ޚަބަރު

ޑަބްލިންގައި ހުންނަ ޔަހޫދީ ދައުލަތުގެ އެންބަސީ ބަންދު ކުރަނީ


އަޔަލެންޑުގެ ވެރިރަށް ޑަބްލިންގައި ޤާއިމު ކޮށްފައިވާ ޔަހޫދީ ދައުލަތުގެ އެންބަސީ ބަންދު ކުރާނެ ކަމަށް ޔަހޫދީން ބުނެފިއެވެ.

ފަލަސްޠީނަކީ މިނިވަން ދައުލަތެއް ކަމަށް މިދިޔަ މެއި މަހު އަޔަލެންޑުން ރަސްމީކޮށް ބަލައިގަތުމުން ޔަހޫދީ ދައުލަތުން ވަނީ އެ ޤައުމަށް ކަނޑައަޅައިފައި ހުންނަ އެ ދައުލަތުގެ ސަފީރު އަނބުރާ ގެންގޮސްފައެވެ. އޭގެ ފަހުން، ޔަހޫދީ ދައުލަތާ ދެކޮޅަށް ދެކުނު އެފްރިކާއިން އދގެ އެންމެ މަތީ ކޯޓު، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅާފައިވާ މައްސަލައިގައި ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ރައްޔިތުން ނަސްލުހޭދު ކުރާކަމަށް ބުނާ ބުނުމަށް އަޔަލެންޑުން މިދިޔަ ހަފުތާގައި ހިތްވަރު ދިނުމުން، ޔަހޫދީންގެ ރުޅިގަނޑު ވަނީ އިންތިހާ ދަރަޖައަށް އިތުރު ވެފައެވެ.

ޑަބްލިންގައި ހުންނަ އެންބަސީ ބަންދުކުރަން ނިންމި ނިންމުން އިޢުލާނު ކުރަމުން ހައްދުފަހަނައެޅި ނިރުބަވެރި ޔަހޫދީންގެ ދާޚިލީ ވުޒާރާއިން ބުނީ އެންބަސީ ބަންދުކުރަން ނިންމީ އަޔަލޭންޑުގެ ސަރުކާރުން ޔަހޫދީ ދައުލަތާ ދެކޮޅަށް ގެންގުޅޭ ހައްދުފަހަނައަޅާފައިވާ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. އަޔަލެންޑުން ޔަހޫދީ ދައުލަތާ މެދު ކަންތައް ކުރަމުންދާ ގޮތުން އެ ޤައުމުން ޔަހޫދީ ދައުލަތަކީ ޝައިޠާނީ ދައުލަތެއްގެ ގޮތުގައި ދެކޭކަން ހާމަވާކަމަށް ވެސް ޔަހޫދީންގެ ދާޚިލީ ވަޒީރު ގިޑިއަން ސާރު ވަނީ ބުނެފައެވެ.

ނަމަވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޔަލެންޑުގެ ބޮޑުވަޒީރު ސައިމަން ހެރިސް ވިދާޅުވީ އެ ޤައުމަކީ އަބަދުވެސް އިންސާނީ ހައްޤުތަކަށާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްކޮޅަށް ވަކާލާތު ކުރާނެ ޤައުމެއް ކަމަށެވެ. އޭނާ ވިދާޅުވީ އަޔަލެންޑަކީ ޞުލްޙައަށް ލޯބިކުރާ ޤައުމެއް ކަމަށާއި ފަލަސްޠީނުގެ މައްސަލައިގައި ޞުލްޙަ ޤާއިމުކުރުމަށްޓަކައި ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރެވޭ ދެދައުލަތް ޤާއިމުކުރުން ޖެހޭ ކަމަށެވެ.

އަޔަލެންޑުގެ ދާޚިލީ ވަޒީރު މައިކަލް މާޓިން ވިދާޅުވީ ޔަހޫދީ ދައުލަތުން ޑުބްލިންގައި ހުންނަ އެންބަސީ ބަންދު ކުރި ނަމަވެސް ޔަހޫދީ ދަޢުލަތާއެކު ދާޚިލީ ގުޅުން ދަމަހައްޓާނެ ކަމަށެވެ. އަދި ޔަހޫދީ ދައުލަތުގައި ޤާއިމު ކޮށްފައިވާ އަޔަލެންޑުގެ އެންބަސީ ބަންދުކުރުމުގެ ޚިޔާލު ވެސް ޤައުމުން ނުގެންގުޅޭ ކަމަށެވެ. މީގެ ކުރިން މާޓިން ވަނީ ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ޣައްޒާގައި ކުރިއަށް ގެންދާ ލާއިންސާނީ އަމަލުތަކަކީ ބައިނަލްއަޤްވާނީ އިންސާނީ ޤާނޫނުތަކާ ފައުޅުކަން ބޮޑު ގޮތެއްގައި ޚިލާފު ކަމެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ.