ޚަބަރު

އަލިފާނުގެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާ ހިއްސާކުރުމަށް އެދިއްޖެ


  • މޭޖަރ ކްރައިމް އިންވެސްޓިގޭޝަ ނަންބަރު 9911099 އަށް ގުޅުމަށް ވަނީ އެދިވަޑައިގެންފައި

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާ ހިއްސާ ކުރުމަށް އެދިވަޑައިގެންފިއެވެ.

މިމަހުގެ 12ވީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތަކުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެކަން މޭޖަރ ކްރައިމް އިންވެސްޓިގޭޝަނާ ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ އެދިވަޑައިގެންފައެވެ. އެގޮތުން، އެފަދަ މައުލޫމާތެއް ލިބިފައިވާނަމަ މޭޖަރ ކްރައިމް އިންވެސްޓިގޭޝަން ނަންބަރު 9911099 އަށް ގުޅުމަށް ވަނީ އެދިވަޑައިގެންފައެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާއާއި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ ހިންގަމުން އައި އިމާރާތާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާ ހިންގަމުން އައި އިމާރާތުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވިގޮތް ދެނެގަތުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސް ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ހާދިސާގެ ފުރިހަމަ ތަޙްޤީގެއް ކުރާނެކަމަށާއި އެ ތަޙްޤީގަށް ބޭރުން ޚާއްސަ ޓީމެއްގެ އެހީތެރިކަން ހޯދާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢުވެސް ވަނީ ވިދާޅުވެފައެވެ.

ކޮމިޝަނަރ ޝުޖާއު ވިދާޅުވީ ބޭރުގެ ތަހުޤީގީ ޓީމާއެކު ކުރެވޭ މަސައްކަތުން ހާދިސާ ހިނގާދިޔަ ގޮތް ދެނެގަނެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކާވެސް މި ތަހުގީގު މުހިންމުކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މި ތަހުގީގުގެ ތެރެއިން އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދުގައި ފުލުހުންގެ ފޮރެންސިކް ޓީމްތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މުހިންމު ސާމްޕަލްތައް ނެގުމާއި ތަނުގެ ވަށައިގެން ހުރި ސީސީޓީވީ ފުޓޭޖްތައް ތަހުލީލްކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރައްވަމުންނެވެ.

މި ހާދިސާއާ ގުޅިގެން އެންމެ ފުރަތަމަ މަންޒަރު ދުށް މީހުންގެ ބަޔާންތައް ނެގުމުގެ މަސައްކަތާއި ހާދިސާގެ މައުލުމާތު އެންމެ ފުރަތަމަ ލިބޭނެ ކަމަށް ގަބޫލުކުރެވޭ މީހުންނާ ސުވާލުކުރުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރައްވަމުންނެވެ.