ޚަބަރު

މެޑިސަންގެ ދެ ލަނޑާއެކު ޓޮޓްނަމްއަށް ފަސޭހަ މޮޅެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަން އާއި ދެކޮޅަށް ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު އާދިއްތަ ދުވަހު ކުޅުނު މެޗުގައި ޖޭމްސް މެޑިސަން ކާމިޔާބު ކޮށްދިން ދެ ލަނޑާއެކު 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޓޮޓްނަމް މޮޅުވެއްޖެ އެވެ.

ޓޮޓްނަމް އިން މި މެޗު ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 16 މެޗުން 23 ޕޮއިންޓާއެކު ތާވަލުގެ ދިހަވަނަ އަށް އަރާފަ އެވެ. ސައުތެމްޓަން އަށް 16 މެޗުން ލިބިފައިވާ 5 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ފުލުގަ އެވެ.

ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ މިނިޓުގައި ޓޮޓްނަމްގެ ޖޭމްސް މެޑިސަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.

އަދި އޭގެ 11 މިނިޓް ފަހުން ކެޕްޓަން ސޮން ހިއުން މިން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ޓޮޓްނަމް އިން މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައިވާ މި މެޗުގެ 14 ވަނަ މިނިޓުގައި ޑެޖާން ކުލުސެވްސްކީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.

މެޗުގެ 15 މިނިޓުގެ ކުޅުން ނިމިގެންދިޔައިރު ޓޮޓްނަމް އިން 3 ލަނޑު ޖަހާފައިވާ މި މެޗުގެ 25 ވަނަ މިނިޓުގައި ޕާޕޭ ސާރ ވަނީ އިތުރު ލަނޑެއް ޓޮޓްނަމް އަށް ކާމިޔާބުކޮށްދީފަ އެވެ.

މި ލަނޑަށްފަހުވެސް ޓޮޓްނަމް އަށް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން ކެޕްޓަން ސޮން ހިއުން މިން ސައުތެމްޓަންގެ ގޯލަށް ފޮނުވާލި ނުރައްކާތެރި ތިން ހަމަލައެއް ފާހަގަ ކޮށްލެވެ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ޖޭމްސް މެޑިސަން ވަނީ އިތުރު ލަނޑެއް ޖަހާ ނަތީޖާ 5-0 އަށް ބަދަލުކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ގިނަ ލަނޑުތަކެއް ފެނިގެން ދިއުމާއެކު މި މެޗުގައި ތަފާތު ބޮޑު ނަތީޖާއެއް ފެނިގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް ދެވަނަ ހާފުގައި ސައުތެމްޓަން އިންވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް އެ ޓީމުގެ ކުޅުން ބަދަލުކޮށްފަ އެވެ.

ފަހަކަށް އައިސް ޓޮޓްނަމްއަށް ރަގަޅު ނަތީޖާތަކެއް ހޯދިފައިނުވާތީ އެ ޓީމުގެ ކޯޗު ޕޮސްޓެކޮގްލޫ އަށް ގިނަ ބައެއްގެ ފާޑު ކިއުންތައް އަމާޒުވެފައިވަނިކޮށް ތަފާތު ބޮޑު ނަތީޖާއަކުން އެ ޓީމު މޮޅުވުމާއެކު އޭނާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ވަނީ ލިބިފަ އެވެ.