ވިޔަފާރި

އޭ.އައި.އައި.ބީން ޚަރަދު ކުރާނެ މަޝްރޫޢުތަކާއިމެދު މަޝްވަރާކޮށްފި


އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް އޭ.އައި.އައި.ބީއިން ޚަރަދު ކުރާނެ މަޝްރޫޢުތަކާއި ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގގައި ކުރިއަށްދިޔަ މި މަޝްވަރާތައް ވިލަރެސް ކުރައްވާފައިވަނީ އޭ.އައި.އައި.ބީގެ ގަވަރނަރ އަދި ރާއްޖޭގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒާއި، އެ ބޭންކްގެ އޮލްޓަނޭޓް ގަވަރނަރ އަދި ރާއްޖޭގެ ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރާއި، އެ ބޭންކުގެ ރައީސް ޖިން ލީކުންއެވެ.

އޭ.އައި.އައި.ބީގެ ފުރަތަމަ އަހަރީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ހައުސިންގ މިނިސްޓަރާއި ފިނޭންސް މިނިސްޓަރ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާ ހޯދުމާއި ބެހޭ ގޮތުން ކާމިޔާބު މަޝްވަރާތަކެއް ބާއްވާފައިވާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.

އޭ.އައި.އައި.ބީ އިފްތިތާޙުކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އޭ.އައި.އައި.ބީއަކީ އޭޝިއާގެ ޤައުމުތަކުގެ ގުޅުން ރަނގަޅުކޮށް ސަރަޙައްދީ އެހެން ބޭންކްތަކާއި ގުޅިގެން، އޭޝިއާގެ ޤައުމުތަކުގެ އިޤްތިޞާދީ ތަރައްޤީއަށް މަސައްކަތް ކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އިސްނެންގެވުމުގެ ދަށުން އުފައްދާފައިވާ ބޭންކެކެވެ.

މި ބޭންކުގެ ރައުސުލްމާލަކީ 100 ބިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ވޯލްޑް ބޭންކުގެ ރައުސުލްމާލުގެ ދެބައިކުޅަ އެއްބަޔާއި އެއްވަރުގެ ޢަދަދެކެވެ.