ރާއްޖޭގައި މިހާރު ކުރިއަށްދާ އޭޓީއެފް މޯލްޑިވްސް ޖޫނިއަރ އޯޕަންގެ 16 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ރާއްޖޭގެ އާރާ އާސާލް އާޒިމް ހޯދައިފިއެވެ.
މުބާރާތުގެ 16 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން އާރާ ހޯދީ ފައިނަލުގައި މިއަދު ހެނދުނު ހޮންކޮންގެ ހިއު ލަމް އެލާއާއި ވާދަކޮށް ސީދާ ދެ ގޭމުންނެވެ. އެއީ 6-2 އަދި 6-3 އިންނެވެ.
މި މުބާރާތުގައި އާރާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައެވެ. އަދި ޑަބަލްސް ޗެމްޕިއަންކަންވެސް ވަނީ ހޯދާފައެވެ. ޑަބަލްސްގެ ޕެއާއެއްގެ ގޮތުގައި އާރާއާއެކު ކުޅުނީ ނަޔާރާ އުސާމާ އަލީ އެވެ.
މާލޭ ޓެނިސް ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި، އޭޓީއެފް ޖޫނިއާ އޯޕަންގެ ސެމީ ފައިނަލުގައި އާރާ ނުކުތީ ރާއްޖޭގެ އައިޝަތު ކެރިން ސައިޒާންއާ ދެކޮޅަށެވެ. އާރާ މި މެޗުން މޮޅުވީ، 6-2، 6-1 އިންނެވެ.
ޖުމްލަ 30 އަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ 15 ކުޅުންތެރިން ހިމެނެއެވެ. މުބާރާތުގައި އޭޝިއާ ބައްރުގެ ކަޒަކިސްތާނާއި ޗައިނާއާއި އިންޑިއާގެ ކުޅުންތެރިން ހިމެނެވެ. މީގެ އިތުރުން އިންގްލަންޑް އާއި ބްރެޒިލްގެ ކުޅުންތެރިންވެސް ވާދަކުރެއެވެ.