ސްޕެއިންގެ ލަލީގާގައި ރޭ ބާސެލޯނާ އާއި ދެކޮޅަށް ލެގަނޭސް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިވެ ތާވަލުގެ އެއްވަނައިގައި އެހެން ޓީމު ތަކާއި ދެމެދުވާ ފަރަގު ބޮޑު ކުރުމަށް ލިބުނު ފުރުސަތު ނަގާލައިފިއެވެ.
މި މެޗުން ބާސެލޯނާ ބަލިވެފައިވާއިރު މިހާތަނަށް ކުޅުނު 18 މެޗުން އެ ޓީމަށް ލިބިފައިވަނީ 38 ޕޮއިންޓެވެ. ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑް އަށްވެސް 17 މެޗުން ވަނީ 38 ޕޮއިންޓް ލިބިފައެވެ. އަދި ބާސެލޯނާއަށް އެއްވަނަ މަގާމް ލިބިފައިވަނީ ފައިދާ ގޯލުންނެވެ.
ތިންވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށްވެސް 17 މެޗުން ލިބިފައިވަނީ 37 ޕޮއިންޓެވެ. އެހެންކަމުން މިއިން ކޮންމެ ޓީމެއްވެސް ދެން ކުޅޭ މެޗުން މޮޅުވެއްޖެނަމަ ތާވަލުގެ އެއްވަނަ މަގާމް އެ ޓީކަށް ލިބިގެންދާނެއެވެ.
ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގެ ހަތަރުވަނަ މިނިޓުގައި ސާޖިއޯ ގޮންޒާލޭޒް ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑުން ލެގާނެސް މޮޅުވެފައިވާއިރު އެ ޓީމު ވަނީ ތާވަލުގެ 15 ވަނަ އަށް އަރާފަ އެވެ.
މި މެޗުގައި ބާސެލޯނާ އިން މެޗު ޑޮމިނޭޓްކޮށް ގިނަ ހަމަލަތަކެއް ލެގާނެސްގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައިވީ ނަމަވެސް އެ ޓީމަށް އެއިން ހަމަލައެއް ގޯލަކަށް ބަދަލުކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.
ލީގުގައި ރޭ ގެޓާފޭ އާއި ދެކޮޅަށް އެތްލެޓިކޯ މެޑްރިޑް ކުޅުނު މެޗު 1-0 ގެ ނަތިޖާއަކުން އެ ޓީމު ވަނީ ގެޓާފޭ ބަލިކޮށްފަ އެވެ.