އަރިއަތޮޅު ދެކުނުބުރީގެ ތަރައްޤީއަށް އެންމެ މުހިންމުކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު އެ އަތޮޅުގެ އަތޮޅު ކައުންސިލާ މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިހާރު އެމަނިކުފާނު އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިއަދު ހެނދުނު ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އަރިއަތޮޅު ދެކުނުބުރީ ކައުންސިލުން ވަނީ ސުކޫލުގައި ސޯލާ ހަރުކުރުމާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އަތޮޅު ކައުންސިލަށް އާމްދަނީ ހޯދުމަށް މަގުފަހިވާނެ ގޮތަކަށް އދ. ލޮނުބޯ، ބޭނުންކުރެވޭނެ ގޮތް ހައްދަވައިދެއްވުމަށް ކައުންސިލުން އެދުނެވެ.
އަދި އެ އަތޮޅުގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށާއި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށާއި ފަތުރުވެރިކަން ފުޅާކުރުމަށް ބޭނުންވާކަން އަތޮޅު ކައުންސިލުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އަތޮޅު ކައުންސިލުން ވަނީ އަތޮޅުގައި ޕިކްނިކް ދާނެ ރަށްތައް މަދުކަން ފާހަގަކުރައްވައި އެކަން ފަހިކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދަތުރުފަތުރުގެ ޚިދުމަތް ފުޅާކުރުމަށް އާރް.ޓީ.އެލްގެ ޚިދުމަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި ދެންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.