މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވަޑް މާކަސް ރަޝްފޯޑް އާއި އެ ކްލަބުގެ އައު ކޯޗު ރުބެން އަމޮރިމް އާއިދެމެދު ހިޔާލު ތަފާތުވެ މައްސަލަތަކެއް ޖެހިފައިވާކަން ހާމަވެއްޖެ އެވެ.
އަމޮރިމް ޔުނައިޓެޑާއި ހަވާލުވި ފަހުން ރަޝްފޯޑް އަށް ޓީމުން ފުރުސަތު ލިބިފައިނުވާއިރު އެންމެ ފަހުން އެ ޓީމު ކުޅުން ތިން މެޗުގައިވެސް ސްކޮޑުގައިވެސް ހިމެނިފައެއް ނުވެއެވެ. އަދި ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފާރ ގައި އޭނާ އެހެން ކްލަބަކަށް ވިއްކާލުމުގެ ވިސްނުން އެ ކްލަބުން ގެންގުޅޭ ކަމަށްވެސް މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.
މިކަމަށް އެންމެ ބޮޑު ބާރެއް ލިބިގެންދިޔައީ ދާދި ފަހުން ރަޝްފޯޑް އާއި ގުޅޭ ގޮތުން އަމޮރިމް ދައްކާފައިވާ ވާހަކަތަކާއި ގުޅިގެންނެވެ. އެގޮތުން އޭނާ ވަނީ ރަޝްފޯޑް އަށް ނަސޭހަތްދޭ އަދި އޭނާ އާއިއެކު އުޅޭ ފަރާތްތަކާއިމެދު އަމޮރިމް ވަނީ ސުވާލު އުފައްދާފަ އެވެ.
އަމޮރިމް ގަބޫލުކުރާ ގޮތުގައި ރަޝްފޯޑް އަށް ޓީމުން ފުރުސަތު ނުލިބޭ މައްސަލާގައި އޭނާ ދީފައިވާ އިންޓަވިއުއަކީ ރަޝްފޯޑް ކައިރި އުޅޭ ފަރާތްތަކުގެ ލަފާގެ މަތިން އޭނާ ދީފައިވާ އިންޓަވިއުއެކެވެ. އަދި އެ އިންޓަވިއުގައި ރަޝްފޯޑް ބުނެފައިވަނީ އައު ޗެލެންޖްތަކާއި ކުރިމަތިލާން ތައްޔާރަށް ހުރި ކަމަށެވެ.
ރަޝްފޯޑްގެ އިންޓަވިއު އާއި ގުޅިގެން އަމޮރިމް ބުނެފައިވަނީ އޭނާ މިހާރު އެ އިންޓަވިއު މަތިން ހަނދާން ނައްތާލާފައިވާ ކަމަށާއި އޭނާ ބޭނުންވަނީ ޓީމަށް ފައިދާކުރާ ބަދަލުތަކާއިއެކު ކުރިއަށް ދިއުމަށް ކަމަށެވެ. އަދި ރަޝްފޯޑް ފަދަ ހުނަރުވެރި ކުޅުންތެރިއަކު ބޭނުންވާ ކަމަށާއި މިހާރު އިންތިޒާރު ކުރަނީ އޭނާ ދަނޑު މަތީގައި ދައްކާނެ ކުޅުމަކަށް ކަމަށެވެ. ނަމަވެސް އޭގެ ފަހުން ރަޝްފޯޑް އަށް އަމޮރިމް ވަނީ ކުޅުމުގެ ފުރުސަތު ނުދީފަ އެވެ.
ރަޝްފޯޑްގެ މުސްތަގުބަލާއި ގުޅޭ ގޮތުން އަމޮރިމް ބުނެފައިވަނީ އެއީ އޭނާ އާއި ކްލަބާއި ދެމެދު ނިންމާ ނިންމުމެއް ކަމަށާއި ރަގަޅު ވަގުތުގައި އެކަމަށް ގޮތެއް ނިންމާނެކަމަށް އުންމީދު ކުރާ ކަމަށެވެ.
ރަޝްފޯޑް ވަނީ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެދިން 426 މެޗުގައި 138 ގޯލު އެ ކްލަބަށް ކާމިޔާބުކޮށްދީފަ އެވެ.
ޕްރިމިއާ ލީގުގައި މިހާތަނަށް 17 މެޗު މެންޗެސްޓަރ ޔުނައިޓެޑް މި ސީޒަނުގައި ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވާ 22 ޕޮއިންޓާއެކު އޮތީ ތާވަލުގެ 13 ވަނައިގަ އެވެ. މިއީ ސީޒަނުގެ މިހާ ހިސާބަށްދާއިރު 1986 ވަނަ އަހަރަށް ފަހު އެ ޓީމު 13 ވަނައިގައި އޮތް ފުރަތަމަ ފަހަރެވެ.
ލީގުގައި އަންނަ ބުރާސްފަތި ދުވަހު ޔުނައިޓެޑް ނިކުންނާނީ ވޮލްވްސް އާއި ދެކޮޅަށެވެ. އަދި އޭގެ ފަހުން ޑިސެމްބަރ 30 ވަނަ ދުވަހު ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅޭނެ އެވެ.