އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓްނަމް ހޮޓްސްޕަރ އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު 6-3 ގެ ނަތީޖާއަކުން ލިވަޕޫލް ކާމިޔާބުކޮށް ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ހޯދައިފި އެވެ.
މި މެޗުން ލިވަޕޫލް މޮޅުވުމާއެކު އެ ޓީމަށް ވަނީ 16 މެޗުން 39 ޕޮއިންޓާއެކު އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް ޗެލްސީ އެއް މެޗު އިތުރަށް ކުޅެގެން އެ ޓީމަށް ލިބިފައިވަނީ 35 ޕޮއިންޓެވެ.
ލަންޑަނުގައި ޓޮޓްނަމް ހޮޓްސްޕަރގެ ދަނޑުގައި ކުޅުނު މި މެޗުގެ 23 ވަނަ މިނިޓުގައި ލުއިސް ޑިއާޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި 36 ވަނަ މިނިޓުގައި އެލެކްސިސް މެކަލިސްޓަރ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ޓޮޓްނަމްގެ ޖޭމްސް މެޑިސަން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ޑޮމިނިކް ސޮބޮސްލާއީ ވަނީ އިތުރު ލަނޑެއް ޖަހާ ލިވަޕޫލްގެ ލީޑު ދެވަނަ ފަހަރަށް ފުޅާ ކޮށްދީފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 9 ވަނަ މިނިޓުގައި މުހައްމަދު ސަލާ ވަނީ ލިވަޕޫލް އަށް ލަނޑެއް ކާމިޔާބުކޮށްދީފަ އެވެ. އަދި އޭގެ 7 މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 5-1 އަށް ބަދަލުކޮށްފަ އެވެ.
ޓޮޓްނަމް އިން މި މެޗުގެ ދެވަނަ ހާފުގައިވަނީ އިތުރު ދެ ލަނޑު ޖަހާފަ އެވެ. އެއީ 72 ވަނަ މިނިޓާއި 83 ވަނަ މިނިޓުގައި ކުލުސޭވްސްކީ އާއި ޑޮމިނިކް ސޮލާންކޭ ކާމިޔާބުކުރި ދެ ލަނޑެވެ.
ލިވަޕޫލް އިން މި މެޗުގައި ޖެހި ހަވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް ލުއިސް ޑިއާޒް ކާމިޔާބު ކޮށްދިން ލަނޑެކެވެ.
މި މެޗުގައި ޓޮޓްނަމްގެ ސަޕޯޓަރުން ވަނީ އެ ކްލަބުގެ ވެރިންނާއިމެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި އެ ކްލަބުގެ ވެރިންގެ ގޮތުގައި މިހާރު ތިބި ފަރާތުން އެ ޒިންމާ އަދާކުރަމުންދާތާ 24 އަހަރު ވެފައިވާއިރު މެޗުގެ 24 ވަނަ މިނިޓުގައި ޓޮޓްނަމްގެ ސަޕޯޓަރުން ވަނީ ކަޅު ކުލައިގެ ފުއްޕާހަންތަކެއް ދޫކޮށްލާފަ އެވެ. ފާއިތުވެދިޔަ 24 އަހަރުގެ ތެރޭގައި އެ ކްލަބަށް ހޯދިފައިވާ ހަމައެކަނި ކާމިޔާބީ އަކީ 2008 ވަނަ އަހަރު ލީގު ކަޕް ކާމިޔާބު ކުރުމެވެ.