އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރގެ ދެ ޓީމުގެ ކުރިމަތިލުމުގައި ރޭ ޔުނައިޓެޑާއި ސިޓީ ބައްދަލުކުރި މެޗުގެ ފަހު ދެ މިނިޓުގެ ތެރޭގައި ޔުނައިޓެޑްއިން ޖެހި ދެ ލަނޑާއެކު 2-1 ގެ ނަތީޖާއަކުން ސިޓީ ބަލިވެއްޖެ އެވެ.
މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވުމާއެކު އެ ޓީމު ވަނީ 16 މެޗުން ލިބުނު 22 ޕޮއިންޓާއެކު ތާވަލުގެ 13 ވަނަ އަށް އަރާފަ އެވެ. މެންޗެސްޓަރ ސިޓީ އަށް 16 މެޗުން ލިބިފައިވާ 27 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ފަސްވަނައިގަ އެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އާއި ސިޓީ އާއި ދެމެދު 9 ޕޮއިންޓުގެ ތަފާތެއް އެބައޮތެވެ.
ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 36 ވަނަ މިނިޓުގައި މެންޗެސްޓަރ ސިޓީގެ ޑިފެންޑަރ ޖޮސްކޯ ގްވަޑިއޯލް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ ގްވަޑިއޯލް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްފައިވާ ލަނޑެކެވެ.
އަނިޔާގެ ސަބަބުން މާކަސް ރަޝްފޯޑް އާއި އަލެހަންދްރޯ ގަރްނާޗޯ ނެތި ޔުނައިޓެޑް ކުޅުނު މި މެޗުގައި ޔުނައިޓެޑް އިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 88 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީންނެވެ. އަމަދް ދިއާލޯ އަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ޔުނައިޓެޑަށް ދިން ޕެނަލްޓީން ބްރޫނޯ ފެނާންޑޭޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
އަދި މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓުގައި އަމަދް ދިއާލޯ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުން ޔުނައިޓެޑަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.
ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އަށް މި މެޗުގައި ރަގަޅު ކުޅުމެއް ދެއްކިފައިނުވާއިރު ފަހަކަށް އައިސް އެ ޓީމަށް މޮޅުވެވިފައިވަނީ މަދު މެޗަކުންނެވެ. އަދި ލީގުގެ ފުރަތަމަ ފަސް މެޗުގައި 11 ލަނޑު ޖެހި ފޯވަޑް އާލިން ހާލަންޑް އަށް އޭނާ އެންމެ ފަހުން ކުޅުނު 11 މެޗުގައި ޖެހިފައިވަނީ 3 ލަނޑެވެ.
މެޗަށްފަހު ސިޓީގެ ކޯޗު ގަޑިއޯލާ ބުނެފައިވަނީ ސިޓީއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދަދެވިފައިނުވާތީ އޭނާއަކީ އެހާ މޮޅު މީހެއް ނޫން ކަމަށެވެ.
"އަހަރެން މިއީ މި ޓީމުގެ މެނޭޖަރ, އަހަރެން މިއީ ޓީމުގެ ބޮސް. އަހަރެން ޖެހޭނެ މިކަމަށް ހައްލެއް ހޯދަން އެކަމަކު އަދި އަހަރެންނަށް އެކަން ނުކުރެވޭ. އެއީ އަހަރެން އެހާ މޮޅު ނުވީމަ އަދި އެއީ ހަގީގަތް." ގަޑިއޯލާ ބުނެފައިވެ އެވެ.
ސިޓީގެ ކޯޗުކަމާއި ގާޑިއޯލާ ހަވާލުވި ފަހުން މިއީ އޭނާ މިހާތަނަށް ތަޖުރިބާ ކޮށްފައިވާ ކަންތައްތަކެއް ނޫނެވެ. އަދި ސިޓީން މިހާރު ހޯދަމުންދާ ދަށް ނަތީޖާގެ ސަބަބުން އެ ކްލަބުގެ ވެރިންގެ ފަރާތުން މިހާތަނަށް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.