މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގްރީން ފަންޑުގައި 1.6 ބިލިޔަން ރުފިޔާ އެބަހުރިކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އަދި ސެޕްޓެމްބަރު މަހު ގްރީން ޓެކުހުމުގެ ގޮތުގައި ދައުލަތަށް 88 މިލިޔަން ރުފިޔާ ލިބިފައިވާކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. މާލީ ވުޒާރާގެ "ގްރީން ފަންޑް" ރިޕޯޓުން ދައްކާގޮތުން ގްރީން ޓެކުހުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ރިސޯޓްތަކުންނެވެ.
ގްރީން ޓެކުހަކީ ތިމާވެށްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކުހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.
މާލީ ވުޒާރާގެ ގްރީން ފަންޑް ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 88،910،832 ރުފިޔާއެވެ. މި މުއްދަތުގެ ތެރޭގައި އެންމެ ބޮޑު އަދަދެއް ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ ރިސޯޓްތަކުންނެވެ. އެއީ 80.7 މިލިޔަން ރުފިޔާއެވެ.
ސެޕްޓެމްބަރ މަހުގެ ތެރޭގައި ޓޫރިސްޓު ހޮޓާތަކުން ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 2.1 މިލިޔަން ރުފިޔާއެވެ. ގެސްޓްހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 4.8 މިލިޔަން ރުފިޔާއެވެ. ސަފާރީތަކުން ގްރީން ޓެކުހުގެ ގޮތުގައި 1.3 މިލިޔަން ރުފިޔާ ލިބިފައިވާއިރު ހޯމްސްޓޭއިން ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 7،778 ރުފިޔާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
* ކ. އަތޮޅު – 31.4 މިލިޔަން ރުފިޔާ
* ރ. އަތޮޅު – 10.3 މިލިޔަން ރުފިޔާ
* އދ. އަތޮޅު – 7 މިލިޔަން ރުފިޔާ
މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 6 އެމެރިކާ ޑޮލަރު، އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 3 އެމެރިކާ ޑޮލަރު، ގްރީން ޓެކުހުގެ ގޮތުގައި ނަގައެވެ.
ރިޕޯޓުގައިވާގޮތުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެފަންޑުގައި 1.6 ބިލިޔަން ރުފިޔާ އެބަހުއްޓެވެ.
1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކްސް ނަގަމުންދާ ރޭޓުތަކަށް ބަދަލު ގެނައުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން މިހާރު 6 އެމެރިކާ ޑޮލަރުގައި ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 12 އެމެރިކާ ޑޮލަރަށް މަތިވާނެއެވެ. އަދި 3 އެމެރިކާ ޑޮލަރުން ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6 އެމެރިކާ ޑޮލަރަށް މަތިވާނެއެވެ. މީގެއިތުރުން އަންނަ އަހަރުން ފެށިގެން އުމުރުން 2 އަހަރު ނުވާ ކުޑަކުދިންގެ އަތުން ގްރީން ޓެކްސް ނެގުން އިސްތިސްނާކުރުމަށް ވަނީ ނިންމާފައެވެ.
"ބަޖެޓް ޕޮޒިޝަން ރިޕޯޓް" ގައި ބުނެފައިވަނީ ޓެކްސް ރޭޓުތަކަށް ގެންނަ ބަދަލާއެކު އަންނަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ %95.2 އިތުރުވާނެކަމަށެވެ. މި ބަދަލުތަކާއެކު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަކީ 963.6 މިލިޔަން ރުފިޔާކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ.