަމަށެވެ. އަދި މިކަންކުރަން ބަލާއިރު، ރާއްޖޭގެ ހުރިހާ ކަންކޮޅަކަށްވެސް އިންޓަނެޓް ޚިދުމަތް ފޯރުކޮށްދެވޭތީ ޚިދުމަތްތައް ދިނުމުގައި ބޮޑެތި ފަސޭހަތަކެއް ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ވިދާޅުވިއެވެ. މިއާއެކު ލިބިފައިވާ މިފަދަ ލުއިތައް ބޭނުންކޮށް އީޖާދީ ވިސްނުމުގައި ވިޔަފާރިތައް ކުރިއެރުވުމަށް އެކަމަނާ ގޮވާލެއްވިއެވެ.
އެކަމަނާ ވަނީ އަންހެނުން ބާރުވެރިކުރުވުމުގެ މުހިންމުކަމުގެ މައްޗަށްވެސް ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އަންހެނުން ބާރުވެރިކުރުވުމަކީ ހަމައެކަނި އިޤްތިޞާދީ ވިސްނުމަކުން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، މުޅި ޤައުމަށް އޭގެ ފައިދާކުރާނެ ކަމެއްގެގޮތުގައި ދެކި އެކަން ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އަންހެނުން ބާރުވެރިކުރުވުމަކީ ވިލުންތެރި މުޖުތަމަޢެއް ބިނާ ކުރުމަށް މުހިންމު ކަމެއް ކަމަށް އެކަމަނާ ވިދަޅުވިއެވެ.
މީގެ އިތުރުން އަންހެނުން ބާރުވެރިވެރިވުމުން މުޖްތަމަޢުތެރޭގައި އަންހެނުން އަދާ ކުރާ ދައުރު ފާހަގަކުރައްވާ އެކަމަނާ ވަނީ މިކަމުގެ ސަބަބުން އިޖްތިމާޢީ ގިނަ ކުރިއެރުންތަކެއްވެސް ލިބިގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން އަފްރީން ވިދާޅުވިއެވެ.