ޚަބަރު

ޗައިނާ-އިންޑިއަން އޯޝަން ފޯރަމުގައި ބައިވެރިވެވަޑައިގެންނެވުމަށް ނައިބު ރައީސް ޗައިނާއަށް ވަޑައިގެންފި


  • މިއީ ކުންމިންގގައި މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ ފޯރަމެއް

"ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ 3 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް ޗައިނާއަށް ވަޑައިގެންފިއެވެ.

ޗައިނާގެ ކުންމިންގ ޗަންގޝުއި އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޔުނާން ޕްރޮވިންސްގެ ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއަރމަން ލުއޯ ހޮންގްޖިއަންގ، ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ)ގެ ގްލޯބަލް ޑިވެލޮޕްމަންޓް ޕްރޮމޯޝަން ސެންޓަރުގެ ވެރިޔާ، ޓާންގް ޔިންގް އަދި ޔުނާން ޕްރޮވިންސްގެ ފޮރިން އެފެއާޒް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ވޯންގް ވެއި އެވެ.

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ފޯރަމަކީ ރާއްޖެއިން ކޯ-ހޯސްޓްކުރާ ފޯރަމެކެވެ. ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، "ދަ ފިއުޗާ އޮފް ދަ ބްލޫ އިންޑިއަން އޯޝަން ޑިވެލޮޕްމަންޓް: ޕްރެކްޓިސް އޮފް ދަ ގްލޯބަލް ސައުތު" މި ޝިއާރުގެ ދަށުންނެވެ.

ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ)އިން އިންތިޒާމްކޮށްގެން ބާއްވާ މި ފޯރަމްގެ މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީ ހިމެނޭ ގޮތަށް ނޫ އިޤްތިޞާދުގެ އެކި ކަންކަމަށް ސަމާލުކަންދީގެން، ޗައިނާއާއި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމެވެ. ފޯރަމް ހުޅުވުމާއި ނިންމުމުގެ ރަސްމިއްޔާތުގެ އިތުރުން، ވަކި މައުޟޫޢު ޚާއްޞަ މަޝްވަރާތަކެއް ކުރެއްވުމާއި، ސަބްފޯރަމްތަކާއި އެކި މައުޟޫޢުތަކަށް ވަށް-މޭޒު ބައްދަލުކުރެއްވުންތައް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކުރެވިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މި ފޯރަމްގައި ބައިވެރިވަޑައިގަންނަވަނީ ޗައިނާ ސަރުކާރުގެ ދަޢުވަތަކަށެވެ. އަދި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވާހަކަފުޅު ދެއްކެވުމަށްވެސް ވަނީ ހަމަޖެހިފައެވެ. 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގައި ބޭއްވި "ޗައިނާ އިންޑިއަން އޯޝަން ރީޖަން ފޯރަމް"ގެ 2 ވަނަ ބައްދަލުވުމުގައިވެސް ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.