އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.
މި މެޗުން ނިއުކާސަލް ޔުނައިޓެޑް މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 16 މެޗުން 23 ޕޮއިންޓާއެކު ތާވަލުގެ 11 ވަނަ މަގާމް ލިބިފަ އެވެ. ލެސްޓަރ ސިޓީ އޮތީ 14 ޕޮއިންޓާއެކު 16 ވަނައިގެ އެވެ.
މިއީ ލެސްޓަރ ސިޓީގެ ކޯޗު ކަމާއި ދާދިފަހުން ހަވާލުވި ވޭން ނިސްޓެލްރޫއީގެ ކޯޗުކަމުގައި އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ. އަދި ލީގުގައި ހަތަރު މެޗަށްފަހު ނިއުކާސަލް ޔުނައިޓެޑް މޮޅުވި ފުރަތަމަ ފަހަރުވެސްމެ އެވެ.
ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކުގައި ފަންސާސް ދެހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 30 ވަނަ މިނިޓުގައި ޖެކޮބް މާފީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
މެޗުގެ ފުރަތަމަ ހާފު 1-0 ގެ ނަތީޖާއަކުން ކުރީގައި އޮވެ ނިއުކާސަލް އިން ނިންމާލި ނަމަވެސް ދެވަނަ ހާފުގައި އެ ޓީމު ފެނިގެންދިޔައީ ފުރަތަމަ ހާފާއި އަޅާބަލާއިރު މާ ވަރުގަދަ ކޮށެވެ.
އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި ބްރޫނޯ ގުއިމަރޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ނިއުކާސަލް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 50 ވަނަ މިނިޓުގައި އެލެކްޒެންޑަރ އިސާކް ކާމިޔާބު ކޮށްދީފައިވާއިރު އޭގެ ދިހަ މިނިޓް ފަހުން މާފީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.
އަންނަ ބުދަ ދުވަހު ކަރަބާއޯ ކަޕްގެ ކުއާޓަރ ފައިނަލުގައި ނިއުކާސަލް ޔުނައިޓެޑް ނިކުންނާނީ ބްރެންޓްފޯޑް އާއި ދެކޮޅަށެވެ. މިދިޔަ ހަފްތާގައި ބްރެންޓްފޯޑް އާއި ދެކޮޅަށް ލީގުގައި ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ.