ޚަބަރު

ބްރެޒިލް އެފްއޭގެ ރައީސްކަމަށް ރޮނާލްޑޯ ކުރިމަތިލަނީ


ބްރެޒިލްގެ ފުޓްބޯލް އެސޯސިއޭޝަނުގެ ރައީސް ކަމުގެ މަގާމަށް ވާދަކުރާނެ ކަމަށް ކުރީގެ ފޯވަޑް ރޮނާލްޑޯ ބުނެފި އެވެ.

އުމުރުން 48 އަހަރުގެ ރޮނާލްޑޯ ބުނެފައިވަނީ ކޮންފެޑަރޭޝަން އޮފް ބްރެޒީލިއަން ފުޓްބޯލް (ސީބީއެފް) ގެ ރައީސް ކަމުގެ މަގާމަށް އޭނާ ވާދަކުރަނީ ބްރެޒިލްގެ ނަން ދުނިޔޭގެ ފުޓްބޯޅައިގައި ކުރިން އޮތް ހަރުފަތަށް ގެންދިއުމަށް ކަމަށެވެ. އަދި މިހާރު އެ އިދާރާގެ ރައީސްގެ މަގާމުގައި ހުރި އެޑްނަލްޑޯ ރޮޑްރިގޭޒް އެކަމަށް ފެއިލް ވެފައިވާކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ފަސް ފަހަރު މަތިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލް އިން އެންމެ ފަހުން ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވަނީ 2002 ވަނަ އަހަރު ސައުތު ކޮރެއާ އާއި ޖަޕާން ގައި ބޭއްވި މުބާރާތުގަ އެވެ. އެ މުބާރާތުގެ ފައިނަލުގައި ޖަރުމަނާއި ދެކޮޅަށް ބްރެޒިލް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރިއިރު އެ ދެ ލަނޑުވެސް ޖަހާފައިވަނީ ރޮނާލްޑޯ އެވެ.

ރޮނާލްޑޯ އިތުރަށް ބުނެފައިވަނީ ފާއިތުވެދިޔަ ގިނަ އަހަރު ތަކެއްގައި ބްރެޒިލްގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކުގެ ހައްލަކަށް ވެފައިވާ ފުޓްބޯޅަ މިހާރު އޮތް ހާލަތުން އަރައިގަންނަން ޖެހޭ ކަމަށެވެ. އަދި ގައުމީ ޓީމާއި މެދު ރައްޔިތުންގެ ޝައުގުވެރިކަމާއި އިހުތިރާމް މިހާރު ގެއްލިފައިވާކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ސީބީއެފް ގެ މިހާރުގެ ރައީސް ރޮޑްރިގޭޒްގެ ދައުރު ހަމަވާނީ 2026 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށެވެ. ނަމަވެސް ސީބީއެފްގެ ގަވާއިދު ބުނާ ގޮތުން އެއިރެއްގައި މަގާމުގައި ހުންނަ ފަރާތެއްގެ ދައުރު ހަމަވުމުގެ އެއް އަހަރު ކުރިން އިންތިހާބު ބާއްވަން ޖެހޭނެ އެވެ. އެހެންކަމުން 2025 ވަނަ އަހަރުގެ މާޗު މަހުގެ ކުރިން މި އިންތިހާބު ބާއްވަން ޖެހޭނެ އެވެ.

2022 ވަނަ އަހަރާއި 1994 ވަނަ އަހަރުގެ ވޯލްޑްކަޕް ބްރެޒިލް އަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ރޮނާލްޑޯ އަކީ ވޯލްޑްކަޕްގެ 100 އަހަރުވީ ދިގު ތާރީޚުގައި އެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ދެވަނަ ކުޅުންތެރިޔާ އެވެ. އެއްވަނައިގައި އޮތް ޖަރުމަނުގެ މިރޮސްލާވް ކްލޯސާ ޖަހާފައިވަނީ 19 ލަނޑެވެ.

އުމުރުން އެންމެ 17 އަހަރުގައި ގައުމީ ޓީމަށް ކުޅެން ފެށި ރޮނާލްޑޯ ވަނީ ކޯޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ދެ ފަހަރު ހޯދުމުގެ އިތުރުން އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ލޯ މެޑަލް ހޯދާފަ އެވެ.

2011 ވަނަ އަހަރު ރޮނާލްޑޯ ކުޅުން ހުއްޓާލި ފަހުން މިހާތަނަށް ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލަށްވުރެ ދުރަށް އެ ގައުމަށް ދެވިފައެއް ނުވެއެވެ. އަދި ކޯޕާ އެމެރިކާ ކާމިޔާބު ކުރެވިފައިވަނީ އެންމެ ފަހަރަކު އެވެ.

ރޮނާލްޑޯ އިތުރަށް ބުނެފައިވަނީ ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ކުޅުންތެރިން ބްރެޒިލްގައި ތިބިއިރު މިފަދަ ބޮޑެތި މުބާރާތްތަކުގައި ކާމިޔާބީ ނުހޯދޭކަމީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ބަދަލުކުރަން ޖެހޭ ކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވަނީ މި މަގާމަށް ވާދަކުރާއިރު ސްޕެއިންގެ ލަލީގާގެ ރެއާލް ވަޔަޑޮލިޑްގައި އޮތް އޭނާގެ ހިއްސާ ވިއްކާލާނެ ކަމަށެވެ.