ދިރާސީ މަސައްކަތްތައް ކުރުމަށް 1 މިލިޔަން ރުފިޔާގެ ފަންޑެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން އިފްތިތާޙްކޮށްފިއެވެ.
މި ފަންޑް އިފްތިތާޙްކޮށްފައިވަނީ އެމްއެމްއޭއިން ދެ ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ ރިސަރޗް ކޮންފަރެންސްގެ ތެރެއިންނެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭއިން ޤާއިމްކުރި މި ފަންޑަކީ އެ އިދާރާގެ ދިރާސީ މަސައްކަތްތަކަށް ޚާއްސަކޮށްގެން ޤާއިމްކޮށްފައިވާ ފަންޑެކެވެ. މި ފަންޑް އިފްތިތާހު ކުރެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރު ޑރ. މަހްމޫދު ޝައުގީއެވެ. އެމްއެމްއޭގެ މި ފަންޑުގެ އަމާޒަކީ ދިރާސާތައް ކުރުމަށް ހިތްވަރުދީ ދިރާސާ ކުރާ ފަރާތްތަކަށް ފަހި މާހައުލެއް ބިނާކުރުމެވެ. މި ފަންޑު އެމްއެމްއޭ އިން ފަށާފައިވަނީ 1 މިލިއަން ރުފިޔާއާއެކުއެވެ.
މީގެ އިތުރުން ދިރާސީ މަސައްކަތް ކުރުމަށް ދެ އެއްބަސްވުމެއްގައިވެސް މި ކޮންފަރެންސްގެ ތެރެއިން ސޮއިކޮށްފައިވެއެވެ. އޭގެ ތެރެއިން އެއް އެއްބަސްވުން ޤާއިމުކޮށްފައިވަނީ ދިރާގާއި އެކުގައެވެ. ދިރާގާއިއެކު ސޮއިކޮށްފައިވާ އެއްބަސްވުމަކީ ދެމެހެއްޓެނިވި ކުރިމަގަކަށް ދިރާސާތައް ފުޅާކުރުމާއި އީޖާދީ އުފެއްދުންތައް ކުރިއެރުވުމަށް އެކުލަވާލި އެއްބަސްވުމެކެވެ.
ދެވަނަ އެއްބަސްވުން ޤާއިމުކޮށްފައިވަނީ މެލޭޝިއާގެ ޔުނިވަރސިޓީއެއްކަމަށްވާ އިސްލާމް ސެލަންގޫރާއިއެކުއެވެ. އެ ޔުނިވަރސިޓީއާއެކު ސޮއިކޮށްފައިވާ އެއްބަސްވުމަކީ އިޤްތިޞާދީ ދިރާސާތައް ކުރިއެރުވުމަށާއި ތަޢުލީމާއި އީޖާދުކުރުމުގެ ދާއިރާއިން އެކުގައި މަސައްކަތްކުރުމަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ.
މި ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ދިރާސާވެރިންނާއި މާލީ އިދާރާތަކުގެ ބޭފުޅުންނާއި އިޤްތިޞާދީ އަދި ފައިނޭންޝަލް ޓެކްނޮލޮޖީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއް ބައިވެރިވިއެވެ. މި ކޮންފަރެންސްގެ ފުރަތަމަ ސެޝަންގައި ގަވަރުނަރު އަހްމަދު މުނައްވަރުގެ އިތުރުން، އެމްއެންޔޫގެ ޗާންސެލަރު ޑރ. ޝައުގީ އަދި ރިޒާވް ބޭންކް އޮފް އިންޑިއާގެ ޑެޕިއުޓީ ގަވަރުނަރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
މި ކޮންފަރެންސްއަކީ މަރުކަޒީ ބޭންކުން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ރިސަރޗް ކޮންފަރެންސްއެވެ. މި ކޮންފަރެންސްގައި ކީނޯޓާއި ޕެނަލް ޑިސްކަޝަންތަކާއި ދިރާސީ ކަރުދާސްތައް ހުށަހެޅުމުގެ އިތުރުން ވޯކްޝޮޕްތައްވެސް ކުރިއަށް ދާނެއެވެ. މިއަހަރުގެ ކޮންފަރެންސް ތީމަކީ "އިޤްތިޞާދީ ދިރާސާތައް ފުޅާކުރުމުގައި ދެމެހެއްޓެނިވި ކުރިމަގަކަށް ސިޔާސަތުތައް ބައްޓަންކޮށް އީޖާދުކުރުން" މެވެ.