ރާއްޖޭގައި ހުރި ޒަމާންވީ މައްސަލަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްލު ހޯއްދަވައިދެއްވަނީ ހިކުމަތްތެރިކަމާއި ހުޝިޔާރުކަމާއެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ވިދާޅުވެއްޖެއެވެ.
ޠާރިޤު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅު ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަހިބަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ނިންމެވުންތަކަކީ ރާއްޖޭގައި ހުރި ޒަމާންވީ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މުހިންމު ނިންމެވުންތަކެއް ކަމަށެވެ. މާލީ ގޮތުން ހުރި މައްސަލަތަކާއި ޒުވާނުންނާ ގުޅުންހުރި މައްސަލަތަކުގައި ކަންކަން ނިންމުމަކީ ސިޔާސީގޮތުން އުނދަގޫކަމެއް ކަމަށާއި ރައީސް ނިންމެވުންތައް ނިންމަވަނީ ހިކުމަތްތެރިކަމާއި ކެތްތެރިކަމާއި ހުޝިޔާރުކަމާއެކުގައި ކަމަށް ވިދާޅުވިއެވެ.
މެންބަރު ޠާރިޤު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ނިންމެވުންތަކުގެ ސަބަބުން ރާއްޖެއަށް އިގްތިސާދީގޮތުންނާއި އިޖުތިމާޢި ގޮތުން ކުރިއަށް އޮތްތަނުގައި ފައިދާ ކުރާނެ ކަމަށެވެ.
"ރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ، ރާއްޖޭގެ އިގްތިސާދާއި ޒުވާނުންގެ ދުޅަހެޔޮކަމަށް ނިންމަވާފައިވާ ބޮޑެތި ސިޔާސަތުތަކަކީ ކުރިއަށް އޮތް ޖީލުތަކުގައި ދިވެހި ރައްޔިތުންނަށް އެކަމުގެ ފައިދާ ފެނިގެންދާނެ ކަންކަން ކަމުގައި އަޅުގަނޑު ފާހަގަކުރަން. އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުވެރިވަން ރައީސް މި ރަށަކީ ރާއްޖޭގެ އަރބަން ސެންޓަރުގެ ގޮތުގައި ކަނޑައަޅުއްވައި މިރަށާއި މިއަތޮޅުގެ މި ސަރަހައްދު ތަރައްގީކުރެއްވުމަށްޓަކައި ސިޔާސަތު ކަނޑައަޅުއްވާފައިވާތީ،" ޠާރިޤް ވިދާޅުވިއެވެ.
ޠާރިޤު ވިދާޅުވީ ވެރިކަމުގެ ފުރަތަމަ އަހަރު އެއްވެސް ސަރުކާރަކަށް ގިނަ މަޝްރޫއުތަކެއް ނުހިންގޭ ކަމަށާއި މި ސަރުކާރުގެ ފުރަތަމަ އަހަރު ޖެހުނީ ކުރީ ސަރުކާރުގެ ދަރަނިތައް ދައްކަމުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭން ކަމަށެވެ.
ނަމަވެސް ކުރިއަށް އޮތް އަހަރަކީ އުއްމީދީ އަހަރެއް ކަމަށާއި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ފެށިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ވިދާޅުވިއެވެ.