ޚަބަރު

ރޭންޖާސް ބަލިކޮށް ސެލްޓިކްއިން ލީގު ކަޕް ކާމިޔާބުކޮށްފި


ސްކޮޓްލޭންޑްގެ ލީގު ކަޕްގެ ފައިނަލުގައި ވާދަވެރި ރޭންޖާސް އާއި ސެލްޓިކް ބައްދަލުކުރި މެޗު ޕެނަލްޓީ ޖަހައިގެން 5-4 ގެ ނަތީޖާއަކުން ސެލްޓިކް ކާމިޔާބުކޮށްފި އެވެ.

ސެލްޓިކްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު ވަނީ 3-3 ގެ ނަތީޖާ އަކުން އެއްވަރުވެފަ އެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ރޭންޖާރސް އިންނެވެ. މި ލަނޑު މެޗުގެ 41 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބަޖްރާމީ އެވެ.

ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި ސެލްޓިކްގެ ގްރެގް ޓޭލާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި ހަތަރު މިނިޓު ފަހުން ޑައެޒަން މައޭޑާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް މި މެޗުގައި ސެލްޓިކަށް ކުރި ހޯދަދީފަ އެވެ.

މި މެޗުގައި ރޭންޖާސް އިން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރު ކޮށްފައިވަނީ 75 ވަނަ މިނިޓުގައި ޑިއޮމަންޑޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ސެލްޓިކްގެ ކޫން މެޗުގެ 87 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިން ލަނޑުން ދެވަނަ ފަހަރަށް އެ ޓީމަށް ކުރި ލިބުނު ނަމަވެސް އޭގެ މިނިޓެއް ފަހުން ޑެނީލޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ރޭންޖާރސް އަށް އެއްވަރުކޮށްދީފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާތީ އިތުރު ވަގުތުވަނީ ކުޅެފަ އެވެ. އަދި އިތުރު ވަގުތުގައިވެސް އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވާތީ މި މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ސެލްޓިކް އިން ޖެހި ހުރިހާ ޕެނަލްޓީއެއް ކާމިޔާބު ކޮށްފައިވާއިރު ރޭންޖާރސްގެ ފަހު ޕެނަލްޓީ ސެލްޓިކްގެ ކީޕަރު ކެސްޕަ ޝުމައިކަލް ވަނީ ދިފާއުކޮށްފަ އެވެ.