ޚަބަރު

އަމާޒަކީ މައިމީހާގެ ފަރާތުން އެޗްއައިވީ ފަދަ ބަލިތައް ވާރުތަވުން ނައްތާލެވިފައިވާ ޤައުމަކަށް ރާއްޖެ ހެދުން: ސިއްޙީ ވަޒީރު


  • ޝައްކުވާނަމަ އެއިޑްސްއަށް ވީހާވެސް އަވަހަށް ޓެސްޓް ކުރުމަށް އިލްތިމާސްކުރެއްވި

  • މުޖުތަމަޢު ގުޅިގެން ބަލިތަކުން އަރައިގަތުމަށް މަސައްކަތް ކުރެއްވުމަށް ގޮވާލެއްވި

އަމާޒަކީ މައިމީހާގެ ފަރާތުން އެޗްއައިވީ ފަދަ ބަލިތައް ވާރުތަވުން ނައްތާލެވިފައިވާ ޤައުމަކަށް ރާއްޖެ ހެދުން ކަމަށް ސިއްޙީ ވަޒީރު އަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއެވެ. ވަޒީރު މިހެން ވިދާޅުވީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސިއްޙީ ވަޒީރު އަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވީ އެއިޑްސްފަދަ ބަލިތަކަށް ފަރުވާ ދިނުމަށް ތިން ގައިޑްލައިނެއް އިފްތިތާހުކުރެވުމަކީ ސިއްޙީ ދާއިރާއިން ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ. އެފަދަ ބަލިތައް ޖެހިފައިވާ މީހުންނަށް ދޭންޖެހޭ ރައްކާތެރިކަމާއި އޯގާތެރިކަމާއި އަޅާލުން ނިޒާމުގެ ތެރެއިން ދެމުންގެންދާކަން ސިއްޙީ ދާއިރާއިން ކަށަވަރުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ އެއިޑްސް ބަލި ކުރިން ދެނެގަތުމުގެ މުހިންމުކަން ފާހަގަކުރައްވައި އެފަދަ ކަމަކަށް ޝައްކުކުރެވޭނަމަ ވީހާވެސް އަވަހަށް ޓެސްޓް ކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިފަދަ ކަންކަމުން އަރައިގަނެވޭނީ ޤައުމެއްގެ ގޮތުގައި އެކުއެކީގައި އެންމެން މަސައްކަތްކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުގެ މިއަދުގެ އަމާޒަކީ މައިމީހާގެ ފަރާތުން އެޗްއައިވީ އާއި ސިފިލިސް އަދި ހެޕަޓައިޓިސް ބީ ވާރުތަވުން ނައްތާލެވިފައިވާ ޤައުމަކަށް ހެދުންކަން ފާހަގަކުރައްވައި ވަޒީރު ނާޡިމް ވިދާޅުވީ މިހާރު ކުރައްވަމުންގެންދަވާ މަސައްކަތުން އަންނަ އަހަރު ނިމުމުގެ ކުރިން އެކަން ހާސިލުކުރެވޭނެ ކަމަށެވެ. އަދި ސިއްޙީ ދާއިރާއިން ސަރުކާރުގެ ސިޔާސަތުތައްވެސް ވަޒީރު ހިއްސާ ކުރެއްވިއެވެ.

"ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިއްޙީ ސިޔާސަތު ބައްޓަންވެފައިވަނީ ބަލިމަޑުކަމުން ރައްކާތެރިވެ، އެއް މުޖުތަމަޢުއަކަށް ހެދުމާއެކު އަދި ކޮންމެހެންވެސް ބޭސްފަރުވާ ބޭނުންވާ ހާލަތްތަކުގައި ބޭސްފަރުވާ ލިބެންޖެހޭނެ ނިޒާމު ހުރިހާ ރައްޔިތުންނަށް ކަށަވަރުވާނެ އުސޫލުން ކަންކަން ބައްޓަން ކުރަމުން ގެންދިއުން. މި ސަރުކާރުގެ ސިއްޙީ ސިޔާސަތު ވަރަށް ބޮޑަށް ބައްޓަން ކުރެވިފައިވަނީ ތިންކް ޓެކްނިކަލީ އެންޑް އެކްޓް ޕޮލިޓިކަލީ، މި ވިސްނުމުގައި،"

ވަޒީރު ވިދާޅުވީ ސިއްޙީ ލަނޑުދަނޑިތައް ހާސިލުކުރެވޭނީ ފަންނުވެރި އަދި ޢިލްމީ ދާއިރާގެ ބޭފުޅުންގެ ލަފަޔާއެކުގައި ކަމަށާއި ސިއްޙީ ދާއިރާއިން ކޮންމެހެން ނިންމަންޖެހޭ ނިންމެވުންތައް ސަރުކާރުން ނިންމަވަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ވޭޕް ބޭނުންކުރުމާއި ގެންގުޅުން މަނާކުރުމަކީ އެފަދަ މުހިންމު ފިޔަވަޅެއް ކަމަށާއި އެކަމުގައި ސަރުކާރަށް އާންމުންގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ސިއްޙީ ވަޒީރު އަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވިއެވެ.