ޚަބަރު

އެވަޓަންގެ މެޖޯރިޓީ ހިއްސާ ފްރައިޑްކިން ގްރޫޕުން ގަނެފި


އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް އެވަޓަންގެ މެޖޯރިޓި ހިއްސާ ފްރައިޑްކިން ގްރޫޕުން ގަނެފައިވާ ކަމަށް އެ ކްލަބުން ހާމަކޮށްފި އެވެ.

އެމެރިކާގެ ފްރައިޑްކިން ގްރޫޕުން އެވަޓަންގެ ހިއްސާ ގަތުމަށް މަސައްކަތްކޮށް އޭރު އެވަޓަންގެ މެޖޯރިޓީ ހިއްސާ ކޮންޓްރޯލް ކުރަމުންއައި ފަރުހާދް މޮޝީރީ އާއި ދެމެދު އެއްބަސްވެފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހު އެވެ. އަދި އެކަމަށް ޕްރިމިއާ ލީގުގާއި އިނގިރޭސި އެފްއޭގެ އިތުރުން ފައިނޭންޝަލް ކޮންޑަކްޓް އޮތޯރިޓީ އިން ހުއްދަ ލިބި އެ ވިޔަފާރި މިހާރުވަނީ ނިމިފަ އެވެ.

ފްރައިޑްކިން ގްރޫޕުން އެވަޓަންގެ %94.1 ހިއްސާ ގަނެފައިވާއިރު އެ ކުންފުނި އަކީ އިޓަލީގެ ސެރިއާގެ ކްލަބް ރޯމާގެވެސް ވެރި ފަރާތެވެ. އަދި އެވަޓަންގެ ހިއްސާ ފްރައިޑްކިން އިން ގަނެފައިވާއިރު މިއީ އެމެރިކާގެ މަހުޖަނުން ހިންގާ ޕްރިމިއާ ލީގުގެ 10 ވަނަ ކްލަބެވެ.

ފޯބްސްއާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން ފްރައިޑްކިން ގްރޫޕްގެ ޗެއާމަން ޑެން ފްރައިޑްކިންގެ މިލްކިއްޔާތަކީ 5.7 ބިލިއަން ޕައުންޑެވެ.

އެވަޓަންގެ ހިއްސާ ގަނެ އެ ކްލަބުގެ ދަށަށް އެވަޓަން ދިޔަ ނަމަވެސް، ރޯމާއަށް އެކަމުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި، އެކަމުން އެ ކްލަބަށްވެސް ކުރާނީ ފައިދާ ކަމަށް ފްރައިޑްކިން ގްރޫޕުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފްރައިޑްކިން ގްރޫޕުން އެވަޓަންގެ ބޮޑު ހިއްސާއެއް ގަންނަނީ 400 އާއ 500 މިލިއަން ޕައުންޑާއި ދެމެދުގެ އަގަކަށެވެ.

2016 ވަނަ އަހަރު މޮޝީރީ، އެވަޓަންއާ ހަވާލުވުމަށްފަހު އޭނާ ވަނީ 750 މިލިއަން ޕައުންޑް އެ ކްލަބަށް ޚަރަދުކޮށްފައެވެ. ނަމަވެސް ކްލަބުގެ ސަޕޯޓަރުން ވަނީ އޭނާ ކުލަބު ގެންގުޅޭ ގޮތާއިމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އޭނާ އެންމެ ފުރަތަމަ 2016 ވަނަ އަހަރު ގަނެފައިވަނީ އެވަޓަންގެ 49.9 އިންސައްތަ ހިއްސާއެވެ. އޭގެ ފަހުން އޭނާ ވަނީ 2022 ވަނަ އަހަރު އޭނާގެ ހިއްސާ 94.1 އިންސައްތައަށް އިތުރުކޮށްފައެވެ.

ޕްރިމިއަރ ލީގުގެ މާލީ ގަވާއިދުތަކާއި ޚިލާފުވެގެން މިދިޔަ ސީޒަނުގައި އެވަޓަންއިން ވަނީ ދެ ފަހަރެއްގެ މަތިން ޕޮއިންޓް އުނިކޮށްފައެވެ.

މޮޝީރީގެ ދަށުން އެވަޓަންއަށް މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ ރަޝިޔާއިން ޔުކްރެއިނަށް ހަމަލާ ދޭން ފެށުމާ ގުޅިގެން، އެވަޓަންގެ ސްޕޮންސަރެއް ކަމުގައިވާ ޔޫއެސްއެމް ހޯލްޑިންގެ ސްޕޮންސަރ ހުއްޓާލުމާ ގުޅިގެންނެވެ. ޔޫއެސްއެމް ހޯލްޑިން އަކީ ރަޝިޔާގެ އަލީޝާ އުސްމަނޯފް އާއި މޮޝީރީގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާއިރު، ޔޫރަޕިއަން ޔޫނިއަންއިން ވަނީ އުސްމަނޯފްގެ ހުރިހާ މުދަލެއް ފްރީޒް ކޮށްފައެވެ. އަދި އެކަމާ ގުޅިގެން އެ ކުންފުނީގެ ޗެއާމަން ކަމުން މޮޝީރީ ވަނީ އިސްތިއުފާވެސް ދީފައެވެ.