ޚަބަރު

ޗެލްސީގެ މުޑްރީކް މަނާ ބޭހަށް ޕޮޒިޓިވްވެ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފި


އިނގިރޭސި އެފްއޭ އިން ހެދި ރެންޑަމް ޓެސްޓަކުން ކުޅިވަރުގައި މަނާ ބޭހަކަށް ޗެލްސީގެ ފޯވަޑް މިހައިލޯ މުޑްރީކް ޕޮޒިޓިވްވެފައިވާތީ އޭނާ ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފި އެވެ.

ޗެލްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެފްއޭ އިން މުޑްރީކް މަނާ ބޭހަށް ޕޮޒިޓިވް ވެފައިވާކަމަށް އަންގާފައިވާ ކަމަށާއި އަދި އެކަން އިތުރަށް ބަލަމުންދާތީ ވަގުތީ ގޮތުން އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް މުޑްރީކް ބުނެފައިވަނީ އޭނާ ގަސްތުގައި މަނާ ބޭހެއް ބޭނުން ކޮށްފައިނުވާނެ ކަމަށާއި މިކަމުގައި ފުރިހަމައަށް އެއްބާރުލުންދީ އޭނާ ޕޮޒިޓިވްވީ ކިހިނެއްތޯ ބަލަށް ކުރަން ޖެހޭ ކަންތައްތަކުގައި އޭނާ އެހީތެރިވާނެ ކަމަށެވެ. އަދި މިއީ އޭނާ އަށް ލިބިގެންދިޔަ ބޮޑު ޝޮކެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފަ އެވެ.

މިކަމާއި ގުޅޭ ގޮތުން އެއްވެސް ކޮމެންޓެއް އެފްއޭ އިން ކޮށްފައިނުވާއިރު މިއީ ކޮން އިރަކު ހަދާފައިވާ ޓެސްޓެއް ކަމާއި އަދި ޕޮޒިޓިވް ވެފައިވަނީ ކޮން ބޭހަކަށްކަން އަދި ހާމަކޮށްފަ އެއް ނުވެއެވެ.

އެފްއޭގެ ގަވާއިދު ބުނާ ގޮތުން މަނާ ބޭހަކަށް ފުރަތަމަ ޓެސްޓުންވެސް ޕޮޒިޓިވް ވެއްޖެނަމަ އެ ކުޅުންތެރިއަކު ވަގުތީ ގޮތުން ސަސްޕެންޑް ކުރެވޭނެ އެވެ. އަދި ގަސްތުގައި އެފަދަ ބޭހެއް ބޭނުންކުރިކަން ސާބިތުވެއްޖެނަމަ ފީފާގެ ގަވާއިދު ބުނާ ގޮތުން ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް އެ ކުޅުންތެރިއަކު ސަސްޕެންޑް ކުރެވޭނެ އެވެ.

2023 ވަނަ އަހަރު ޝާހުތާރު ޑޮނެސްކް އިން 89 މިލިއަން ޕައުންޑްގެ ފީއަކަށް ޗެލްސީ އާއި ގުޅުނު މުޑްރީކް އަށް އެ ކްލަބުގައިވަނީ އެދެވޭ ކުޅުމެއް ދެއްކޭ ގޮތް ނުވެފަ އެވެ. ޗެލްސީ އަށް މިހާތަނަށް އޭނާ ކުޅެދިން 73 މެޗުގައި ޖެހިފައިވަނީ 10 ލަނޑެވެ.

މަނާ ބޭސް ބޭނުންކޮށްގެން އެންމެ ފަހުން ސަސްޕެންޑް ކޮށްފައިވަނީ ފްރާންސްގެ މިޑްފީލްޑަރ ޕޯލް ޕޮގްބާ އެވެ. ޔުވެންޓަސް އަށް ކުޅެމުންދަނިކޮށް އިޓަލީގެ އެފްއޭ އިން ހެދި ޓެސްޓަކުން އޭނާ ޕޮޒިޓިވްވެ ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް އޭނާ ފުރަތަމަ ސަސްޕެންޑް ކުރިނަމަވެސް އެ މައްސަލަ އޭނާގެ ފަރާތުން އެޕީލް ކުރުމަށްފަހު ސަސްޕެންޝަނުގެ މުއްދަތު ވަނީ 18 މަސް ދުވަހަށް ކުޑަކޮށްފަ އެވެ.